ކުޅުދުއްފުށީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ޒަޔާން މާޓް ފިހާރަ ކައިރިން ހަތަރު އަނގޮޅިއަށްވާ ކަހަލަ ގޮތަކަށެވެ. އެއީ ތާރުއަޅައިގެން ތަރައްގީކޮށްފައިވާ މަގެކެވެ. މިއެކްސިޓެންޑްގައި އެއް ސައިކަލް ދުއްވަން އިނީ އަންހެނެކެވެ. އަދި އަނެއްސައިކަލު ދުއްވަން އިނީ ފިރިހެނެކެވެ. އެ ފިރިހެން މީހާގެ ފަހަތުގައި ކުޑަ ފިރިހެން ކުއްޖެއް އިންއިރު 3 މީހުންނަށްވެސް ވަނީ އަނިޔާވެފަ އެވެ.
ކޭއާރުއެޗުގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ކޭއޯއަށް ވިދާޅުވީ މިއަދު ހެނދުނު 10:00 ކަށްހާއިރު އެކްސިޑެންޓްވެގެން 3 މީހުން ގެނެސްފައިވާކަމަށާއި އެއީ 21 އަހަރުގެ އަންހެނެއްގެ އިތުރުން 49 އަހަރުގެ ފިރިހެނަކާއި 11 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.
މުހައްމަދު މޫސާ ވިދާޅުވީ މި ވަގުތު އެ މީހުނަށް ލިބިފައިވާ އަނިޔާތައް ބަލަމުންދާ ކަމަށެވެ. 49 އަހަރުގެ މީހާގެ ބޯފަޅައިގެންގޮސްފައިވާއިރު އޭނާއަށްވެފައިވާ އަނިޔާ ދެނެގަނެވޭނީ ސީޓީ ސްކޭން ފަދަ އިތުރު ތަހުލީލުތައް ހެދުމަށްފަހު ކަމަށެވެ.
މަންޒަރު ފެނުނު މީހަކު ބުނީ، ފިރިހެން މީހާގެ ބޯފަޅައިގެންގޮސް ގިނަ އަދަދެއްގެ ލޭ މަގުމައްޗަށް ފޭބި ކަމަށެވެ.
ކުޑަކުއްޖާގެ އަތާއި ތަންތަން މަށައިގެންގޮސްފައިވާއިރު އަންހެން މީހާއަށްވެސްވަނީ އެކިވަރު ކުދި އަނިޔާލިބިފަ އެވެ. 3 މީހުންނަށްވެސް ފަރުވާދެމުން އަންނަނީ ކޭއާރުއެޗްގެ އެމަޖެންސީ ބައިގަ އެވެ.