twitterviber whatsapp telegramfacebookyoutube instagram
6th October 2024

ނަމޫނާ ލިބިގަންނަންވީ ރަސޫލާގެ ރިވެތި އަޚްލާޤުން: ރައީސް

ނަބީލާ އިސްމާޢީލް
Oct 5, 2024

ނަމޫނާ ލިބިގަންނަންވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަހުލާޤީ ސިފަފުޅުތަކުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، ނަމޫނާ ލިބިގަންނަންވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަހުލާޤީ ސިފަފުޅުތަކުންކަމަށާއި ދޮގު ހެދުމާއި ދޮގު ހަބަރުފެތުރުމާއި އާޑަ ފުރައްސާރައިގެ ފިތުނަވެރި އަމަލުތަކުގައި ބައިވެރިނުވާން އަޒުމު ކަނޑައެޅުމަށާއި ރަނގަޅު ވާހަކައެއް ނޫނީ ނުބުނުމަށް ސުންނަތުން އިރުޝާދު ލިބޭކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވަނީ ނިޔަތާއި ބަހާއި އަމަލުން އިސްލާމްދީނުގައި ސާބިތުވެތިބުމަށް ވެސް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ދިވެހީން އިސްލާމްދީން ބަލައިގަތުމުގައި ހިމެނޭ ދުނިޔެވީ ސަބަބެއްކަމަށް ފެންނަން އޮތީ އިސްލާމްދީން ގެނެސްދޭ އަމާންކަމާއި ރައްކާތެރިކަންކަމުގައި ވިދާޅުވެ ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރިފައިވާ ދުވަސްވަރަކީވެސް މެދުކެނޑުމެއްނެތި މި ސަރަހައްދުގެ ބާރަކުން ރާއްޖެއަށް ހަމަލާދީ ގޯނާކުރަމުން އައި ދުވަސްވަރެއްގައިކަން ފާހަގަކުރައްވާފައެވެ.

މިއަދު ބޭއްވި ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، އިނާމާއި، ހަނދާނީ ލިޔުން ދެއްވުން ވެސް އޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355