ޓޫރިޒަމް ދާއިރާއިން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށާއި ބޭންކުތަކަށް ޑޮލަރު މާރުކުރުމުން ރާއްޖޭގެ އިގުތިސާދަށް ބޮޑުފައިދާއެއް ވަންނަ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ، ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޑޮލަރު މާރުކުރުމުގެ ގަވާއިދުގައި ވާގޮތުން، ކެޓަގަރީ "އޭ"ގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ވާނެއެވެ.
"އޭ" ކެޓަގަރީގައި ހިމެނެނީ ގްރީން ޓެކްސް ދައްކަންޖެހޭ ޓޫރިސްޓުން އަންނަ ތަންތަނުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ޓޫރިސްޓު ރިޒޯޓުތަކާއި ރިޒޯޓު ހޮޓާތަކެވެ.
މި ގަވާއިދާ ގުޅިގެން ރޭ ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ޑޮލަރު ލިބިފައި ވާކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބޭންކުތަކަށް މާރުކުރީ އޭގެ 1.5 ޕަސަންޓުކަން ކަމަށެވެ.
މި ކަމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ ކުންފުނިތަކަށް ވެސް ޑޮލަރު ހޯދަންޖެހެނީ ބްލެކް މާކެޓުން ކަމަށާއި އެ ކަމުގެ ސަބަބުން ރާއްޖޭގައި ޑޮލަރުގެ އަގު އުފުލިގެންދިއުމަށް މަގުފަހިވެގެންދާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
މި ގަވާއިދަށް އެއްބާރުލުން ދީގެން ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކުން ޑޮލަރު މާރުކުރުމުން ކުރިއަށްއޮތް ތަނުގައި ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، މިހާރު ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް ގަންނަން ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރާ ހަމަޔަށް 1،000 ޑޮލަރަށް ބޮޑުކޮށްދިނުމުގެ ފުރުސަތު ސަރުކާރަށް ލިބޭނެކަމަށެވެ.
އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބްލެކް މާކެޓަށް ނުގޮސް ރަސްމީ ރޭޓުގައި އަންނަ އަހަރު ޖުލައިން ފެށިގެން ޑޮލަރު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، 2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ކްރެޑިޓް ކާޑުގެ ލިމިޓު 1400އަށް ބޮޑުކުރުމާއި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓު ކުރުމަށް ދޭ ޓީޓީ ބޮޑުކުރުން ވެސް ފާހަގަކުރެއްވިއެވެ.
މި ސަބަބުތަކަށް ޓަކައި ރައީސް ވަނީ ޑޮލަރު މާރުކުރަންޖެހޭ ގޮތަށް އޮތް ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
"ވަރަށް ސާފުކޮށް މި ދަންނަވަނީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނޭ. ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ. މި ކަން ކުރައްވަން ޖެހިވަޑައިގަންނަވާނޭ".
ރައީސް ވިދާޅުވީ، މިކަން ތަންފީޒު ކުރުމަށް އިތުރަށް އެހީތެރިކަން ހޯދުމަށް މިކަމަށް ހާއްސަ ފޮރެކްސް ގާނޫނެއް ވެސް މަޖިލީސް ތެރެއިން ފާސްކުރައްވާނެ ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވީ، ޑޮލަރު މާރުކުރުމުގެ ގާނޫނާ ގުޅިގެން ގިނަ ފަރާތްތަކަމުން ކަން ބޮޑުވުން ފާޅު ކުރަމުން އަންނަނިކޮށެވެ.
ރައީސް ވަނީ ފަތުރުވެރިކަމުގެ ބާނީން މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވައިލައްވާފައެވެ. އަދި އެބޭފުޅުންގެ ފައިދާ، ގައުމަށް ހެޔޮނޭދޭ ސިޔާސީ ވެރިން ނެގިޔަ ނުދިނުމަށް ރައީސް އެދިލެއްވިއެވެ.