މާލެއެކޭ އެއް އަގެއްގައި އަސާސީ 23 ބާވަތެއް މިހާރު ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ އިން ލިބެން ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ގައުމުގެ އިގުތިސޯދުގެ ހަރުދަނާކަން ދޭހަކޮށްދޭ މައިގަނޑު އެއް ކަމަކީ ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީ ބާވަތްތަކުގެ އަގުތައް އެއްހަމައެއްގައި ހިފެހެއްޓޭ މިންވަރު ކަމަށެވެ.
އެކަމަށް ބަލައިލާއިރު، ފާއިތުވެދިޔަ އަހަރު މުހިއްމު މަސައްކަތްތަކެއް ކުރިން ކަމަށާއި އެގޮތުން، އަސާސީ ކާބޯތަކެތީގެ އަދަދު 23 ބާވަތަށް އިތުރުކޮށް، މާލޭގެ ބާޒާރުގައި ހެޔޮއަގުގައި ލިބެން ހުންނާނެކަން ޔަގީން ކުރިން ކަމަށް ރައީސް ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ، އާބާދީގައި 3000 ހަމަވާ ރަށްރަށަށް ތަކެތި ފޯރުކޮށްދިނުމަށް، އެސްޓީއޯގެ އޭޖެންޓުން ހޯދުމަށް އިއުލާނުކޮށް، އެ 23 ބާވަތް އެސްޓީއޯގެ ރޭޓުގައި ފޯރުކޮށްދިނުމުގެ އިންތިޒާމް މިހާރު ދަނީ ހަމަޖައްސަމުން ކަމަށާއި މީގެ އިތުރުން، އެސްޓީއޯ އިން އައްޑޫ އާއި ކުޅުދުއްފުށި ސިޓީއަށް މި 23 ބާވަތުގެ އަސާސީ ކާބޯތަކެތީގެ ރާއްޖެއިން ބޭރުން އެތެރެކުރަން ފެށިފައިވާކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"ނަތީޖާއެއްގެ ގޮތުން، މާލެ އެކޭ އެއް އަގެއްގައި އަސާސީ ބާވަތްތަކުގެ 23 ބާވަތް އެ ސިޓީތަކުން [ކުޅުދުއްފުށި އަދި އައްޑޫ] ލިބެން ހުންނާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މާލެ ބަނދަރުމަތީގައި އެސްޓީއޯގެ ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވާފައިވާ ކަމަށެވެ. އަދި، މި އަހަރުގެ ރަމަޟާން މަހުގެ ކުރިން ހުޅުމާލޭގައި އެސްޓީއޯގެ އައުޓްލެޓެއް ގާއިމުކުރެވޭނެ ކަމަށާއި މީގެ އިތުރުން، ކުޅުދުއްފުށީ ޕޯޓުގައި ޑިޔުޓީ ފްރީކޮށް މުދާ ބަހައްޓާ ޒޯނެއް މިދިޔަ އަހަރު އޮގަސްޓްމަހު ގާއިމުކޮށްފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
އަދި، އެފަދަ ޑިޔުޓީ ފްރީ ޒޯނެއް އައްޑޫ ޕޯޓުގައި މިމަހުގެ ތެރޭގައި ގާއިމުކޮށް ހިދުމަތް ދޭން ފަށާނެކަމަށް ރައީސް ވިދާޅުވި އެވެ.




