ކުޅުދުއްފުށީ މަށިކުޅީގައި ތަރައްގީކުރި ޕްލެޓްފޯމުގެ މަސައްކަތް ނިންމާ ހުޅުވާލައިފި އެވެ. މި ޕްލެޓްފޯމާއެކު ސަރަހައްދުގެ ރީތިކަމަށް ވަނީ އިތުރު ފުރިހަމަކަމެއް ލިބިގެންގޮސްފަ އެވެ.
މިއީ ސިޓީ ކައުންސިލާއި އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ޒިގްޒެގް ފޯ ޔޫތް ލިންކޭޖްއާ ގުޅިގެން ތަރައްގީކުރި ޕްލެޓްފޯމެއްކެވެ. މިތަން ހުޅުވީ ބުދަދުވަހު އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޭޔަރު މުހައްމަދު އާތިފް އާއި ޒިގްޒެގްގެ ޗެއާމަން ސައުދުﷲ ނައީމު އަދި ޔޫއެންޑީޕީގެ ބެންކޮކޮ ރީޖަނަލް ގަވަރނެންސްގެ އެޑްވައިޒަރ ޑިއާނާ ޓޮރެސް އެވެ.
މަށިކުޅީގެ މިފަދަ ޕްލެޓްފޯމެއް ތަރައްގީވެގެންދިޔުމަކީ ވަރަށް ގިނަ ރައްޔިތުންގެ އުންމީދެކެވެ. ޔޫއެންޑީޕީގެ ގްރާންޓެއް ކާމިޔާބުކޮށް ފަންޑު ހޯދައިގެން މިތަން ހަދަން ބޭނުންވާ ސާމާނު ފޯރުކޮށްދިނީ ޒިގްޒެގުންނެވެ. އަދި ޕްލެޓްފޯމުގެ ޑިޒައިން އާއި އީއައިއޭވެސް ހެދީ ޒިގްޒެގުންނެވެ.
މި މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖްމެންޓްގެ ހުރިހާ މަސައްކަތެއް ސިޓީ ކައުންސިލުން ކުރިއިރު މަޝްރޫއު ހިންގީ ވޭވްލެންތާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއަށް ސިޓީ ކައުންސިލްގެ ބެޖެޓުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި އެވެ. މަޝްރޫއުގެ ބައެއް މަސައްކަތަށް ވޭވްލެންތުގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދި އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ދިވެހިންނަކީ އަބަދުވެސް ވެއްޓަށް ލޯބިކުރި އަދި ވެށިން ނަފާ ހޯދަމުން އައި ބައެއްކަމުގަ އެވެ. ވަކިން ހާއްސަކޮށް ގުދުރަތީ ވެށި ހިމާޔާތްކުރުމަށް ކާބަފައިން ގިނަ މަސައްކަތްތަކެއް އެ ޒަމާނުގައިވެސް ކުރިކަން މޭޔަރު ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި އޮންނަ ހުދުމަށީގެ އެންމެ ބޮޑު އަދި ވަރަށް މަދު ރަށެއްގެ ކުޅިއަކުން ނޫނި ނުފެންނަ ހުދުމަތީގެ އެންމެ ބޮޑު ސްޓޮކެއްވެސް އޮތީ މި ކުޅިގައިކަމަށް މޭޔަރު ވިދާޅުވި އެވެ.
ކުޅިތަކާއި ފާތަކާއި ޗަސްބިންތަކުގެ މުހިންމުކަން މިހެން އުޅޭ އުޅުމުގައި އިހްސާސްނުވެދާނެކަމަށާއި އެހެންނަމަވެސް ދިރާސާތަކުންވެސް ފެންނަ އޮތްގޮތުގައި މިތަންތަނަކީ ކާބަންގެ ސިންކުތަކެއްކަން ފާހަގަކުރެއްވި އެވެ. އެގޮތުން ޖައްވަށް ދޫކުރާ ވިހަގޭސްތައް ދަމާ ރައްކާކުރާ ތަންތަންކަން ފާހަގަކުރައްވާ އާތިފް ވިދާޅުވީ، މިފަދަ ޗަސްބިންތަކުން އާދައިގެ ޖަންގަޔަކަށްވުރެ ދިހަގުނަ އިތުރަށް ކާބަން ރައްކާކުރާ ކަމަށެވެ.
އަމާޒަކީ ކުޅުދުއްފުށީ ކުޅިއަކީ ނަމޫނާ މެނޭޖްމެންޓް ޕްލޭނަކާއެކީގައި ރައްޔިތުންނަށް ގިނަ މަންފާތަކެއް ލިބިދާނެހެން އަދި ރަށުގެ އިގްތިސޯދަށްވެސް ކޮންޓިބިއުޓްކުރާނެ ގޮތަކަށް ތަރައްގީވެގެންދާނެ ތަނަކަވުންކަމުގައި އާތިފް ވިދާޅުވި އެވެ.
"ސިޓީ ކައުންސިލްގެ އަމާޒަކީވެސް އެއީ އުންމީދަކީވެސް އެއީ އަދި ވިޝަންއަކީވެސް އެއީ." މޭޔަރު ވިދާޅުވި އެވެ.
އެގޮތުން ބަޖެޓް ލިބޭ ވަރަކުން މުޅި ކުޅި ހިމޭނޭ ސަރަހައްދަކީ ރައްޔިތުންގެ ހިޔާލާއެކު، އެކި ބައިބަޔަށް ބަހާލައިގެން ތަރައްގީކުރެވިގެންދާނެ ކަމަށާއި އެގޮތުން ކުޅީގެ ދެކުނުން އޮތް މަގު އެއީ ހިނގާ މަގެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާކަމަށާއި، އެމަގުގެ މަސައްކަތްކުރުމަށް ބިޑް ސެޕްޓެމްބަރުމަހު ހުޅުވާލާނެކަމުގައި އާތިފް ވިދާޅުވި އެވެ.
މިފަދަ ތަންތަން ތަރައްގީކޮށް އާންމުކޮށް ހުޅުވާލާއިރު ވިސްނަން ޖެހޭ ހާއްސަ ކަންތައްތަކެއް ހުންނަކަން ފާހަގަކުރައްވަމުން އާތިފް ވިދާޅުވީ މިތަންތަން ދިގު މުއްދަތަށް ބޭނުންކުރެވޭނެ ގޮތްތަކަށް ރައްޔިތުން ބޭނުންކުރުމަށް އިލްތިމާސްކުރެއްވި އެވެ. އަދި މި ސަރަހައްދު ހަޑިނުވާނެ ގޮތްތަށް ކުނި ނޭޅުމަށްވެސް އާތިފް އިލްތިމާސްކުރެއްވި އެވެ. ޕްލެޓްފޯމު ބޭނުންކުރުމުގައި އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމުކުރުމަށްވެސް އެދިލެއްވި އެވެ.
ކުޅި ތަރައްގީކުރުމަކީ ސިޓީ ކައުންސިލްގެ ފަސް އަހަރުގެ ތަރައްގީގެ ޕްލޭންގައި ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.