ކުޅުދުއްފުއްޓާއި އުތުރުގެ އިގްތިސޯދުގެ މުހިންމު ބައިވެރިއެއްކަމަށްވާ މިތުރު ކުންފުނީގެ ރިހި ޔޫބީލްގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
2000 ވަނަ އަހަރު އުފަންވި މި ވިޔަފާރިއަށް 25 އަހަރު ފުރުމުގެ ކުލަގަދަ ރަސްމިއްޔާތު ބޭއްވި ހުކުރުދުވަހުގެ ރޭ އަފީފުއްދީން ސްކޫލްގެ ހޯލުގައި އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޭޔަރު މުހައްމަދު އާތިފެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިތުރު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ، އަނބިމީހާއެކު ފެށި މި ވިޔަފާރިއަށް މިއަދު 25 އަހަރުވީއިރުވެސް އަދިވެސް ހުންނެވީ މަންމަ އާއި ބައްޕަ ދެއްވި ނަސޭހަތްތަކުގައި އަޑުއަހައި އޭގައި ހިފަހައްޓައިގެން ކަމަށެވެ.
ޒުހައިރުގެ ބައްޕަ މިހާރު ނިޔާވެފައިވާއިރު މަންމަ ދުނިޔޭގައި އެބަ އިންނެވިއެވެ. މިހާރުވެސް މަންމަ ނަސޭހަތާއި ގިނަ އިރުޝާދު ދެއްވާކަން ފާހަގަކޮށް ޒުހައިރު ވަނީ މަންމައަށް ޝުކުރުއަދާކުރައްވާފަ އެވެ.
ޒުހައިރުގެ ވާހަކައިގައި ވިޔަފާރި ފެށިގެން އައިގޮތާއި ބައްޕަ އާއި މަންމަ ވިޔަފާރި ފެށުމަށްވީ އެހީތެރިކަމުގެ މައްޗަށް އަލިއަޅުވައި ވާހަކަދެއްކެވި އެވެ. އަދި އާއިލާ އާއި ގާތް އެކުވެރިންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން ޒުހައިރު ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުއަދާކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި މިތުރު ކޮމްޕެނީގެ 25 ވަނަ އަހަރުގެ ހިދުމަތާ ބެހޭ ވީޑީއޯ ރިޕޯޓެއް ދެއްކި އެވެ. އަދި ކުންފުނީގެ އެހާރާއި މިހާރުގެ މުވައްޒަފުންގެ ތެރެއިން ގިނަ ދުވަހު ހިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަން ކުރި އެވެ.
މި ރަސްމިއްޔާތުގައި ޒުހައިރުގެ އަނބިކަނބަލުން އަދި މިތުރު ކުންފުނީގެ ޑިރެކްޓަރ އައިމިނަތު ގާސިމާއި ހަތަރު ދަރިން ބައިވެރިވެޑައިގެންނެވި އެވެ. އަދި ވިޔާފާރިގެ ބައިވެރިންނާއި އެހީތެރިންގެ އިތުރުން އެހާރާއި މިހާރުގެ މުވައްޒަފުންވެސް ބައިވެރިވެލެއްވި އެވެ.
މިތުރު ކުންފުނީގެ 25 އަހަރުގެ ހިދުމަތުގައި އެތަނުގައި 700 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރި އެވެ. މިތުރު ކުންފުނި ފާހަގަކުރެވެނީ ކުޅުދުއްފުށީގެ ވިޔަފާރީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އެވެ. އެގޮތުން ރަށުގެ. މިތުރު ކުންފުނީގެ ފަރާތުން ކުޅުދުއްފުށީގައި މިސްކިތެއް ބިނާކޮށްފައިވާއިރު ތައުލީމާއި ދީނީ ކަންކަމަށް އަދި އިޖުތިމާއި ކަންކަމުގައިވެސް މިތުރުން އަންނަނީ ދީލަތި އެހީތަކެއް ވަމުންނެވެ.