twitterviber whatsapp telegramfacebookyoutube instagram
18th October 2024

އުމްރާއަށް ގެންދިއުމުގެ ހުއްދައަށް ކޮންމެ އިރަކު ވެސް ޕްރޮޕޯޒަލް ހުށަހެޅޭ ގޮތް ހަދައިފި

ނަބީލާ އިސްމާޢީލް
Oct 10, 2024

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި އަހަރުގެ ކޮންމެ ހިސާބެއްގައި ވެސް ޕްރޮޕޯޒަލް ހުށަހެޅޭ ގޮތަށް ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާއި ގުޅޭ އާ އުސޫލު ގެޒެޓްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައި ބުނީ ހައްޖަށް މީހުން ގެންދިއުމަށް އެދި އަހަރުގެ ކޮންމެ ދުވަސްވަރު ވެސް ޕްރޮޕޯޒަލް ހުށަހެޅޭނެ ކަމަށެވެ.

މީގެ ކުރިން އަމަލުކުރި އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ގޮތުން އެ ހިދުމަތް ދިނުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ އެކަމަށް އިއުލާން ކުރުމުންނެވެ.

އެހެންކަމުން ދެ އަހަރަށް ދޭ ހުއްދަ ހަމަވި ނަމަވެސް، މިނިސްޓްރީން އިއުލާންކުރަންދެން މަޑު ކުރަންޖެހެ އެވެ. އެކަމަކު، އާ ގަވައިދުގެ ދަށުން، ހުއްދަ ހަމަވުމުގެ 30 ދުވަސް ކުރިން މިނިސްޓްރީއަށް ފޯމަކުން ހުށަހެޅޭނެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ކޮންމެ އިރަކު ވެސް ޕްރޮޕޯޒަލް ހުށަހެޅޭ ގޮތަށް ބަދަލުކުރީ އުމްރާއަކީ ވަކި ދުވަސްވަރެއްގައި އަދާކުރަންޖެހޭ އަޅުކަމަކަށް ނުވާތީ އަދި އަހަރުގެ އެކި ހިސާބުތަކުގައި ކުންފުނިތަކުން އުމްރާ ދަތުރުކުރާ މިންވަރު އިތުރުވެފައިވާތީ ކަމަށެވެ.

"އެކި ސަބަބުތަކާ ހެދި މިހާތަނަށް ކުންފުނިތަކަށް ހުއްދަ ދީފައިވަނީ އެކި ތާރީހު ތަކުގައި. އެހެން ކަމުން އަހަރަކު ދެ ފަހަރު އިއުލާން ކުރާތީ ބައެއް ކުންފުނިތަކުގެ ހުއްދަ ހަމަވި ނަމަވެސް އިއުލާން ކުރަންދެން ހުއްދަ ނުނަގާ މަޑުކުރަން ޖެހޭ." އޭނާ ވިދާޅުވި އެވެ.

އުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދޭއިރު 20،000ރ. ގެ ފީއެއް ނަގަ އެވެ. ހުއްދަ އާ ކުރާއިރު 15،000ރ. ގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް ގަވައިދުގައިވެ އެވެ. އުމްރާއަށް ދާ މީހުންގެ އަތުން ހިދުމަތްތަކާ އެކަށީގެން ނުވާ އަގުތައް ނަގައިގެން ނުވާނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

ހުއްދަ ލިބުމުގެ ކުރިން ނުވަތަ ހުއްދަ އާ ކުރުމުގެ ކުރިން އެއްވެސް ބައެއްގެ އަތުން ފައިސާ ނަގައިގެން ނުވާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

އުމުރުން 45 އަހަރު ނުވާ އަންހެނުން މަހުރަމަކާ ނުލައި އަދި 18 އަހަރު ނުވާ ފިރިހެން ކުދިން ބެލެނިވެރިޔަކާ ނުލައި އުމްރާއަށް ގެންގޮސްގެން ނުވާނެ ކަމަށް އެ ގަވައިދުގައި ބުނެ އެވެ. ނަމަވެސް، ޝަހީމް ވިދާޅުވީ، ސައުދީގެ ގަވައިދުތަކަށް ވެސް މި ފަހުން ގެނައި ބަދަލާ ހެދި އެ އުސޫލު އުވާލަން އަންގާފައިވާ ކަމަށެވެ.

"މިއީ ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ އުސޫލުތަކުގައި އެހެން އޮންނާތީ ރާއްޖޭގައި މިހާތަނަށް އަމަލުކުރާ ހައްޖާއި އުމްރާއާ ބެހޭ ހުރިހާ އުސޫލެއްގައި ކުރިން ވެސް އޮންނަ މާއްދާއެއް. ސައުދީގެ ގަވާއިދުތަކުން ވަރަށް ފަހުން މި މާއްދާ ވަނީ އުވާލާފައި. މި މާއްދާ ރާއްޖޭގެ އުސޫލުން ވެސް އުވާލަން ވަނީ އަންގާފައި." އޭނާ ވިދާޅުވި އެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިން އެއްބަސްވުމާ ހިލާފުވެއްޖެނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި 1000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. އަދި އުމްރާއަށް ގެންދިއުމުގެ ހުއްދަ ނެތި ނުވަތަ ހުއްދަ އާ ނުކުރަނީސް އެ ފަދަ ހިދުމަތެއް ދީފިނަމަ ޖޫރިމަނާ ކުރާނެ ކަމަށް ގަވައިދުގައި ވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355