twitterviber whatsapp telegramfacebookyoutube instagram
7th December 2025

ހޮނިހިރު ބާޒާރު ސަރަހައްދުގެ ފުރަތަމަ ފިޔަވަހި ނިންމާ ބޭނުންކުރަން ހުޅުވާލައިފި

އަބްދުލް ވާހިދު ޙަސަން
Dec 7, 2025
1

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ސަރަހައްދު ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފުރަތަމަ ފިޔަވަހީ ބައި ނިންމާ ބޭނުންކުރަން ހުޅުވާލައިފި އެވެ.

ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް އެ ސަރަހައްދު ތަރައްގީކުރަނީ އެތަނުގައި ހުރި އެއްވެސް ގަހެއް ނުނަގަ އެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން މި މަސައްކަތް ކުރަނީ އެތަން ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުންނެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީކުރީ ބާޒާރު އޮންނަ ގަސްތައް ހިމެނޭ ސަރަހައްދެވެ. އެތަނުގެ ގަސްތައް ވަށައި އިށީދެވޭނެހެން ބުޑު ރާނާއި އެ ސަރަހައްދުގައި ވަނީ ތަޅުން އަޅާފަ އެވެ. އެތަނުގެ ލައިޓްގެ މަސައްކަތް ނިންމާލާނީ ދެވަނަ ފިޔަވަހީގެ މަސައްކަތާއެކު ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީ ބައި ބޭނުންކުރަން ހުޅުވާލީ އިއްޔެ އެވެ. ކައުންސިލަރ ރިލްވާނު މުހައްމަދު (ރިލޭ) ވިދާޅުވީ، އެ ބައި އާންމުކޮށް ބޭނުންކުރަން ހުޅުވާލާފައިވާ ކަމަށާއި ދެން ކުރިއަށްދާނީ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ހިމެނޭ ދަތުރުހިޔާ އެޅުމުގެ މަސައްކަތް ކަމަށެވެ.

ދަތުރުވެރިންނަށާއި ބާޒާރު ބޭނުންކުރާ ދަނޑުވެރިންނަށް ފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ ގޮތުން ސިޓީ ކައުންސިލުން ތަރައްގީކުރާ މި ތަން ނިމޭއިރު ބޮޑު ދަތުރު ހިޔަލަކާއި ފާހާނާ، ފީޑިންގ ރޫމާއި ޕާރކިން އޭރިއާއެއް ހިމެނޭނެ އެވެ.

މި މަސައްކަތް ކުރަނީ އަންބަލަން ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހަވާލުކޮށްގެންނެވެ.

މިސަރަހައްދަކީ ބާޒާރެއްގެ އިތުރުން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ހިތްހަމަޖައްސާލަން ބޭނުންކުރާ ފެހި ސަރަހައްދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355