twitterviber whatsapp telegramfacebookyoutube instagram
8th February 2026

ކެމްޕެއިން ފޯރީގައި ދެއްކި ލަދުވެތި ވާހަކައަށް ފާޑުކިޔުން އަމާޒުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Feb 8, 2026

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރަން ކުޅުދުއްފުށީގައި ބޭއްވި ބޮޑު ޖަލްސާގައި އެމްސީކުރައްވަން ހުންނެވި ފެނަކަ މެނޭޖަރު އަހުމަދު މުހައްމަދު ދެއްކެވި ލަދުވެތި ވާހަކައަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މިދިޔަ ހުކުރުދުވަހު ރޭ ބޭއްވި އެ ބޮޑު ޖަލްސާގައި ކެބިނެޓްގެ 8 ވަޒީރަކާއި ސަރުކާރުގެ އިސް ވަފުދެއްގެ އިތުރުން ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓަރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އާންމުންގެ ގިނަ ބަޔަކާއެކު ކުރިއަށްދިޔަ މި ޖަލްސާގައި އެމްސީ ކުރައްވަމުން ގެންނެވީ ލޯކަލް ގަވަރަމަންޓްގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުހައްމަދު (ޖިހާދޭ) އާއި ކުޅުދުއްފުށީ ފެނަކައަށް މިސަރުކާރުން ހަމަޖެއްސެވި މެނޭޖަރު އަހުމަދު މުހައްމަދު (ލައިޓޭ) އެވެ.

ޖަލްސާ ނިމެމުންދަނިކޮށް ފޯރީގައި ވާހަކަދައްކަވަމުން މެނޭޖަރު އަހުމަދު ދެއްކެވި މި ލަދުވެތި ވާހަކަ އާއި ގުޅިގެން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން އަންނަނީ ކަންބޮޑުވެ ނުރުހުންފާޅުކުރަމުންނެވެ.

އެގޮތުން މިހާ ދަށު ދަރަޖައަށް ވެއްޓެން ޖެހޭތޯ ސުވާލުކުރައްވަމުން، މިދުހަމް ސައުދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ އެކްޓިވިސްޓުންނާއި ސިޔާސީ މީހުން ވާންޖެހޭނީ އާންމު މީހުންނަށްވުރެ ހަރުކަށި ހުދޫދެއް ތެރޭގައި އުޅެންޖެހޭ، އާންމު މީހާއަށް ވުރެ ބޮޑަށް ބަހާއި އަމަލަށް ފަރުވާތެރިވާ ބަޔަކަށެވެ. އެވެރިންވާން ޖެހެނީ އާންމު މީހުންނަށް މިސާލަކަށެވެ.

ދެ ޓީވީއަކުން ލައިވްކުރަމުންދިޔަ އެ ޖަލްސާގައި މެނޭޖަރު އަހުމަދު އެ ދެއްކެވި ވާހަކަތަކާއެކު ގިނަ ބަޔަކު އަންނަނީ އޭނާ ސަރުކާރުގެ ވަޒީފާއިން ވަކިކުރުމަށްވެސް ގޮވާލަމުންނެވެ. މިކަމާ ގުޅިގެން ޕީއެންސީން އަދި ސަރުކާރުންވެސް ވަކި އެއްޗެއް ބުނެފައެއްނުވެ އެވެ.

މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ދައުލަތުގެ ވަޒީރުގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ މުއްތަލިބް އާއި އެކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު އާއި ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު އާއި ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ފޮރިން މިނިސްޓަރު ޑރ އަބުދުﷲ ހަލީލް އާއި ޓޫރިޒަމް މިނިސްޓަރު އިބުރާހިމް ތޯރިގް ހިމެނިވަޑައިގަންނަވަ އެވެ.

އަދި މީގެ އިތުރުން މާލޭ ސިޓީ ގްރޫޕް ހޮސްޕިޓަލްސްގެ ސީއީއޯ އިބުރާހިމް ހަލީމް އާއި އެންސްޕާގެ ސީއީއޯ ހީނާ ވަލީދާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355