އިބްރާހީމް ޔޫސުފް (ޔޫސުފް)
ބައެއް ފަހަރަށް ބައިވެރިޔާ އާއިއެކު ފެށި ދިރިއުޅުމުގެ ދަތުރުގައި ގަދަ ކަނޑެއްގެ ތެރޭ ދުއްވަންޖެހި ދެމީހުންގެ ގުޅުން ގޯސްވެ، އެންމެ ފަހުން އާ ބައިވެރިއެއް ހޯދައި ހޭރިޔާކޮށް އެހެން ދިމާލަކަށް ދީލާލަންޖެހޭގޮތް ދިމާވެއެވެ. މިކަމަށް މަކަރު ހެދިއްޔޭ ކިޔަސް އެންމެ ރަނގަޅެވެ. ބޭވަފާތެރިވިއްޔޭ ކިޔަސް މައްސަލައެއްނެތެވެ.
ޔަގީނުންވެސް ދިރިއުޅުމުގެ ދަތުރަށް އެކުގައި އެރި ބައިވެރިޔާގެ ފުރަގަހުން އެހެން މީހަކާއި ގުޅުމެއް އުފައްދަން ދިމާވުމުގައި ސަބަބުތަކެއްވާނެއެވެ. އެއީ، ބައިވެރިޔާގެ ކުސްތެޅުން ގިނަވުން ހެއްޔެވެ؟ ބަސްމަދުވެ ގުޅުން ފިނިވުން ހެއްޔެވެ؟
އަހަރެން އެކިފަހަރުމަތިން ރައްޓެހިންނާއި ވާހަކަދެއްކުމުން ފާހަގަވި ސަބަބުތައް މިހުރީއެވެ. ކިޔާލާށެވެ.
ސަބަބު ނަންބަރު އެކެއް
“އަހަރެންގެ ލޯބިވެރިޔާ، ނަޖޫ މަތިން ފޫހިވެ، ލިއުޝާ އާއި ވާހަކަދައްކަންފެށީ، ނަޖޫގެ ކުރީގެ ބޯއީފުރެންޑަށް އޭނާ އެސްއެމްއެސް ފޮނުވާކަން ޔަގީންވުމުން… އަސްލު އެ މެސެޖްތަކުގައި މާބޮޑު ރޮމޭންޓިކް ވާހަކަތަކެއް ނަޖޫ ލިޔެފައެއްވެސް ނެތް … އެކަމަކު ނަޖޫ، އޭނާއާއި ގުޅުން ބޭއްވުމަކީ އަހަރެން އެދޭ ގޮތެއްނޫން… އަހަރެން އެރޭ ނިންމީ އަހަރެންނަށް ވެސް ކުއްޖެއް ވެދާނެކަން ނަޖޫއަށް އަންގާލަން… އޭރުވެސް އެނގޭ މިއީ ގުޅުން ކަނޑާލަން އޮތް އެންމެ ފައްކާގޮތް ނޫންކަންވެސް… އެކަމަކު އެކްސް ބޯއީފުރެންޑާއި ވާހަކަދައްކަންޏާ އެއީ ރުހެވޭނެ ކަމެއް ނޫނެއްނު…” އައްމަޑޭ ހުސްވެފައިވާ ކޮފީ ތަށި އެއްކައިރިކޮށްލާފައި ކެމަލް ލައިޓެއް ރޯކޮށްލަމުން އަހަރެންގާތު އިހަށްރޭ ބުންޏެވެ.
ސަބަބު ނަންބަރު ދެއެއް
“އަބަދުވެސް އަހަރެންނަށް ރީތީ ވަކި ބައްޓަމެއް ހުންނަ ކުދިން… އެހާ ހިކިވެގެން ނުވާނެ… އަދި ޕުލައިވޫޑް ފިލައެއްހާ ފުލެޓްވެގެންވެސް ނުވާނެ!” ރަޗީ ހިނިގަނޑެއް ޖަހާލިއެވެ. ” ހަމަ ސީރިއަސްކޮށް މިބުނީ…ޔޫސޭ… އަހަރެންގެ ބިޓް އެހެން ހުރިހާ ގޮތަކުން ބެސްޓް.. އެކަމަކު އޭނާޔަށް އަހަރެން ދަމާގޮތެއް ނުހުރޭ.. މިބުނީ ފިޒިކަލް އެޓްރެކްޝަން ޖަސްޓް އިޒްންޓް ދެއާ އޭ…” ރަޗީ އަކީ އަބަދުވެސް ވަރަށް އިނގިރޭސި ގޮލައެކެވެ.
ސަބަބު ނަންބަރު ތިނެއް
“އަހަރެން އެންމެ ފުރަތަމަ އެހެން ކުއްޖެއްގެ ގާތަށް ދިޔައީ ނަފޫ ދަތުރެއްގައި ލަންކާއަށް ގޮސް ހުއްޓާ.. އަސްލުވާގޮތަކީ ނަފޫގެ ޖޮބަކީ ވަރަށް ގިނައިން ދަތުރުކުރަންޖެހޭ ޖޮބެއް… ވީމާ، އެއްކޮށް އުޅެލެވެނީ ވަރަށް މަދުން… އަނެއްހެން ބުނަންޏާ އަސްލު ނަފޫ އެއީ ބައިވެރިއެއް ނޫން… ހަމަ އެކަނި ނަމެއް! ޔޫސޭ ބުނަން ވާހަކައެއް؟ ކިތަންމެ ލޯބިވިޔަސް އެކުގައި އުޅެން ގާތުގައި ނުހުންނަންޏާ މިހެންވެދާނެ!” ހަތާވީސް އަހަރުގެ ފިރާގު، އެންމެފަހުން ވަފާއާއި އިންނަންޖެހުނު ގޮތް ކިޔައިދިނެވެ.
ސަބަބު ނަންބަރު ހަތަރެއް
“އަހަރެން އިނާޔާ ދެކެ އަސްލުގައި ވަރަށް ލޯބިވޭ. އޭރު އަހަރެން އުޅުނީ ވިލަމެންދޫ ރިސޯޓްގައި. އެއީ އަރިއަތޮޅު. ދެހަފުތާއިން އެއް ހަފުތާގައި އޯފްޑޭގައި އިނާ ގާތަށް މި އާދެވެނީ. އަނެއް ކޮޅުން ރިސޯޓްގައި ހުންނަ ހަފުތާގައި ވަރަށް މަޖާ. ރިސޯޓްގެ ކޮފީޝޮޕް ޑެކްގައި އޮތް ޕާޓީއަކަށް ދިޔަރޭ އަހަރެންނަށް އެނގުނީ ރީތި ކުދިން އިނާ ނޫނަސް އުޅޭކަން. ދެން ވާންފެށިގޮތަކީ، އިނާ ގާތު ހުންނަ ހަފުތާގައި ރިސޯޓް ނައިޓްލައިފް ވަރަށް ބޮޑަށް މިސްވާންފެށީ. ވަކިން ބޮޑަށް ޖީއާރުއޯ އަކަށް އުޅޭ ވިޝާމާ…
އެންމެ ފަހުން ފަޅާއެރިއިރު، އިނާވެސް މިއޮތީ ދެފަހަރެއްގެ މަތިން ކަމެއް ހިންގާލާފައި. ވަރަށް ބޮޑަށް ދެމީހުންވެސް ދެރަވި. ހަމަ އަސްލުވެސް ވަރަށް ދެރަވެގެން ދެމީހުން ވަކިވީ…” ނައީމް ވާހަކަދައްކަމުން ދިޔައިރު މޫނުމަތިން ކުލަ އޮއްސިފައިވާހެން އަހަރެންނަށްވެސް ހީވިއެވެ.
ސަބަބު ނަންބަރު ފަހެއް
“އަހަރެންގެ ކުރީގެ އަންހެނުން، މަރީއާއި އަހަރެން ބައްދަލުވީ ކަސްރަތަށް ދުވަން ގޮސް އުޅުނުއިރު. އޭރު ދެމީހުންވެސް ވަރަށް ފަލަ… އެހެންވެ ކަންނޭގެ ހަމަ ފެންނައިރަށް ހިތާވެވުނީ…” އިއްބެ ހިނިގަނޑަކާއެކު ހަނދާން އާކޮށްލިއެވެ. “ދެން ވީގޮތަކީ އަހަރެން ހަމަ ރާސްލާފައި ހިކިއްޖެ. މަރީ ފަރުވާކުޑަކުރާތީ ނުހިކޭ… ހީވަނީ އޭނާވީ އިތުރަށް ފަލަހެން… މަރީ އެކަމާ ވަރަށް ހާސް ވާކަން ވެސް އަހަރެންނަށް އެނގޭ.. މަރީ ދުވަން ނާންނަ ދުވަހަކު ވަރަށް ރީތި ތުނިތުނި އަންހެންކުއްޖެއް އަހަރެންނާއި ވާހަކަދައްކާލި.. އޭނާވެސް ބޭނުންވަނީ ހިކިކޮށް ފިޓްކޮށްހުންނަން… ފަހުން ދެމީހުންގެ ޚިޔާލު ވަރަށް އެއްގޮތްކަން އެނގުނު… ޖެހިގެން އައި ހުކުރުގައި އަހަރެމެން ތިބީ ކުޑަބަނޑޮހުގައި.. ބުނަންތަ؟ މިހާހިސާބުން އަހަރެން ނިންމީ މަރީ އާއި ވަކިވާން… އެއް ކަމެއް ހާސިލްކުރަން އުޅޭ މިހަކާއެކީއެއް ނޫންތަ އުޅެވޭނީ؟ އިއްބެ، އަހަރެންނަށް ހަގީގަތުގައި ހުށަހެޅީ ސުވާލެއް ނޫނެވެ. އެއީ އޭނާގެ ޚިޔާލެވެ.
ސަބަބު ނަންބަރު ހައެއް
“ޒުލޭއާއެކު ޒުވާބަކަށް ނުވާ ކަމެއް ނޯވޭ. ބައެއްފަހަރު ތަޅާފޮޅައިގަންނަން ވެސް ޖެހޭ. އަހަރެން ހުންނަނީ ބޯގޮވާފައި. ލަމްހާ އަކީ އަހަރެންގެ އޮފީހުގައި އުޅޭ ސަކަރާތްޖަހަން އެއްވަނަ ކުއްޖެއް. އެއްރޭ ޑިނަރއަކަށް ލަމްއާއެކު ދިޔަފަހުން ލަމްއާއި މެދު ވިސްނެންފަށައިފި. ދެން އެނގިއްޖެ ޒުލޭގެ ކަންތައް މިދެން ނިމުނީކަން.” އަދުރޭގެ ހިތް ލަމްއަށް ދެވުނުގޮތް އަހަރެންނަށް ކިޔައިދިނީ މިގޮތަށެވެ.
ސަބަބު ނަންބަރު ހަތެއް
އަހުސަންއަކީ ވަރަށް ލަދުރަކި ޒުވާނެކެވެ. އެކަން އޭނާވެސް ގަބޫލުކުރެއެވެ. އޭނާދެކޭ ގޮތުގައި ފާތުންއަށް ދީފައިއޮތް ހިތް، އޭނާއަށް އެހެން ކުއްޖަކަށް ދެވުނީ އިދިކޮޅު ޖިންސްދެކެ އޭނާ ގަންނަލަދު ކަނޑުވާލަދިނުމުންނެވެ! އަހުސަން ބުނާގޮތުން އެ ހާދިސާއަށްފަހު، އޭނާގެ ނަފުސަށް އިތުބާރު އުފެދުނެވެ. އެއީ އޭނާގެ ކުރީގެ ބައިވެރިޔާ ފާތުންއަށް ނުކޮށްދެވިފައިއޮތް ކަމެކެވެ.
“އަސްލު އަހަރެންނަކީ ވަރަށް ލަދު ގަންނަ މީހެއް! ބިޓުން ގާތު ވަރަށް ގަޓްނުހުންނާނެ. ފާތުން އާ ރައްޓެހިވެވުނީ ނައިޓްކުލާހަށް ކޮމްޕިއުޓަރ ކޯހެއް ހަދަން ދިޔައިރު. ފާތުންއަކީވެސް ވަރަށް ލަދުރަކި ކުއްޖެއް. އަހަރެމެން ދެމީހުންނަކީ ވަރަށް ރައްޓެހިންމަދު ބައެއް. ބޭރަށް ވަރަށް ނުދަން. ދެމީހުންގެ ލައިފް ވަރަށް ވަރަށް އާދައިގެ ގޮތެއް. އެއްވެސް މަޖާކަމެއް ޚާއްސަކަމެއް ނުހިނގާ. އެއީ މީހުންނާ އަނގަތަޅާ މަޖާކުރުން އެއީ ދެމީހުންގެވެސް މިޒާޖު ނޫންވީމަ. ހުރިހާކަމެއް ބަދަލުވީ ތިނަދޫގައި އޮތް ވޯކްޝޮޕަކަށް ދިޔަތަނުން. ކާގަޑީގައި އަހަރެންނަށް އިންނަންޖެހުނީ ހަތަރު އަންހެންކުދިންނާއެކު އެއް މޭޒެއްގައި. ލަދުން އިނީ މަރުވާ ވަރުވެފައި. އެކަމަކު މިތަނުން އެއް ކުއްޖަކު ސަމާސާކޮށްފައި ޖެހިލުމެއްނެތި އަހަރެންގެ އަތުގައި ވިކައިގެންފި. ދެން ތަފާތު ވާހަކަ ދައްކަންފަށައިފި. އަހަރެންވެސް ‘އަންހެން ނުވާން ވެގެން’ އެމީހުން ވަށްބަހުން ފޮށޭފޮށުމަށް ރައްދު ދޭން ފަށައިފިން. ވޯކްޝޮޕް ނިމުނުއިރު އަންހެނުންދެކެ ގަންނަ ލަދު ފިލައްޖެ. މަޖާވެއްޖެ. ރަށަށް އާދެވުނުއިރު އަހަރެން ހުރީ ބަދަލުވެފައިކަން ޚުދު އަހަރެންނަށް ވެސް އިހްސާސްވެއްޖެ. އެހާ ހިސާބުން ފާތުން ކަހަލަ ލަދުރަކި، ބަސްމަދު ކުއްޖަކާއެކު އުޅެން ފޫހިވެއްޖެ”