ރާއްޖޭގައި ވޭޕްކުރުން މަނާކުރަން ނިންމުމާ އެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ރާއްޖެއަށް ތައުރީފުކޮށް, އެ ނިންމުމަށް މަރުހަބާ ކިޔައިފިއެވެ.
ވޯލްޑް ހެލްތު އޮގަނައިޒޭޝަންއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ, ރާއްޖެއިން ވޭޕް މަނާކުރުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. އެ ނިންމުމަކީ ވަކިން ހާއްސަކޮށް ޒުވާން އުމުރުގެ ކުދިންގެ މެދުގައި ވޭޕްކުރުން އިތުރުވުން ހުއްޓުވުމަށް މުހިންމު ފިޔަވަޅެއް ކަމަށް ޑަބްލިއުއެޗްއޯއިން ބުންޏެވެ.
Congratulations #Maldives 🇲🇻 for announcing a ban on vaping. An important initiative to arrest the worrying trend of increase in vaping, specially among young adolescents. As per the 2019 Global Youth Tobacco Survey, 23.1% boys and 10.7% girls in the age group of 13 to 15 years… https://t.co/mffmWgYZL2
— World Health Organization South-East Asia (@WHOSEARO) October 15, 2024
ރާއްޖޭގައި ވޭޕް މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. ރައީސް ޑރ. މުއިއްޒު އެކަން އިއުލާން ކުރައްވާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު އަންގަވާފައިވާ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި 2019 ވަނަ އަހަރުގެ 'ގްލޯބަލް ޔޫތު ޓޮބެކޯ ސާވޭ'އިން ދައްކާ ގޮތުގައި ރާއްޖޭގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިން ވަނީ އީ-ސިނގިރޭޓް ބޭނުންކޮށްފައެވެ.
ހާއްސަކޮށް ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ޒުވާނުންގެ މެދުގައި އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ އިލެކްޓްރޯނިކް ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީއެންޑީއެސް)، އިލެކްޓްރޯނިކް ނޮން-ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީއެންޑީއެސް)، ހޫނު ދުންފަތުގެ ބާވަތްތައް (އެޗްޓީޕީ) އަދި ނިކޮޓިން ޕައުޗް (އެންޕީ) ފަދަ ނޮވެލް އަދި އިމާޖިން ނިކޮޓިން އެންޑް ޓޮބެކޯ ޕްރޮޑަކްޓްސް (އެންޕީ) ބޭނުންކުރުން އިތުރުވަމުން ދިއުމަކީ ޚާއްސަކޮށް ކަންބޮޑުވާ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
"ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުރިހާ ވައްތަރަކީ ވެސް ގެއްލުންހުރި އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ކެންސަރާއި ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ހަކުރު ބަލީގެ ނުރައްކާ ބޮޑު ކަމެއް،" ޑަބްލިއުއެޗްއޯއިން ބުންޏެވެ.
ވޭޕް ރާއްޖޭގައި މަނާކުރުމަށް ރައީސް ޑރ.މުޢިއްޒު ނިންމެވިއިރު، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށް ވަނީ ނިންމާފަ އެވެ.