twitterviber whatsapp telegramfacebookyoutube instagram
18th October 2024

އެވޭލާ ޒަމާނު ރަށަށް ކިޔާ އުޅުނު ނަމަކުން ވަށާ މަގަށް ނަންދީފި

Oct 9, 2024
1

އެވޭލާ ޒަމާނު ކުޅުދުއްފުއްޓަށް ކިޔާ އުޅުނު ތާރީހީ ނަމަކުން ރަށުގެ ވަށާ މަގަށް ނަން ދީފި އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވަށަ މަގަށް ކިޔަން ފާސްކުރި މައިގަނޑު ނަމަކީ "ކުންބުޓިމަގެވެ."

ވަރަށް ގިނަ މަޝްވަރާތަކަށްފަހު މި ނަން ކިޔަން ހުށަހެޅީ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދެވެ. ފާސްވީ ހުރިހާ މެންބަރުގެ އިއްތިފާގުންނެވެ.

"ކުންބުޓި" އަކީ އެވޭލާ ޒަމާނުގައި ކުޅުދުއްފުއްޓަށް ނިސްބަތްކޮށް ކިޔާ އުޅުން ނަމެއްކަމާއި އަދި އިސްދޫ ލޯމާފާނުގައިވެސް ކުޅުދުއްފުއްޓަށް ކުންބުޓީގެ ނަމުން ނިސްބަތްކޮށްފައިވާކަން ތާރީހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރައްވާކަން މޭޔަރާއި މެންބަރުން ފާހަގަކުރެއްވި އެވެ.

ނަން ކިޔާފައިވަނީ ރަށަށް ނިސްބަތްވާ ބޮޑު އެއްނަން ހިމެނޭހެން، އަދި 4 ސަރަހައްދަކަށް ބަހާލައި 4 ސަރަހައްދު ވަކިވާނެހެން އެސަރަހައްދުތަކާއި ގުޅޭ ނަން އިތުރެއް ލައިގެންނެވެ. ނަމާ ގުޅުވާ އިތުރު ކުރި ބަޔަކީވެސް ޒަމާނުންސުރެ އެ ސަރަހައްދުތަކަށް ނިސްބަތްކޮށް ކިޔަމުން އައި ނަންތަކެކެވެ.

ވަށާ މަގަށް ނަން ދީފައިވާ ގޮތް:

- އެއާޕޯޓް އިރުމަތިކޮޅުން ފެށިގެން ދެކުނަށް އަމީނީމަގު ދެކުނު ކޮޅާ ހިސާބަށް، 'ފުއްޓަރު - ކުންބުޓިމަގު'.

- އަމީނީމަގު ދެކުނުކޮޅުން ފެށިގެން ހުޅަނގަށް މިހާރުގެ އިއްޒުއްދީން މަގާ ހިސާބަށް، 'ރަށްކޮޅު - ކުންބުޓިމަގު'.

- މިހާރުގެ އިއްޒުއްދީން މަގުގެ ދެކުނު ކޮޅުން ފެށިގެން އެމަގާއެކު އަނދިރި ބޮޑަވަކިފަލުގެ ހުޅަނގު އުތުރު ކަނާ ހިސާބަށް، 'ރަށްމަތި - ކުންބުޓިމަގު'.

- އަނދިރި ބޮޑަވަކިފަލުގެ ހުޅަނގުއުތުރު ކަނުން ފެށިގެން އެއާޕޯޓްގެ އިރުމަތިކޮޅާ ހިސާބަށް، 'ކުޅިމަތި - ކުންބުޓިމަގު'.

ވަށާ މަގުގައި ހިމެނޭ ބޮޑު ސަރަހައްދަކީ ސިޓީ ކައުންސިލްގެ މި ދައުރުގެ ތެރޭގައި ސާފުކޮށް ވެލި އަޅައި މަގުބައްތި ޖަހާ މަގެއްގެ ސިފައިގައި ތަރައްގީކޮށްފައިވާ މަގެކެވެ. ވަކިން ހާއްސަކޮށް ކުރިން މަގެއް ވުޖޫދުގައި ނެތް ރަށްމަތި ސަރަހައްދާއި، ފުއްޓަރު ފަރާތާއި ކުޅިމަތި މަގުހެދުމަށް ބޮޑު މަސައްކަތެއް ސިޓީ ކައުންސިލުން ކުރިއެވެ.

ވަށާ މަގު ހެދިގެން ދިޔުމަކީ ރަށުގެ ތަރައްގީއަށް އިތުރުވި ބޮޅެކެވެ. އަދި އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދިޔަ އެވެ. ވަކިން ހާއްސަކޮށް ރަށާ މުޅިން އެކަހެރިކޮށް، އަނދިރިކޮށް އޮތް އިރުމަތި ފަރާތަށް އުޖާލާކަން ގެނުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355