ކުލަބް ކޮރަލްސްއިން ކޮންމެ އަހަރެއްގެ ވެސް ފިތުރު ޢީދާ ދިމާކޮށް ބާއްވަމުން އަންނަ ކޮރަލްސް މަސްރޭހުގައި މި އަހަރު ޖުމްލަ 23 ޓީމަކުން ބައިވެރިވެއްޖެއެވެ.
ކުޅުދުއްފުށީ އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ މި މުބާރާތް މި އަހަރު އޮންނާނީ 1 އޭޕްރިލް 2025ގަ އެވެ. މި އަހަރު މި މުބާރާތުގެ އޮފިޝަލް ޓައިޓަލް ސްޕޮންސަރއަކީ ފަރިއުތުރު އެވެ.
މި އަހަރުގެ މުބާރާތުގައި ކުލަބް ކޮރަލްސްއިން ވަނީ މުޖުތަމަޢުއަށް ފައިދާހުރި ޝިޔާރެއް ޕްރޮމޯޓްކުރުމަށް ނިންމާފައެވެ. އެގޮތުން މި އަހަރު މި މުބާރާތަށް ކަނޑައަޅާފައިވާ ޝިޔާރަކީ "ހެލްތީ އޯޝަންސް، ހެލްތީ ކޮމިއުނިޓީސް" އެވެ.
މި ޝިޔާރަކީ އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑަކީ އަޅުގަނޑުމެންނަށް ނުހަނު ބޭނުންތެރި ޤުދުރަތީ ވަސީލަތަކަށްވާއިރު، އެ ކަނޑު ހިމާޔަތްކޮށް، ދެމެހެއްޓިނިވި ގޮތެއްގައި ބޭނުންކުރެވޭނެ ފަދަ ވެއްޓަކަށް ހެދުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ހަދައި، އެކަމުގެ ސަބަބުން އެ ކަނޑު ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ރައްކާތެރިކަން ލިބޭނޭކަން އަންގައިދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ޝިޔާރެކެވެ. އަދި މިކަމާ ގުޅިގެން މީހުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކަނޑައަޅާފައިވާ ޝިޔާރެކެވެ.
އަދި މި އަހަރުގެ މުބާރާތުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންނުކުރުމަށް ކުލަބް ކޮރަލްސްއިން އިލްތިމާސްކުރެއެވެ.
މިއީ މި މުބާރާތް ބާއްވާ 4 ވަނަ އަހަރުކަމަށްވާއިރު، މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ޖުމްލަ 7500ރ ގެ ފައިސާ އިނާމު ދޭ ގޮތަށް ވަނީ ނިންމާފައެވެ. ދެވަނަ ޓީމަށް 3000 ރުފިޔާ އަދި 3 ވަނަ ޓީމަށް 1000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފިރިހެން ކެޔޮޅާއި، އަންހެން ކެޔޮޅު ހޮވުމަށް ނިންމާފައިވާއިރު އެންމެ ބަރު މަސް ބާނާ ބައިވެރިޔާ ހޮވުމަށް ވެސް ވަނީ ނިންމާފައެވެ.
ޖުމްލަ 23 ޓީމެއްގައި 350 އަށް ވުރެ ގިނަ ބައިވެރިން ވާދަކުރާއިރު، 50 އަށް ވުރެ ގިނަ އޮފިޝަލުން މި މުބާރާތުގައި ހަރަކާތްތެރިވާނެއެވެ. މިއީ ކުޅުދުއްފުށީގައި މިހާރު އެންމެ ގިނަ ބައިވެރިންނާއެކު ބޭއްވޭ މުބާރާތަށްވާއިރު މި މުބާރާތް ބަލާލުމަށް ވެސް ގިނަ ބަޔަކު ކުޅުދުއްފުށީގެ އާ ބަނދަރު ސަރަހައްދަށް ޖަމާވެއެވެ. މި އަހަރުގެ މުބާރާތް ވެސް ކުލަބް ކޮރަލްސް ފޭސްބުކް ޕޭޖުގެ ޒަރީއާއިން ލައިވް ކުރެވޭއިރު، މި މުބާރާތާއި ގުޅުންހުރި މުހިންމު އަޕްޑޭޓްސްތައް ކުލަބް ކޮރަލްސްގެ ޕޭޖުން އަޕްޑޭޓްކުރެއެވެ.
ކުލަބް ކޮރަލްސްއިން ކޮންމެ އަހަރަކު ވެސް ގިނަ ހަރަކާތްތަކެއް ބާއްވާއިރު މި އަހަރު އެ ކުލަބުގެ 6 ވަނަ ދައުރަށް އިންތިޚާބުވީ ކޮމިޓީގެ ފަރާތުން ދަނީ ގިނަ ކަންތައްތަކެއް އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން ހިންގަމުންނެވެ. އެގޮތުން މި ރަމަޟާންމަހު ޒުވާން އުމުރުފުރައަށް އަމާޒުކޮށްގެން މި މަހުގެ 6-10 މާރިޗުއަށް ޕީއެސް މުބާރާތެއް ބާއްވާފައިވާއިރު، އުމުރުން ދުވަސްވީ އަދި ހަރު އުމުރުފުރާގެ ބޭފުޅުންނަށް އަމާޒުކޮށްގެން މި މަހުގެ 15-19 އަށް ވަނީ ކެރޮމް މުބާރާތެއް ހިންގާފައެވެ.
މީގެ އިތުރުން އެ ކުލަބުގެ މެންބަރުންނަށް އަމާޒުކޮށްގެން މި މަހުގެ 18-25 އަށް ފުޓްސަލް މުބާރާތެއް ބާއްވާފައިވާއިރު، ޑަބްލިއުޑީސީއިން އަންހެން ބޭފުޅުންނަށް އަމާޒުކޮށްގެން ހިންގާ ޑަބްލިއުޑީސީ މަސްރޭސް ހިންގުމަށް ހަމަޖެހިފައިވަނީ ވެސް އެ ކުލަބުގެ ފަރާތުންކަން އެ ކުލަބުން މައުލޫމާތުދެއެވެ.
ކުރިއަށް އޮތްތަނުގައި ކުޅިވަރުގެ އިތުރުން ވެސް ގިނަ ތަފާތު ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާކަން އެ ކުލަބުން ހާމަކުރެއެވެ.