މަސައްކަތްތެރިކަމާއި ކުދިން ވިޔަފާރިތަކަށް ތަރައްގީކުރުމަށާއި އާ ވިޔަފާރިތައް ފެށުމަށް ސިޓީ ކައުންސިލުން ދޭން ފެށި ފައިނޭންސިންގ ސްކީމަކީ ކުޅުދުއްފުށީ އިގްތިސޯދުގައި އިންދާ އޮށެއްކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލްގެ ފައިނޭންސިންގ ސްކީމަށް ހޮވުނު ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މޭޔަރު އާތިފް ވިދާޅުވީ، ފައިނޭންސިން ސްކީމްގެ ވިސްނުމަކަށްވީ ރަށުގެ އާންމު ހާލަތު ރަނގަޅުކޮށް އިގްތިސޯދު ހަރުދަނާކުރުން ކަމަށެވެ. ރަށުގެ އިގްތިސޯދު ހަރުދަނާކުރުމަކީ ކައުންސިލް މެންބަރުން ވަރަށް ބޮޑަށް އިސްކަންދެއްވައިގެން ކުރާ ކަމެއްކަމުގައި މޭޔަރު ވިދާޅުވި އެވެ.
އުންމީދަކީ މި ސްކީމާއެކު ރަށުގެ އިގްތިސޯދަށް އާރޯކަން ލިބިގެންދިޔުން ކަމަށާއި މި ސްކީމަކީ ރަށުގެ އިގްތިސޯދުގައި ސިޓީ ކައުންސިލުން އިންދާ އޮށެއްކަމުގައި ވިދާޅުވި އެވެ.
" އަޅުގަނޑުމެންގެ އުންމީދަކީ މި އޮށުން ގަސް ފަޅާ މީގެއިން މޭވާ ރައްޔިތުންނަށް ލިބުން. ހާއްސަކޮށް އަޅުގަނޑުމެން ކައުންސިލް ދައުރު ފެށުނީސުރެއް ފަށައިގެން އަޅުގަނޑުމެންގެ ވިސްނުން ވަރަށް ބޮޑަށް ބެހެއްޓިން ރަށުގެ އާންމު ހާލަތު، އިގްތިސޯދީ ހާލަތު ރަނގަޅުކުރެވޭނެ ގޮތްތަކަށް އަޅުގަނޑުމެންގެ ސިޓީ ކައުންސިލްގެ ގާބިލިއްޔަތުކަން ހުރި މިންވަރުން މަސައްކަތްތައް ބައްޓަން ކުރަން." މޭޔަރު ވިދާޅުވި އެވެ.
އެގޮތުން މޭޔަރު ވިދާޅުވީ، ލާމަރުކަޒީ ގާނޫނުން ލިބުނު ފުރުސަތުތަކާއެކުގައި ރަށުގެ ވަރަށް ގިނަ މަޝްރޫއުތަކެއް ސިޓީ ކައުންސިލުން ކުރަމުންދާ ކަމަށާއި އެ ހުރިހާ މަޝްރޫއުތަކެއްވެސް ކުރިއަށްގެންދަނީ ރަށުގެ ކޮންޓްރެކްޓަރުންކަން މޭޔަރު އުފަލާއެކު ފާހަގަކުރެއްވި އެވެ. އޭގެ ސަބަބުން ރަށުގެ އިގްތިސޯދަށް ހެޔޮ ބަދަލުތަކެއް އަންނަކަން ފާހަގަކުރެއްވި އެވެ.
ފައިނޭންސިން ސްކީމާއެކު އުންމީދުކުރަނީ ރަނގަޅު ވިޔަފާރިތަކަކާއި މަސައްކަތްތަކެއް ރަށުގެ އިގްތިސޯދުގައި އުފެދި އިތުރު އާއިލާތައް ޝާމިލްވާނެހެން ކުރިއެރުންތައް ލިބިގެންދިޔުންކަމުގައި މޭޔަރު ވިދާޅުވި އެވެ.