twitterviber whatsapp telegramfacebookyoutube instagram
19th November 2025

400 ހައުންސިން ޔުނިޓްގެ މަސައްކަތް ހުއްޓުމުގައި ކައުންސިލްގެ އިހުމާލު އެބައޮތް: އިބްރާހިމް

ޙަސަން އިޔާން
Nov 19, 2025

ކުޅުދުއްފުށީގައި މިދިޔަ ސަރުކާރުން ފެށި 400 ހައުސިން ޔުނިޓްގެ މަސައްކަތް ހުއްޓުމުގައި ސިޓީ ކައުންސިލްގެ އިހުމާލު އެބައޮތް ކަމަށް ކައުންސިލް މެންބަރު އިބްރާހިމް އަހުމަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ފުރަތަމަ ދެ އަހަރަކީ ގެއްލުން ބޮޑު ދެ އަހަރު ކަމަށް ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ ވިދާޅުވުމުން އެކަމަށް ރައްދު ދެއްވުމުގެ ގޮތުން އިބްރާހިމް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުން ފައިބައިގެން ދިޔައީ މުޅި ގައުމު ދަރުވާލާއި ބަނގުރޫޓްކޮށްލާފައި ކަމަށެވެ.

"ހައުސިންއޭ ކިޔާ ވާހަކަދައްކާއިރު ހައުސިންގައި ވެސް ހިނގަމުން މި އަންނަ ކައުންސިލުން އޮތީ ގޯސް ހަދާފައި.. 400 ހައުސިން ޔުނިޓް ކުރިއަށް ނުދިއުމުގައި މި ކައުންސިލްގެ އިހްމާލު އެބައޮތް.. ކައުންސިލްގެ މަސައްކަތްތަކަށް ހުރަސް އަޅައޭ ބުނާއިރު ވޯކް ޕްލޭންގައި ހިމެނިފައިވާ މަސައްކަތްތައް އެބަ ކުރެވޭ.. ވޯކް ޕްލޭން ރަނގަޅަށް ހެދުން ވެސް ވަރަށް މުހިންމު،" ކައުންސިލް މެންބަރު ވިދާޅުވި އެވެ.

ކައުންސިލްގައި އިންނަވައި ޕީއެންސީއަށް ނިސްބަތްވާ ހަމައެކަނި ކައުންސިލަރު ވިދާޅުވީ ގައުމު ދަރަނިވެރިވުމުން ސަލާމަތްކޮށް، ގައުމުގައި ހުރި ގިނަ ދުވަސްވީ އިޖްތިމާއީ މައްސަލަތައް ހައްލުކޮށް، ރަނގަޅު ޖީލެއް ބިނާކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އެކަމުގެ ފޮނިމީރުކަންވެސް ލިބިގެންދާނެ ކަމަށާއި މި ފަސް އަހަރުގެ ނަތީޖާ ވޭތުވެދިޔަ ފަސް އަހަރުގެ ނަތީޖާއަށް ވުރެ މާ ބޮޑަށްވެސް ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިމާރާތްކުރަން ފެށި މި ހައުންސިން ޔުނިޓްތަކަކީ އަތޮޅުތެރޭގައި ހިންގާ އެންމެ ބޮޑު ހައުންސިން މަޝްރޫއު އެވެ. އެ ހައުންސިން ޔުނިޓްތަކުގެ މަސައްކަތް ހުއްޓުނީ ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށްވެ އެވެ.

މަސައްކަތް ނިންމަމުންދާ ވަރަކަށް މިނިސްޓްރީއަށް ބިލްތައް ހުށަހަޅާއިރު ބިލްތަކަށް ފައިސާ ނުދައްކާ ކަމަށާއި އެހެންވުމުގެ ސަބަބުން އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުދެވިވާ ކަމަށް ވެސް މީގެކުރިން ރިޕޯޓްކޮށްފައިވެ އެވެ.

ޑިޒައިން އެންޑް ބިލް އުސޫލުން ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް ގާތްގަނޑަކަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355