twitterviber whatsapp telegramfacebookyoutube instagram
26th February 2025

ކުޅުދުއްފުށީގައި ހައުސިންގ މަޝްރޫއެއް ހިންގަން ކައުންސިލުން ނިންމައިފި

އަބްދުލް ވާހިދު ޙަސަން
Feb 26, 2025
5

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 150 ޔުނިޓްގެ ރިއަލް އެސްޓޭޓް މަޝްރޫއެއް ކުރިއަށްގެންދަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިއީ މިފަދަ މަޝްރޫއެއް ރާއްޖޭގެ ކައުންސިލަކުން ކުރިއަށްގެންދަން ނިންމި ފުރަތަމަ ފަހަރެވެ. މިއީ މޭޔަރު އާތިފްގެ އިސްނެގުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.

ސިޓީ ކައުންސިލްގައި މިއަދު ބޭއްވި އާންމު ބައްދަލުވުމުގައި ކޮންޓެކްޓާ ފައިނޭންސް އުސޫލުން 150 ޔުނިޓްގެ ރިއަލް އެސްޓޭޓް މަޝްރޫއެއް ކުރިއަށްގެންދިޔުމަށް ފާސްވީ ޖަލްސާގެ ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ކުޅުދުއްފުއްޓަކީ އާބަންވަމުން އަންނަ ސިޓީއަކަށްވާއިރު ހައުންސިންގެ މައްސަލައަކީ ރަށުގެ ޒުވާނުންނަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމުގައި މޭޔަރު އާތިފް ފާހަގަކުރެއްވި އެވެ.

މޭޔަރު ވިދާޅުވީ، ކުޅުދުއްފުށީގެ އާބާދުގައި ބައިވެރިވާން ބޭނުންވާ ގިނަ އަދަދެއްގެ އިންވެސްޓަރުން އާއި ތައުލީމީ ހުނަރުވެރި ބޭފުޅުންވެސް އެބަތިބި ކަމަށާ، ރަށެއްގެ ގޮތުގައި ކުރިއަރާ ދިޔުމަށްޓަކާ އާބާދީ އިތުރުކުރުންވެސް މުހިންމުކަމަށެވެ. އަދި ހަމައެއާއެކު މީހުން ދިރިއުޅެވޭނެ ވަސީލަތްތައް ގާއިމުކުރުމަކީ މުހިންމުކަމެއްގެ ގޮތުގައި މޭޔަރު ފާހަގަކުރެއްވި އެވެ.

ސަރުކާރުން ސޯޝަލް ހައުންސިންގެ މަޝްރޫއުތަކެއްވެސް އިއުލާންކުރެވި އަދި ކުޅުދުއްފުށީގައި ހުރި ހައުންސިންގެ ބައެއް މަޝްރޫއުތައް ހުއްޓިފައިވާއިރު އުންމީދު ކުރަނީ އެ މަޝްރޫއުތައް އަލުން ފެށި ސަރުކާރުގެ ތެރެއިން އެ ހައުންސިންގތައް އެންމެ ހެޔޮއަގުގައި ރައްޔިތުންނަށް ލިބިގެންދިޔުންކަމަށެވެ.

މޭޔަރު އާތިފް ވިދާޅުވީ، ރިއަލް އެސްޓޭޓް މަޝްރޫއު އީއޯއައިއަށް ހުޅުވާލުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ނަގަން ޖެހޭ ކަމަށާއި އެކަމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލް ނިންމުމާއެކު ހުއްދަ ހޯދަން ޖެހޭ ތަންތަން ހުށަހަޅާނެކަމަށް މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ހައުންސިން މަޝްރޫއުގެ މޮޑެލްއަކީ ހުޅުމާލޭގައި އެޗްޑީސީން ކުރިއަށްގެންދާ ރިއަލް އެސްޓޭޓް މަޝްރޫއުތައް ކަމަށެވެ.

މި ބައްދަލުވުމުގައި ހުރިހާ މެންބަރުން ވާހަކަދައްކަވާފައިވާއިރު ބައެއް މެންބަރުން ވަނީ މިއީ ވަރަށް ތާރީހީކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި މިކަމުގެ ސަބަބުން ކުޅުދުއްފުއްޓަށް ކުރިއެރުންތަކެއް ލިބިގެންދާނެކަން މެންބަރު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355