ކުޅުދުއްފުށީގައި ރަސްމީ ފާލަމެއް ތަރައްގީކުރަން ވޭވްލެންތް ކުންފުންޏާ ސިޓީ ކައުންސިލުން ހަވާލުކޮށްފި އެވެ. ރަސްމީ ފާލަން ތަރައްގީކުރަނީ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގަ އެވެ.
ކުޅުދުއްފުށީ ރަސްމީފާލަން ތަރައްގީކުރުމުގެ މަސައްކަތްކުރުމަށް ވޭވްލެންތާއެކު އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވި މޭޔަރު މުހައްމަދު އާތިފެވެ.
ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މި ފާލަން ފަރުމާކުރެވިފައިވަނީ ހިޔާގަނޑަކާއެކު ފާލަމުގެ ތިންފަރާތުން ލޯންޗްފަހަރަށް ފަސޭހަކަމާއެކު ގާތްކޮށް، އަރައި ފޭބުމަށް ފަސޭހަވާނޭ ގޮތަށެވެ.
މި ފާލަމަށް 3.90 މިލިއަން ރުފިޔާ ހަރަދުވާއިރު މި މަސައްކަތް 240 ދުވަސްތެރޭގައި ނިންމަން ޖެހެ އެވެ.
މި ފާލަމަކީ ރަސްމީ ހައިސިއްޔަތުން ރަށަށް ވަޑައިގަންނަވާ އިއްޒަތްތެރިންނާއި، ރަށުގައި ހިންގާ ހާއްސަ ހަރަކާތްތަކަށް ދައުވަތު އެރުވިގެން ރަށަށް ވަޑައިގަންނަވާ ހާއްސަ މެހެމާނުންނަށް މަރުހަބާ ދެންނެވުމަށް ހާއްސަކުރެވޭ ފާލަމެއް ކަމަށާއި މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ފާލަން ބޭނުންކުރުމުގެ އުސޫލެއް އެކުލަވާލައި ތަންފީޒުކުރެވޭނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.