ކުލަގަދަ ރަސްމިއްޔާތަކާއެކު ބޯޒިޔާރާތް ސަރަހައްދު ޑިސެމްބަރުމަހު ހުޅުވަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.
'ބޯޒިޔާރާތް ބީޗަކީ' ސިޓީ ކައުންސިލުން ކުރިއަށްގެންދިޔަ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ. އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔާތްކުރުމާއި ބީޗު ސަރަހައްދު ތަރައްގީކުރުން ކުރިއަށްގެންދިޔައީ ދެ ބަޔަކާ ހަވާލުކޮށްގެންނެވެ.
އެތަން ތަރައްގީކޮށްފައިވަނީ ބާބަކިޔު ހެދޭނެ ސަރަހައްދަކާއި ނަމާދުކުރާނެ ސަރަހައްދެއް އަދި ފެންވެރޭނެ އިންތިޒާމުތަކާއެކު އެވެ. އަދި ބީޗް ހަޓްތަކާއި ސެކިއުރިޓީ ހަޓެއްގެ އިތުރުން ކުޑަކުދިން ކުޅޭ ސަރަހައްދެއް ހިމަނައިގެން ވަރަށް ފުރިހަމައަށެވެ. ބޯޒިޔާރާތް ހުޅުވަން ނިންމާފައިވަނީ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު އެވެ.
ސިޓީ ކައުންސިލްގައި މިއަދު ބޭއްވި އާންމު ބައްދަލުވުމުގައި ކުލަގަދަ ރަސްމިއްޔާތަކާއެކު އެތަން ހުޅުވަން ނިންމީ ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
ކައުންސިލަރު ރިލްވާނު މުހައްމަދު (ރިލޭ) ވިދާޅުވީ، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއެކު ކައުންސިލުން ހިންގި މި ބޮޑު މަޝްރޫއު ނިންމުން ކުލަގަދަކޮށް ފާހަގަކުރުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި އެމޭރުމުން އެމްޑީޕީގެ އެހެން ކައުންސިލަރުންވެސް ވާހަކަދެއްކެވި އެވެ.
ހުޅުވުމުގެ ރަސްމިއްޔާތު ބިޑްކޮށްގެން ކުރިއަށްގެންދަން ފާސްކުރިއިރު ހަވާ އެރުވުމާއި މުނިފޫހިފިލުވުމުގެ ހަރަކާތާއި ލައިވްކުރުމާއި އަދި އެހެނިހެން ކަންކަން ހިމަނާފައިވެ އެވެ.
މިފަހުން ކުރިއަށްގެންދިޔަ ކޮމަންވެލްތު ގޭމްސް އާއި އެތުލެޓިކްސް ފަދަ މުބާރާތްތަކުން ހަވާ ފެންނާނެކަމަށް ރައްޔިތުން އުންމީދުކުރި ކަމަށާއި ހަވާ އަރުވަން ނިންމި އެއް ސަބަބަކީ ރައްޔިތުންނަށް މިފަދަ ހަރަކާތްތަކުގެ ނިންމުން އުފާވެރިކަން ގެނެސްދިނުމުގެ ގޮތުންކަމަށް ކައުންސިލަރުން ވިދާޅުވި އެވެ.




