twitterviber whatsapp telegramfacebookyoutube instagram
18th October 2024

ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ދެނެއް ނުތިބޭނެ: ރައީސް

ނަބީލާ އިސްމާޢީލް
Oct 10, 2024

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާ އެކު ވި އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމަށް އަދި އެހެން ގައުމެއްގެ ބާރު އެއްކޮށް ހިނގާ ފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ރޭ ދެއްވައިފި އެވެ.

އެ މަނިކުފާނު މި ފަދައިން ވިދާޅުވެ ޔަގީންކަން ދެއްވީ، އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަަކަފުޅުދައްކަވަމުންނެވެ. އެ މަނިކުފާނު އިޝާރާތްކުރެއްވީ ރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމްކުރެވުނު "އަ ވިޝަން ފޯ ކޮންޕްރެހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް" އަށެވެ.

''އަޅުގަނޑުމެންގެ މިނިވަންކަން އެއީ އަޅުގަނޑަށް އެންމެ މުހިންމު ކަންތައް، އަޅުގަނޑުމެންގެ ސޮވްރިންޓީ، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން. އަޅުގަނޑުމެންގެ ޤައުމުގަ އެހެން ޤައުމެއްގެ ސިފައިން ދެނެއް ނުތިބޭނެ،'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ އެއްބަސްވުމަކީ އާންމުންނަށް ފެންނާނެެހެން އޮތް އެއްބަސްވުމެއް ކަމަށާއި އެއިން އެއްބަސްވުމަކުން އެހެން ގައުމެއްގެ ސިފައިން ރާއްޖެ ނާންނާނެ ކަމަށާއި އެހެން ގައުމެއްގެ އަތްމައްޗަށް ރާއްޖޭގެ އެއްވެސް ކަމެއް ނުދާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މިނިވަންކަމަކީ އެންމެ މުހިންމު ކަންތައްކަން ފާހަގަ ކުރަށްވާފައެވެ.

"އެއީ މިހާރު ވެސް ތިއިން ކޮންމެ ބޭފުޅަކު ބައްލަވައިލައްވަން ބޭނުންފުޅު ވިޔަސް ފެންނަން އޮތް އަކުރުން ފިއްޔަށް ލިޔެފައި އޮތް އެއްޗެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ އެއްބަސްވުން އެކުލަވައިލައިފައިވަނީ ދިވެހި ސަރުކާރުގެ ސިޔަސަތާ އެއްގޮތަށް ކަމަށެވެ. އެގޮތުން އެ އެއްބަސްވުމުގައި ދިފާއީ ގޮތުން ލިޔެފައިވާ ކޮންމެ ވާހަކައަކީ އެމްއެންޑީއެފުން ބަލައި، ޑިފެންސް މިނިސްްޓްރީން ފާސްކޮށްފައިވާ ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.

އަދި އެ އެއްބަސްވުމުގައިވާނީ ދިވެހީންގެ ގާބިލްކަން އިތުރުކުރުމުގެ ވާހަކަ ކަމަށާއި، އެހެން ބަޔަކަށް ކަންކަން ދޫކުރުން ނޫން ކަމަށް ވެސް ފާހގަކުރެއްވިއެވެ. އަދި ކުރީ ސަރުކާރުގައި އަމަލުކުރިކަމަށް ތުހުމަތުކުރެވުނު ގޮތަށް ރާއްޖެއަށް ގެއްލުންވާ ކަމެއް އެ އެއްބަސްވުމުގައި ނުހުންނާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަކީ ދިވެހީންނަށް އެންމެ މުހިންމު ކަންތައްކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ އެއްވެސް ސިފައިންގެ ބަޔަކު ދެން ނުތިބޭނެކަމަށް ވިދާޅުވެ އެ މަނިކުފާނު ވިދާޅުވީ އެކަމަށް ރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޕްލޮމެސީގެ އުސޫލުން ދާއިމީކޮށް ހައްލުކޮށްފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355