twitterviber whatsapp telegramfacebookyoutube instagram
13th October 2025

ދެ އަހަރުވެގެންދާއިރު ކުޅުދުއްފުށީގައި އާ މަޝްރޫއެއް ނުފެށޭ، ކުރީގެ މަޝްރޫއުތައް ހުރީ ހުއްޓިފަ: އާތިފް

އަބްދުލް ވާހިދު ޙަސަން
Oct 11, 2025
2

2024 އާއި 2025 އަހަރާއެކު ދައުލަތުގެ ބަޖެޓްގެ ގޮތުގައި ޖުމްލަ 110 ބިލިއަން ރުފިޔާ ފާސްކުރިއިރު ކުޅުދުއްފުށީގައި އެއްވެސް މަޝްރޫއެއް ސަރުކާރުން ނުފަށާއިރު ކުރިން ފަށާފައި ހުރި މަޝްރޫއުތައްވެސް ހުއްޓިފައިވާކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ތިނެއް އޮކްޓޯބަރުމަހުގައި އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބުދުލްލަތީފް ދޫކޮށްލަން ގޮވާލައި ރޭ ކުޅުދުއްފުށީ ބަންޑާރަ މައިދާނުގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ، ޔާސިރަކީ އަބަދުވެސް އިންސާފަށް ލޯބިކުރާ ކުޅުދުއްފުއްޓަށް ކުރިއެރުން ހޯދަން މަސައްކަތްކުރާ ބޭފުޅެއް ކަމަށެވެ.

އަދި ޔާސިރަކީ ފުލުހުންނަށް ހަމަލާދީ ގާނޫނާ ގަވައިދާ ހިލާފުކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް އާތިފް ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ، މި ވެރިކަމުން ވެރިކަމުގެ ސިފައެއް ނުފެންނަ ކަމަށެވެ.

" 2024 އާއި 2025 އާއެކު 110 ބިލިއަން ރުފިޔާގެ ބަޖެޓް ދައުލަތުގެ ބަޖެޓްގެ ގޮތުގައި ފާސްކުރި. ހައްދަވައިކަމެއް މި ކުޅުދުއްފުއްޓަކަށް ކަމެއް ނުވޭ. އަޅުގަނޑު ދަންނަ އެއްވެސް ރަށެއްގެ ރައްޔިތަކު ނުބުނޭ އެރަށަކަށް ކަމެއްވިޔެކޭ. މާލޭ މީހުން ބުނަނީ އެތަނަކަށް ކަމެއް ނުވޭ." އާތިފް ވިދާޅުވި އެވެ.

އެމްޑީޕީ ވެރިކަން ނިމުނުއިރު 16.5 އަށް ލިބެން ހުރި ޑޮލަރުގެ އަގު މިއަދު 22 ރުފިޔާއާ ހަމައަށް އަރާފައިވާ ކަމަށާއި މުދަލުގެ އަގު ބޮޑުވުމާ ވިޔަފާރިވެރިންނާ ސަރުކާރުން ގުޅުވާއިރު އަގުބޮޑުކޮށް ޑޮލަރު ގަނެ ގެއްލުމުގައި އަގުހެޔޮކޮށް ވިޔަފާރިވެރިން މުދާ ވިއްކާނީ ކިހެނެތްތޯ އޭނާ ސުވާލުކުރެއްވި އެވެ.

ޔޫރަޕުން ބޭސް ގެންނާނެކަމަށް ރައީސް ވިދާޅުވެ އަނެއްކާވެސް ބޭސް ގެންނަ އިންޑިޔާގެ ކުންފުންޏަކާ ސޮއިކުރި މަންޒަރު ފެނިގެންދިޔަ ކަމަށާއި ދިވެހިރާއްޖޭއަށް ބޭނުންވާ އެއްވެސް ބޭހެއް އެ ބޭނުންވާ މިންވަރަށް ފޯރުކޮށް ނުކޮށްދެވޭކަމަށް އާތިފް ވިދާޅުވި އެވެ. އަދި ރަށުގައި ހުރި ބޭސް ފިހާރަތަކުން ބޭނުންވާ ބޭސް ލިބެން ނެތްއިރު އާސަންދައިން ނުލިބޭ އެތައް ބޭހެއް ޑޮކްޓަރުން ލިޔަމުންދާކަމުގެ ޝަކުވާ ކޮންމެ ދުވަހަކުވެސް ލިބެމުންދާކަން އާތިފް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ފެނުނީ އަޅުގަނޑުމެން ރަށުގައި އިމާރާތްކުރަން ފަށާފައިހުރި ހަތަރު ސަތޭކަ ހައުސިންގ ޔުނިޓް، އަޅުގަނޑުމެންގެ ސަރުކާރު ނިމުނުއިރު ހިނގައި ހިނގައި ހުރި 400 ހައުސިންގ ޔުނިޓް ދެ އަހަރުވެގެން ދިޔައީ އަދި އެންމެ ގާ ބުރިއެއްވެސް ނުބާއްވާ. ރައީސް މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރެކޭ. އަދި މި ރާއްޖޭގެ އެއްވެސް ތަނަކުން އެ ބޭފުޅުން ފެށި މަޝްރޫއެއްވެސް އަދި ފަށާފައި ހުރި މަޝްރޫއެއް ކުރިއަށްދާތަނެއްވެސް ނުފެނޭ." މޭޔަރު އާތިފް ވިދާޅުވި އެވެ.

ވެރިކަން ބަދަލުވުމާ ގުޅިގެން ކުޅުދުއްފުށީގައި ސަރުކާރުން ފަށާފައިހުރި އެއްވެސް މަޝްރޫއެއް ނުހުއްޓޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު ހައުސިންގ މަޝްރޫއު ހުއްޓިފައިވާއިރު ސްކޫލްތަކުގައި ފަށާފައިވާ މަޝްރޫއުތައްވެސް ހުއްޓިފައިވާކަމަށެވެ. އަދި ފެނަކަ އިމާރާތުގެ މަސައްކަތްވެސް ހުއްޓިފައިވާއިރު 14 ހަފުތާތެރޭގައި ފަށަން ވައުދުވި ޓާމިނަލްގެ މަސައްކަތްވެސް ކުރިއަށްނުދާކަން މޭޔަރު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ކުޅުދުއްފުށީ ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުވެސް ސަރުކާރުން ހުއްޓުވާލާފައިވާކަމަށް އާތިފް ވިދާޅުވި އެވެ.

އެމްޑީޕީ ވެރިކަމުގައި މަގުހެދުމުގެ ފޭސް 2 އެއް ކުޅުދުއްފުށީގައި ފެށީ އެހެން ރަށެއްގައި ނުފަށާހާ ފުރިހަމަކޮށްކަމަށް ވިދާޅުމުން އާތިފް ވިދާޅުވީ އެއީ ޑީވޯޓަރިންގ އާއި ފަޔަރހައިޑްރަންޓްގެ ވަކި ނެޓްވާރކަކާއެކީގައި ފެށި ޕްރޮޖެކްޓެއް ނޯނާނެ އެހެން ރަށެއްގައި އަދިއެއް ނޯނާނެ ކަމަށެވެ. އެހެންނަމަވެސް ސަރުކާރު ނިމުމާއެކި ފޭސް 2 ގެ މަސައްކަތްވެސް ހުއްޓިފައިވާކަން މޭޔަރު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355