twitterviber whatsapp telegramfacebookyoutube instagram
1st November 2025

ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ހިނގާލުން ކުޅުދުއްފުށީގައި ފަށައިފި

އަބްދުލް ވާހިދު ޙަސަން
Oct 31, 2025

ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ހިނގާލުން ކުޅުދުއްފުށީގައި ފަށައިފި އެވެ. މިއީ 1 ނޮވެމްބަރުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާ 'ޖެނެރޭޝަން ބޭން' އާ ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ ހިނގާލުކެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިސްނަގައިގެން ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށްގެންދާ މި ހިނގާލުން ފެށީ މިއަދު ހަވީރު 4:30 ގައި ސްޓޭޑިއަމް ސަރަހައްދުގަ އެވެ. މި ހިނގާލުން ހުއްޓާނުލައި މާދަމާ ހަވީރު 4:30 އާހަމައަށް ކުރިއަށްދާނެ އެވެ.

މި ހިނގާލުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޭއާރުއެޗްގެ ސީއީއޯ ނާޒިމާ އަލީ ވިދާޅުވީ، މިއީ މާލެ ފިޔަވާ މި ހިނގާލުން 24 ގަޑިއިރަށް ގެންދާ ހަމައެކަނި ރަށް ކަމަށެވެ.

ދުންފަތުން ރައްކާތެރިވެފައިވާ ޖީލެއް ބިނާކުރުމަށް މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމެވި ވަރުގަދަ ނިންމެވުމެއްކަން ފާހަގަކުރައްވައި އެމަނިކުފާނަށް ނާޒިމާ ޝުކުރުއަދާކުރެއްވި އެވެ.

މި ހަރަކާތުގައި ރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތަކާއި އެކަޑަމީތަކުން ލިބުނު އެހީތެރިކަން ފާހަގަކުރަމުން އެފަރާތްތަކަށްވެސް ނާޒިމާ ޝުކުރުއަދާކުރެއްވި އެވެ.

ކުޅުދުއްފުށީގައި ކުރިއަށްދާ ހިނގާލުމުގައި ސަރުކާރުގެ ވެރިންނާއި ސްކޫލް ކުދިންނާއި އާންމުންނާއި އެތުލީޓުން އަންނަނީ ބައިވެރިވަމުންނެވެ. މި ހިނގާލުން ކުރިއަށްދަނީ، ސްޓޭޑިއަމް ކުރިމަތިން ފެށިގެން، އަމީނީމަގުން އުތުރަށް ގޮސް ކުންބުއްޓި – ކުޅިމަތިމަގުން ގޮސް، ކުންބުއްޓި- ރަށްމަތިމަގާއި ކުންބުއްޓި-ރަށްކޮޅުމަގުން އަނެއްކާވެސް އަމީނީމަގަށް ނުކުމެ ސްޓޭޑިއަމް މައިގޭޓަށް ނިންމާލައި ގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355