twitterviber whatsapp telegramfacebookyoutube instagram
11th February 2025

ކުޅުދުއްފުށިން ބޭސް ލިބުން ދަތިވެ އާންމުންގެ ޝަކުވާ އިތުރުވެއްޖެ

'ކުޅުދުއްފުށީ އެސްޓީއޯ ބޭސްފިހާރާގައި ބާކީ ހުރީ ހަތަރު ފާރާ ކައުންޓަރަކާ ވަދެ ނިކުމެވާނެ ދޮރަކާ އެކަނި.'

އަބްދުލް ވާހިދު ޙަސަން
Feb 11, 2025

ކުޅުދުއްފުށިން ޑޮކްޓަރީ ބޭސް ލިބުން ދަތިވެ އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ. ކުޅުދުއްފުއްޓަކީ މާލެ ސަރަހައްދު ފިޔަވާ އެންމެ ގިނަ ބޭސްފިހާރަ ހުންނަ ރަށެވެ.

ބޭސް ލިބުން ދަތިވެ އާންމުން ޝަކުވާތައް ސޯޝަލް މީޑިއާގައި ހިއްސާކުރާތާ ދުވަސްކޮޅެއްވެއްޖެ އެވެ. ވަރަށް އާންމުކޮށް ބޭނުންކުރާ ކުޑަކުދިންގެ ބޭހާއި ހަކުރު ބަލި، ލޭމައްޗަށް ދިޔުމުން ބޭނުންކުރާ ބޭސްވެސް ލިބެން ނުހުންނަކަމުގެ ޝަކުވާ ބޮޑެވެ.

'މިދިޔަ މަހު ބޭސް ނުލިބިގެން އިންޑިޔާއިން ގެނައީ. މިއީ ކޮންމެ ފަހަރަކުވެސް ރަށުން ގަންނަށް ލިބެން ހުންނަ ބޭސް. މިހާރު ނުލިބޭ." ހިތުގެ ފަރުވާއެއްގައި ބޭސް ބޭނުންކުރާ މީހުން ކިޔައިދިނެވެ.

ގިނަ އާންމުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެސްޓީއޯގެ ބޭސް ފިހާރައިންވެސް ބޭސް ލިބެން ނެތުމުންނެވެ.

'ސަރުކާރުން އެބަބުނޭ އެސްޓީއޯގަ ހުންނާނެއޭ. އެކަމަކު އެތަނުގެ ހާލަތު ދަށް ދެން ހުންނަ ހުރިހާ ތަނަކަށްވުރެ'. ބޭސް ގަންނަށް ގޮސް ހުރި މީހަކު ބުންޏެވެ.

ނާދިރާ ހަސަން ކިޔާ މީހަކު ސޯޝަލް މީޑިއާގައި ހުރި ޕޯސްޓެއްގައި ލިޔެފައިވަނީ، ބޭސް ސިޓީގައި ހަތަރު ބޭހެއް އޮތިއްޔާ އޭގެ ތެރެއިން ދެ ބޭސް ޖެހޭނީ ބޮޑު އަގުދީފަ ގަންނަން ކަމަށެވެ.

'ބޭސް ސިޓީގައި ހަތަރު ބޭހެއް އޮތިއްޔާ އޭގެ ތެރެއިން ދެ ބޭސް މި ޖެހެނީ ބޮޑު އަގު ދީފައި ގަންނަން. މިއަށް ދޭން އޮންނާނެ ރައްދަކީ؛ “ނޫނެކޭ ހަމަ ހުވައޭ އެސްޓީއޯ ބޭސްފިހާރައިން ތި ގަންނާކަށް ނުޖެހޭނެޔޭ!. ދެން އޮންނާނީ ރިޕޯޓު ކުރަން ގުޅަންވީ ނަންބަރެއް." ނާދިރާގެ ޕޯސްޓްގައިވެ އެވެ.

އޭނާގެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ، އެސްޓީއޯ ބޭސްފިހާރާގައި ބާކީ ހުރީ ހަތަރު ފާރާ ކައުންޓަރަކާ ވަދެ ނިކުމެވާނެ ދޮރަކާ އެކަނި ކަމަށެވެ.

މިކަމާ ގުޅިގެން ބައެއް ބޭސް ފިހާރަތަކުގައި މަސައްކަތްކުރާ ފާމަސިސްޓުންނާ ވާހަކަ ދައްކާލުމުން ބުނީ، ބޭސް ލިބުން ދަތިވެގެން އުޅެނީ އާސަންދައިން ބޭހުގެ އަގުކުޑަ ކުރުމުން، އެ އަގުގައި ބޭސް ގެނެސްގެން ނުވިއްކޭތީ ކަމަށެވެ. އެހެންވުމުން ބައެއް ބޭސް ފިހާރަތަކުން ބައެއް ބޭސް ގެނައުން ހުއްޓާލީމަ ކަމަށެވެ.

' އާސަންދައިން ކަނޑައެޅި އަގުގައި ބޭސް ނުވިއްކޭނެތީ ނުގެންނަނީ. އެއަގުގައި ވިއްކައިގެން ބޭސް ފިހާރަތަކަށްވާނީ ގެއްލުން. އަގު ކުޑަކުރީ ބޭސް އެތެރެކުރާ ފަރާތްތަކާ މަޝްވަރާނުކޮށް." ފާމަސިސްޓަކު ބުންޏެވެ.

އެހެން ފާމަސިސްޓަކުން ބުނީ، ބޭސް ގެނައުމުގައި ދަތި ދިމާވަނީ، އާސަންދައިން އެޅި ފިޔަވަޅުތަކާއެކު އެ ކުންފުނިން އަމިއްލަ ބޭސް ފިހާރަތަކަށް ދޭން ޖެހޭ ފައިސާވެސް ނުދޭތީ ކަމަށެވެ. 8 މަހަށްވުރެ ގިނަ ދުވަސްވީ ބިލްތައް ހުރި ކަމަށް އޭނާ ބުންޏެވެ.

ބައެއް ބޭސްތައް ލިބުމުގައި ދަތިތައް ހުރި ކަމަށް އާންމުންގެ ފަރާތުން ޝަކުވާތައް އިތުރުވުމުން އެކަން ހައްލު ކުރަން އެސްޓީއޯ އާއި ޑޮކްޓާސް ޔޫނިއަން އަދި މެޑިކަލް އެސޯސިއޭޝަން ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމިކަން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355