މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު އުފުލެމުން އަންނައިރު، އެ ކަމާ ދެކޮޅަށް މުޅި ދުނިޔެއިން މިހާރުން މިހާރަށް ކުރަންވީ މުހިންމު ތިން ކަމެއް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ.
އދ. ގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައާ ގުޅޭގޮތުން އިއްޔެ އޮތް މަތީ ފަންތީގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކާއެކު ކަނޑުގެ ލޮނުގަނޑު އުފުލި، ހޯދިފައިވާ ތަރައްގީ "ގިރައިލައި" އިގްތިޞާދު ވެސް ނުރައްކަލުގެ ތެރެއަށްް ވައްޓައިލަމުން އަންނަކަމަށެވެ.
އެހެންކަމުން މޫސުމީ ބަދަލުތަކާއި، އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމަކީ، އަވަސް އަދި ދާއިމީ ގޮތެއްގައި ދުނިޔެއިން އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރަން ގޮވައިލާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ފުރަތަމަ ކަމަކަށް، މޫސުމީ ބަދަލުތަަކަށް ހޭނި އެ ބަދަލުތަކަށް ކަންކަން ފަހިކުރުމަށް ޓަކައި އެޑެޕްޓޭޝަން ފައިނޭންސިން މިހާރަށްވުރެ ދެ ގުނަ އިތުރުކޮށް، ފަސޭހައިން ލިބޭނެ މަގު ހަމަޖެއްސުމަށް ރައީސް ގޮވައިލެއްވިއެވެ. އަދި އެ ކަމުގައި އޮންނަ ދިގު މަރުހަލާތަކާއި އުނދަގޫ އުސޫލުތައް އުނިކުރަން ގޮވައިލެއްވިއެވެ.
ދެވަނައަށް ރައީސް ގޮވައިލެއްވީ ލޮސް އެންޑް ޑެމޭޖް ފަންޑުގެ ބޭނުން ކުރުމަށެވެ. އަދި ތިންވަނައަށް ޓެކްނޮލޮޖީގެ ގޮތުން އެހީތެރިކަން ދިނުމަށެވެ.
ރައީސް ވިދާޅުވީ 1989 ވަނަ އަހަރު ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ކުދި ގައުމުތަކުން އަޑު އުފުލުމަށް ބައިނަލްއަގްވާމީ އެންމެ ފުރަތަމަ ކޮންފަރެންސް ރާއްޖެއިން ބޭއްވި ކަމަށެވެ.
އެ ކޮންފަރެންސުން ނެރެވުނު ނަތީޖާކަމަށްވާ 'މާލެ ޑިކްލެރޭޝަން އޮން ގްލޯބަލް ވޯމިން އެންޑް ސީ ލެވެލް ރައިޒް" އަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކަލާމެދު ދުނިޔެ ހޭލުންތެރިކުރުވި ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.
އެ ކޮންފަރެންސުގައި ގޮވައިލީ އެ ކަމާ ދެކޮޅަށް އަވަސް ފިޔަވަޅު އެޅުމަށާއި، ވަސީލަތްތަކާއި ފަންނިއްޔާތު ބޭނުންކުރުމަށް ކަމަށާއި، އަދި މި މައްސަލައާމެދު އަބަދުވެސް މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ވޯކިން ގްރޫޕެއް އެކުލަވައިލަން ގޮވައިލިއިރު އެއީ ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް މޫސުމީ ބަދަލުތަކުން އަރައިގަންނަން ކުރާ މަސައްކަތުގައި އެހީވާ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް ކަަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ބޯމަތީގައި މިއޮތީ ކުއްލި ހާލަތެއް، އަޅުގަނޑުމެން ދިރިއުޅުން މިއޮތީ ނުރައްކަލުގައި، ސަގާފަތާއި ތަރިކަ މި އޮތީ ނުރައްކަލެއްގައި" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި މިއަދު މި ކަންކަމުގެ ސައިންސާއި އިލްމުގެ އިތުރުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް އެބަހުރިކަމަށެވެ.
އަދި ކުރިއަށް ދިއުމުގެ ހިތްވަރު ވެސް ރާއްޖޭގެ ކިބައިގައި އޮތްކަމަށް ވިދާޅުވިއެވެ.