މިއަހަރުވެސް ބޮޑު އީދުގެ ހަރަކާތްތައް ކުޅުދުއްފުށީގައި ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތިދުވަހު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، އަބަދުވެސް ބޮޑުއީދު ފާހަގަކުރަނީ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ކަމަށެވެ. އެގޮތުން މިދިޔަ އަހަރުވެސް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ބޮޑު އީދުގެ ހަރަކާތްތައް ވަރަށް ކުލަގަދަކޮށް ކުރިއަށްގެންދިޔަކަން މޭޔަރު ފާހަގަކުރެއްވި އެވެ.
މޭޔަރު ވިދާޅުވީ، މިއަހަރުވެސް އިރާދަކުރެއްވިއްޔާ ރައްޔިތުންގެ އެއްބާރުލުމާއެކު ކުލަގަދަކޮށް ކުޅުދުއްފުށީގައި އީދު ފާހަގަކުރާނެ ކަމަށެވެ.
ޒަމާނުންސުރެ ކުޅުދުއްފުއްޓަކީ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރާ ރަށެކެވެ. ސަގާފީ ކުޅިވަރުތަކާއި ޒަމާނީ ކުޅިވަރުތަކުގެ އިތުރުން ތަފާތު ވައްތަރުގެ މާލި ހަރަކާތްތަކާއި ސްޓޭޖް ޝޯތައް ބާއްވަ އެވެ. އަދި މީގެ އިތުރުން ކުޅުދުއްފުއްޓަށް ހާއްސަ ސަގާފީ ކުޅިވަރުތައްވެސް ހިމެނެ އެވެ. އޭގެ ތެރޭގައި 'ދަމުހިނގުން' ފާހަގަކޮށްލެވެ އެވެ.
ކުޅުދުއްފުށީގައި ބޮޑުއީދުގައި ކުރިއަށްގެންދާ ކުޅިވަރުތަކުގެ ތެރޭގައި އަންހެން ފިރިހެން ދަފި ނެގުމާއި މާގަނޑު ނެށުމާއި ހިއްޗަށްވަޑައިގަތުން، ރާނީ ހިނގުން، ފަންމާލި، ނަމުރު، މަށިމާލި ޕެރޭޑް، ބޮޑުފައިވާނުގައި ހިނގުމާއި ބަނދުއް ދުއްވުން ފަދަ ކުޅިވަރުތައް ހިމެނެ އެވެ.