ކުޅުދުއްފުށީގައި ރޭ ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބި އައިސީޔޫގައި ފަރުވާދެމުން އަންނަ ޒުވާނާގެ ހާލު ސްޓޭބަލްކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.
ރޭ ގާތްގަނޑަށް 10:40 އެހާއިރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ބޯފެޅި ސީރިއަސް ޒަހަމްތަކެއް ލިބުނީ 24 އަހަރުގެ ޒުވާނަކަށެވެ. އެ ސައިކަލްގެ ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށްވެސް އެކި ވަރުގެ އަނިޔާތައް ލިބުނުނަމަވެސް ސީރިއަސް އަނިޔާއެއް ނުވެ އެވެ.
އަދި ދެވަނަ ސައިކަލްގައި ދުއްވަން އިން 24 އަހަރުގެ އަންހެން މީހާއަށްވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވީނަމަވެސް ސީރިއަސް އަނިޔާއެއްނުވެ އެވެ.
24 އަހަރުގެ ޒުވާނާގެ ބޯފެޅުމުގެ ސަބަބުން ގިނަ އަދަދެއްގެ ލޭ އެކްސިޑެންޓްވި ތަނަށް ފައިބާފައި ހުއްޓެވެ.
ކޭއާރުއެޗުގެ އޮފިޝަލަކު ވިދާޅުވީ، އެކްސިޑެންޓްގައި ސީރިއަސް އަނިޔާވި ޒުވާނާގެ ހާލު ސްޓޭބަލްކަމަށާއި އައިސީޔޫގައި ބާއްވައިގެން ފަރުވާދެމުންދަނީ ހެޑް އިންޖަރ ވުމުން ގާތުން ފަރުވާދިނުމަށްޓަކާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އަމީނީމަގުން އުތުރުން ދެކުނަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލަކާއި ސަރުދާރުމަގުން އަމީނީމަގަށް ނުކުންނަށް ދިޔަ ސައިކަލެއްގައި ޖެހި އެވެ. އަމީނީމަގު ދުއްވާފައި ދިޔަ ސައިކަލް ތިބީ ދެ ފިރިހެނުންނެވެ.