twitterviber whatsapp telegramfacebookyoutube instagram
28th December 2025

ގޮނޑުދޮށް ހިމާޔާތްކުރުމާއެކު ބޯޒިޔާރާތް ބީޗު ތަރައްގީކޮށް ރައްޔިތުން ހެއްވާލައިފި

އަބްދުލް ވާހިދު ޙަސަން
Dec 28, 2025

ގޮނޑުދޮށް ހިމާޔާތްކުރުމާއެކު ބޯޒިޔާރާތް ބީޗު ސަރަހައްދު ހިތްފަސޭހަ ތަނަކަށް ބަދަލުކޮށްލައި ރައްޔިތުން ހެއްވާލައިފި އެވެ. ހަވާއެރުވުމާއެކު ބޯޒިޔާރާތް ހުޅުވައިދެއްވީ ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްގީކުރި މި ތަނަކީ ސިޓީ ކައުންސިލްގެ 5 އަހަރުގެ ތަރައްގީގެ ޕްލޭންގައި ހިމެނިގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އެ މަސައްކަތަކަށްތަކައި ރަށުގެ ގިނަ ރައްޔިތުންތަކެއް އިންތިޒާރު ކުރަމުން އައި އަދި ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދެވުން މަޝްރޫއުކަމަށް އެކައުންސިލުން ބުނެ އެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްގެންދިޔައިރު އެ ސަރަހައްދަށް ގިނަ ބަޔަކު ޖަމާވި އެވެ. ޒަމާނުންސުރެ މޫދަށް އެރޭ މި ސަރަހައްދު ޒަމާނީ ގޮތަކަށް ތަރައްގީކުރުމަކީ ރައްޔިތުން ދެކެމުންދިޔަ ހުވަފެނެކެވެ. އަދި ވަކިން ހާއްސަކޮށް އެ ސަރަހައްދުގެ ރައްޔިތުން ހިތްފަސޭހަކޮށްލަން ދާނެ ސަރަހައްދެއް ނެތި އޮއްވާ އެތަން ތަރައްގީކުރެވިގެންދިޔުން ވެގެންދިޔައީ އެ ރައްޔިތުންނަށް މާ އުފާވެރިކަމެއް ލިބިގެންދިޔަ ކަމެއްވެސްމެ އެވެ.

މިތަން ހަމައެކަނި ތަރައްގީކޮށްފައިވަނީ ބީޗެއް ސިފައަކަށް އެކަންޏެއް ނޫނެވެ. އޭގެ އިތުރުން ފެހިކަމާއެކު ހިތްފަސޭހަ ސަރަހައްދަކާއި ކުޑަކުދިން ކުޅޭނެ ސަރަހައްދެއްވެސް ތަރައްގީކޮށްފައިވެ އެވެ. މިގޮތަށް ގޮނޑުދޮށް ހިމާޔާތްކުރުމަކީ މައި ސަރުކާރުން ކުރަމުންދާކަމެއް ނަމަވެސް މިތަނުގެ ގޮނޑުދޮށް ހިމާޔާތްކުރީ ސިޓީ ކައުންސިލުންނެވެ. މިއީ މިގޮތަށް ރަށެއްގެ ގޮނޑުދޮށް ކައުންސިލަކުން މިފެންވަރުގައި ހިމާޔާތްކުރި ފުރަތަމަ ފަހަރެވެ.

ބޯޒިޔާރަތުގައި ހިމެނޭ ބައިތައް

• ކުޑަކުދިންނަށް ހާއްސަކުރެވިފައިވާ ކުޅޭ ސަރަހައްދެއް

• އާންމުންނަށާއި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވޭނެ 2 ފާޙާނާ

• ގުދަން

• ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މޫދައް އެރުމަށް އެކްސެސިބަލް ރޭމްޕެއް

• ވޮޗް ހަޓް

• އާއިލާތަކާއި އެކު މަޑުކޮށްލެވޭނެ 4 ހަޓު

• 6 ބީޗް ހަޓު

• ނަމާދު ކުރުމަށް އަދި އިވެންޓްތަކަށް ބޭނުންކުރެވޭނެ ޑެކެއް

• ފީޑިން ރޫމް

• 5 އުނދޯލި

• ގިނަ ފަރާތްތަކަކަށް އެއްފަހަރާ ބޭނުންކުރެވޭނެ 2 އޯޕަން ޝަވަރ

• 3 ބާބެކިޔު ގްރިލް އާއި އެކު ބާބެކިއު ހަދާނެ ސަރަހައްދެއް

• 12 ބެންޗް

• 16 ބީޗް ގޮނޑި

• ސަރަހައްދު އަލިކުރުމަށް ގާޑަން 2 ލައިތް ޕޯސްޓް

• ޒީނަތްތެރިކުރުމަށް ގާޑަން ލައިޓް

• މޫދަށް ފޭބޭ ގޮތަށް ބެހެއްޓިފައިވާ ސްލައިޑެއް

• ގޮނޑުދޮށް ޙިމާޔަތް ކުރުމަށް 4 ގްރޯއިން

މި މަޝްރޫއު ކުރިއަށް ގެންދެވިފައިވަނީ 2 މަޝްރޫއަކަށް ބަހާލެވިގެންނެވެ. އެގޮތުން 3,378,000.24 (ތިން މިލިއަން ތިން ލައްކަ ހަތްދިހަ އަށްހާސް ރުފިޔާ ސައްވީސް ލާރި އަށް ބެންޒީ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރެވިގެން ގޮނޑުދޮށް ހިމާޔަތް ކުރުމާއި މޫދު އެރޭ ސަރަހައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރެވިފައި ވާއިރު، ބޯޒިޔާރަތް ސަރަހައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ވަނީ ޕްލަސް ބީ އާއި ހަވާލުކޮށްގެން 4,011,392.68 (ހަތަރު މިލިއަން އެގާރަހާސް ތިންސަތޭކަ ނުވަދިހަ ދެ ރުފިޔާ ފަސްދޮޅަސް އަށްލާރި) އަށް ކުރިއަށް ގެންދެވިފައެވެ.

މި ސަރަހައްދު އިތުރަށް ތަރައްގީކުރުމުގެ ގޮތުން ދާއިމީކޮށް ސްވިމިންގ ޓްރެކް ބާއްވާނެ ސަރަހައްދެއް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށުމަށް ތައްޔާރުވެފަ އެވެ މި މަސައްކަތް ނިމޭ އިރު ސްވިމިންގް ޓްރެކަށް ފަސޭހައިން އެރޭނެ ޖެޓީއެއް ތަރައްގީކުރެވި ޓްރެކް ސަރަހައްދު ފުން ކުރެވިގެންދާނެކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. މިތަނުގައި ބާއްވާފައިވާ ސްވިމިންގ ޓްރެކަކީ ސްވިމިންގ އެސޯސިއޭޝަނާއި ސްޕޯޓް މިނިސްޓްރީން ހަދިޔާކުރި ޓްރެކެވެ.

ޒަމާނުންސުރެ ކުޅުދުއްފުށީގައި މޫދަށް އެރުމަށް ހާއްސަވެފައިވާ މި ސަރަހައްދަކީ އެކި ދުވަސްވަރުގައި އާންމު ރައްޔިތުންނާއި ދައުލަތުގެ ފަރާތުން އެކި ފެންވަރުގައި ތަރައްގީކުރަމުން ގޮސްފައިވާ ސަރަހައްދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355