11 ރަށެއްގައި އާ މިސްކިތް އިމާރާތްކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، އެމްޓީސީސީއާ ހަވާލުކޮށްފި އެވެ. އެގޮތުން ފެނަކައާއި ހަވާލުކޮށްފައިވަނީ 11 ރަށުގެ ތެރެއިން 8 ރަށެއްގައި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތެވެ. އަދި އެމްޓީސީސީއާއި ވަނީ ތިން ރަށެއްގެ މަސައްކަތް ހަވާލުކޮށްފައެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ކުންފުނިތަކާއި ދެމެދު ސޮއި ކުރެއްވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމީ ދާއިރާތަކުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް އިއްޔެ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވެވި ހާއްސަ ހަފްލާގައެވެ.
މި އެއްބަސްވުންތަކުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުހައްމަދު ނަޖާހު ސޮއިކުރެއްވިއިރު އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓޑ) އަހުމަދު ސައުދީއެވެ.
ފެނަކައާއި ހަވާލުކޮށްފައިވަނީ ތ. ހިރިލަންދޫ، ސ. ފޭދޫ، ނ. ހެނބަދޫ، ތ. ވޭމަންޑޫ، ރ. އިނގުރައިދޫ، ހދ. ނެއްލައިދޫ އަދި ބ. ކުޑަރިކިލުގައި 500 މީހުންގެ ޖާގައިގެ މިސްކިތް ބިނާކުރުމަށާއި ށ. ނޫމަރާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށެވެ.
އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ހއ. ބާރަށާއި ބ. މޮޅަހުގެ އިތުރުން އއ. ފެރިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް ބިނާ ކުރުމަށެވެ.
މި މިސްކިތްތައް އިމާރާތްކޮށް ނިމޭއިރު މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރެވި، އޭސީ ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މީގެ އިތުރުން މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭ ކުލާހެއް ހެދުމަށްވެސް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.