ކުޅުދުއްފުށީގެ ހަނިގޯޅިތައް ހުރި ސަރަހައްދުތައް ތަރުތީބުކުރުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަތަރު ގެއެއް އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ނިންމައިފި އެވެ.
ކުޅުދުއްފުށީގައި އެންމެ ފުރަތަމަ އާބާދުވިކަމަށް ބެހެލޭ މި ސަރަހައްދުތަކުގައި އޮންނަ ބޮޑެތި ކަންބޮޑުވުންތަކުގެ ތެރޭގައި ބިމުގެ އަގު ނެތުމާއި އެމްބިއުލާންސާ އާއި ފަޔާ ޓްރަކް ނުވަދެވޭ މައްސަލަ ބޮޑެވެ.
މި މައްސަލަތައް ހައްލުކުރުމަށް އެ ސަރަހައްދުތައް ތަރުތީބުކޮށް ބާކީ ހުންނަ ހަނިގޯޅިތައް ހިތްގައިމު ކޮންސެޕްޓަކަށް ތަރައްގީކުރަން ސިޓީ ކައުންސިލުން ބޭނުންވެ އެވެ.
2025 ވަނަ އަހަރުގެ އޯގަސްޓްމަހު ބޭއްވި ރައްޔިތު ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މޭޔަރު އާތިފު ވިދާޅުވީ، ހަނިގޯޅި ސަރަހައްދުތަކަކީ ހިނގާފައި އުޅޭ ހިތްގައިމު ސަރަހައްދުތަކެއްގެ ގޮތުގައި ތަރައްގީކޮށް މައިމަގަށް އެކްސެސްވެވޭ ގޮތަކަށް ތަރައްގީކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.
އެ ސަރަހައްދުންތައް ތަރުތީބުކޮށް ފުޅާ މަގެއް ހަދާއިރު ބައެއް ގޭބިސީތައް އެތަނުން ނަގަން ޖެހެ އެވެ. އެހެންކަމުން އެ މަސައްކަތްކުރާނީ އެ ސަރަހައްދެއްގެ ރައްޔިތުން ރުހޭނަމަ ކަމުގައިވެސް އާތިފު ވިދާޅުވި އެވެ.
އެ މަސައްކަތުގެ ފުރަތަމަ ބައި ފަށާފައިވާއިރު މާލިހާމަގުގެ އުތުރުން އޮންނަ ސަރަހައްދުގެ ބައެއް ގޭބިސީތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން ސިޓީ ކައުންސިލުން ނިންމީ މިދިޔަ ހަފުތާތެރޭގައި އެވެ. އެގޮތުން އެ ސަރަހައްދުގެ ހަތަރު ގެއެއް ބަދަލުކުރަން ނިންމި އެވެ.
ބަދަލުކުރަން ނިންމި ގެތައް:
- މަބުސްތާނުގެ
- އެވަރސްނޯ
- ނިސާ
- ސީން
މި ހަތަރު ގޯތިތެރެއިން މަބުސްތާނުގެ ގެ ބަދަލުކުރަން ނިންމީ 'ޑްރެސް' ކިޔާ ގޯތީގެ ހުޅަނގަށް އޮންނަ ހުސްބިމަށެވެ. އެވަރސްނޯ 'ސަނަމް' އަދި 'ސަހޭލީ' ގެ ދެމެދުގައި އޮތް ބިމަށް ބަދަލުކުރަން ނިންމިއިރު ނިސާ އަދި ސީން ގޯތި ބަދަލުކުރީ 'މާބޮނޑި' ގޯތި އިރުމައްޗަށް އޮންނަ ހުސްބިމަށެވެ.
މި ސަރަހައްދުގައި ހުރި ގިނަ ގޯތިތަކަކީ 'އުކާލާފައި' ހުރި ގޯތިތައްކަމުން ގިނަ ގޯތިތަކުގައި ހުރީ ވަރަށް ބޮޑަށް ފިތިފަ އެވެ. އެހެންވުމުން ހަތަރު ކަނުގެ ބަދަލުގައި ބައެއް ގެތަކުގައި ތިން ކަނާއި 6 ކަން ހުންނަ ގޯތިތައްވެސް ހުރެ އެވެ.




