twitterviber whatsapp telegramfacebookyoutube instagram
18th October 2024

އިދާރީ ބޭނުންތަކަށް ދޫކުރި ބިމުގައި އެހެން މަސައްކަތްތަކެއް، ބިން ނަގަން ކައުންސިލުން ނިންމައިފި

އަބްދުލް ވާހިދު ޙަސަން
Sep 26, 2024
3

ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާގެ އިދާރީ ބޭނުންތަކަށް ދޫކޮށްފައިވާ ބިމުގައި، އެބިން ދޫކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ބިން ބޭނުންކުރަމުންދާތީ އެ ބިން ބޭނުންކުރުމަށް ދޫކޮށްފައިވާ އިދާރީ ހުއްދަތައް ބާތިލްކުރަން ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

ޒުވާނުންގެ ޖަމިއްޔާއަށް ދޫކޮށްފައިވާ އެ ބިމަކީ އިރުމަތި ސަރަހައްދުން ވަރަށް ކުރީގައި ދޫކޮށްފައިވާ ބިމެކެވެ. އެ ބިން ގަވައިދާ ހިލާފަށް ބޭނުންކުރާތީ ކުރީގެ ކައުންސިލުންވެސް ހުއްދަ ބާތިލްކުރި އެވެ. އެކަމަކު ޒުވާނުންގެ ޖަމިއްޔާއިން ކޯޓަށް ހުށަހަޅައިގެން އެ މައްސަލަ އޭރު ކާމިޔާބުކުރި އެވެ.

ސިޓީ ކައުންސިލުން ބުދަދުވަހު ބޭއްވި ބައްދަލުވުމުގައި އެ މައްސަލައިގެ ގަރާރު ރިޔާސަތު ހުށަހަޅަމުން ވިދާޅުވީ، އިދާރީ ބޭނުންތަކަށް ޒުވާނުންގެ ޖަމިއްޔާއަށް ދޫކޮށްފައިވާ ބިމެއްގައި އެ ނޫން ބޭނުންތަކަށް ބޭނުން ކުރަމުންދާކަމުގެ ޝަކުވާތައް ސިޓީ ކައުންސިލަށް ތަކުރާރުކޮށް ހުށަހެޅުންދާތާ ދުވަސްތަކެއްވެއްޖެ ކަމަށެވެ.

އެހެންވެ ކައުންސިލުން ބެލިބެލުމުން ބިން ދޫކުރި ބޭނުން ނޫން ބޭނުންތަކަށް ޒުވާނުންގެ ޖަމިއްޔާ އިން ބިން ބޭނުންކުރަމުންދާކަން ސިޓީ ކައުންސިލަށް އެނގިފައިވާކަމަށެވެ. އެގޮތުން ދިރިއުޅުމުގެ ބޭނުމުގައި އިމާރާތެއް ރާނާ، އެ އިމާރާތް ކުއްޔަށް ދިނުމާއި މޭވާ ޕްރޮސެސް ކުރާ މެޝިނެއް ބަހައްޓައިގެން މޭވާ ޕްރޮސެސްކުރުމާއި އެ ބިމުގައި ދަނޑުވެރިކަން ކުރުމާއި ކުލާސް ރޫމް ހަދައިގެން ކުލާސް ރޫމް ހިންގުން ހިމެނޭކަމަށެވެ.

މި މައްސަލައަށް ވާހަކަދައްކައިގެން އެދެވޭ ހައްލެއް ހޯދުމަށްޓަކާ ސިޓީ ކައުންސިލްގެ ފަރާތުން މިހާތަނަށް ކުރި މަސައްކަތަށް ޒުވާނުންގެ ޖަމިއްޔާ އިން އެއްބާރުލުން ލިބިފައިނުވާ ކަމަށެވެ. އެގޮތުން ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް ޒުވާނުންގެ ޖަމިއްޔާއަށް ފުރުސަތުދީ ސިޓީ ކައުންސިލުން ފޮނުވި ސިޓީއާ އެއްގޮތަށް އަމަލުކުރުމަށް އެ ޖަމިއްޔާއިން އިންކާރުކޮށްފައިވާ ކަމަށެވެ. އަދި ބިން ބޭނުންކުރަމުންދާ ބޭނުން ބެލުމަށް ކައުންސިލުން އެތަނަށް ވަނުމަށް އެ ޖަމިއްޔާއިން ފުރުސަތު ނުދީ ހުރަސް އެޅިކަން ކައުންސިލުން ފާސްކުރި ގަރާރުގަވެ އެވެ.

މި ގަރާރަށް ކައުންސިލްގެ ހުރިހާ މެންބަރުންވެސް ތާއިދުކުރެއްވި އެވެ. އަދި ބިން ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށްވެސް ގަރާރުގަވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355