twitterviber whatsapp telegramfacebookyoutube instagram
11th December 2025

ތެލާއި ގޭހުގެ ސްޓޯރޭޖް ބިމަށް ވެސް ހުއްދައެއް ނުލިބޭ، އަހަރަކަށް 1.6 މިލިއަން ރުފިޔާގެ ގެއްލުމެއް

އަބްދުލް ވާހިދު ޙަސަން
Dec 11, 2025

ލާމަރުކަޒީ ގާނޫނު ބަދަލުކުރިއިރު ބީލަންތައް ލިބި އިވެލުއޭޝަން މަރުހަލާ ނިމިފައިހުރި ވިޔަފާރި ބިންތައް ދޫކުރުމުގެ ހުއްދަ ވެސް ފިނޭންސް މިނިސްޓްރީން ނުދޭ ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާހެދި ކައުންސިލްތަކަށާއި ރަށްތަކުގައި އުޅޭ ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް މާލޭގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފު، ރަށުގެ ތެލުގެ ސްޓޮކް އިތުރުކުރުމަށް ދެ ބިމެއް ކުއްޔަށް ދޫކުރަން ނިންމާ ހުޅުވާލި ފުރުސަތުގައި ރަނގަޅު ބިޑްތަކެއް ލިބުނު ކަމަށެވެ.

އޭގެ އިތުރުން ރަށުގެ ތެރޭގައި ކައްކާ ގޭސް ގުއްދަން ކުރުން ހުއްޓުވައި މީހުން ދިރިނޫޅޭ ސަރަހައްދަކަށް އެ ވިޔަފާރި ބަދަލުކުރުމަށް ބިމެއް ކުއްޔަށް ދޭން ނިންމާފައިވާ ކަމަށެވެ.

“ބީލަންތައް ލިބި އިވެލްވޭޝަން މަރުހަލާވެސް ނިމިފަ ހުއްޓަށް ގާނޫނު ބަދަލުކުރީ، އެ ބަދަލާއެކު ގެޒެޓް ކުރެވުނު ގަވައިދުގެ ދަށުން ހުއްދަށް އެދުމުންވެސް އަދިވެސް އަޅުގަނޑުމެންނަށް މިވަނީ އެ ހުއްދަށް ނުލިބި. އެހެންކަމުން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް އަހަރަކު އެ ގެއްލެނީ އާމުދަނީއަށް ބެލިޔަސް 1.6 މިލިއަން ރުފިޔާ. އެ ބިންތަކަށް އެކަނި ބެލިކަމުގައިވިޔަސް.” މޭޔަރު އާތިފު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އެ ތިން ބިމުގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވިޔަފާރިފުޅާކުރަން ވެސް ބިމަށް އެދިފައިވާއިރު އޭގެ ތެރެއިން ބައެއް ބިންތައް ކުއްޔަށް ދޫކުރަން ހުއްދަ ނުލިބޭ ކަމަށެވެ.

ރަށު ފެންވަރުގައި ކައުންސިލުން ކުރަން ނިންމާފައި ހުރި ގިނަ ކަންތައްތަކެއް ފިނޭންސުން ހުއްދަ ނުލިބޭތީ ވަނީ ހުއްޓިފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ ވަޤުފް ފަންޑާއި ކައުންސިލުން ކުރިއަށްގެންދަން ނިންމާފައިވާ 150 ހައުސިން މަޝްރޫއު ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355