twitterviber whatsapp telegramfacebookyoutube instagram
10th March 2026

ރަށްރަށުގެ އެމްބިއުލާންސްތައް މަރާމާތުކޮށް ބަލަހައްޓަން އެމްޕީއެލްއާ ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Mar 10, 2026

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުން ކުރާ އެމްބިއުލާންސްތައް ދެމެހެއްޓެނިވި ގޮތެއްގައި މަރާމާތުކޮށް ބެލެހެއްޓުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވުމެއްގައި ރޭ ސޮއިކޮށްފިއެވެ.

މި މަސައްކަތް އެމްޕީއެލްއާ ހަވާލުކުރުމަށްޓަކައި އިއްޔެ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެމްޕީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އަތޮޅުތެރޭގެ ޞިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ އެމްބިއުލަންސްތައް މަރާމާތުކުރުމާއި ސާވިސްކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު މުޢީނެވެ.

މި މަސައްކަތް އެމްޕީއެލާ ހަވާލުކުރިއިރު، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ ކުންފުންޏާ ހަވާލުކޮށްގެން ގެނައި 56 އެމްބިއުލާންސް މިދިޔަ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު ވަނީ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައެވެ.

ޖުމުލަ 65.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގެނައި މި އެމްބިއުލާންސްތަކަކީ އަތޮޅުތެރޭގެ އެކި ރަށްތަކުގެ ސިއްހީ ހިދުމަތް ހަރުދަނާކުރުމަށް ގެނައި އުޅަނދުތަކެކެވެ.

މި އެއްބަސްވުމުގެ ސަބަބުން ރަށްރަށުގައި ބޭނުންކުރާ އެމްބިއުލާންސްތަކަށް ދިމާވާ މައްސަލަތައް އަވަހަށް ހައްލުކޮށް، މަރާމާތުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355