ކޮންމެ އަހަރަކު ވެސް ކުލަބް ކޮރަލްސްއިން އިންތިޒާމުކޮށްގެން ފިތުރު އީދުގައި ބާއްވަމުން އަންނަ މަސްރޭހުގެ މިއަހަރުގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ ކަނޑައަޅައިފި އެވެ.
މިއަހަރުގެ ރޯދަމަސް ނިމި ފިތުރު އީދުގެ މުނާސަބަތުގައި ބާއްވާ އުރީދޫ ކުލަބް ކޮރަލްސް މަސްރޭސް 1447 އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. މިއަހަރުގެ މަސްރޭހުގެ ލޯގޯ ކުލަބް ކޮރަލްސްއިން ދައްކާލާފައިވާއިރު އެކުލަބުން ބުނި ގޮތުގައި މި ލޯގޯ އުފެދުނީ މަސްވެރި މުޖުތަމައުއިން މިކަމަށް ދޭ ހިތްވަރާއި ކަނޑުގެ ސްޕިރިޓާއި މުބާރާތުގެ ފޯރިއާއި ވަރުގަދަކަމުން ކަމަށާއި މިލޯގޯއިން މިމުބާރާތާ ބެހޭ ހުރިހާ ކަމެއް ދައްކުވައިދޭ ކަމަށެވެ.
މިމަސްރޭހުގެ މަގުސަދަކީ ކުޅުދުއްފުށި ސިޓީގެ މުއައްސަސާތަކުގެ މެދުގައި އިޖްތިމާއީ އެއްބައިވަންތަކަން އިތުރުކުރުން ކަމަށް ކުލަބް ކޮރަލްސްއިން ބުނެފައިވެ އެވެ. އަދި އޮފީސް އަދި ކުންފުނިތަކުގެ ކޮންމެ މުވައްޒަފަކަށް ވެސް މިމަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން ކޮރަލްސްއިން ފާހަގަކުރެ އެވެ.
މުބާރާތުގެ ގަވައިދުތަކަށް ބަލާލާއިރު ކޮންމެ ޓީމެއްގައިވެސް 5 - 12 އާ ދެމެދުގެ އަދަދަކަށް މެންބަރުން ތިބެން ޖެހެ އެވެ، އަދި ޓީމުތަކުގައި ހުސް ފިރިހެނުން، ހުސް އަންހެނުން، ނުވަތަ ދެ ޖިންސް މިކްސް ކޮށްގެންވެސް ޓީމް ހެދެ އެވެ. ނަމަވެސް ކޮމްބައިންކޮށް ޓީމެއް ނެހެދޭނެ ކަމަށް ކޮރަލްސްގެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
މިމުބާރާތަކީ ކުޅުދުއްފުށީގެ އޮފީސް އަދި ކުންފުނިތަކަށް ހާއްސަކުރެވިފައިވާ މުބާރާތަކަށްވާއިރު ކޮންމެ ޓީމެއްގައި ޓީމް މެނޭޖަރ ނުވަތަ ކޯޗް ހުންނަން ޖެހެ އެވެ. އަދި މަދުވެގެން މަސްވެރިކަމުގައި އަމަލީ ގޮތުން ބައިވެރިވާ 5 މެންބަރުން ކޮންމެ ޓީމެއްގައި ތިބެން ޖެހެ އެވެ. އަދި ކޮންމެ ޓީމަކަށްވެސް މަހަށް ފުރޭނީ އެ ގަވާއިދުގެ ތެރެއިންނެވެ.
ހުރިހާ ޓީމަކުން ވެސް ފުރުމަށް ކަނޑައެޅިފައިވާ ވަގުތުގެ 30 މިނެޓު ކުރިން މަސްރޭހުގައި ބޭނުންކުރާ ދޯނި ޖެޓީގައި އަޅަން ޖެހެ އެވެ. އަދި އަނބުރާ އަންނައިރު އެޓީމެއް މަހަށްދިޔަ އުޅަނދުގައި އަންނަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު އެއްވެސް ސަބަބަކާހުރެ ކަނޑައެޅިފައިވާ ވަގުތަށް ހާޒިރު ނުވެވިއްޖެނަމަ އެޓީމެއް ޑިސްކޮލިފައިވާނެ އެވެ.
ޓީމުތައް މަހަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހިގެ ހަވީރު 3 ޖަހާއިރު އެވެ. އަދި އެނބުރި އައުމަށް ހަމަޖެހިފައިވާ ވަގުތަކީ ރޭގަނޑު 9 ޖަހާއިރު އެވެ. މިމުބާރާތުގައި ދިނުމަށް ހަމަޖެހިފައިވާ ވަނަތަކާއި އިނާމުތަކަށް ބަލާލާނަމެވެ.
މުބާރާތުގެ އެއްވަނަ ޓީމަށް މެޑަލްއާއި ޓްރޮފީގެ އިތުރުން 7500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު ދެވަނަ ޓީމަށް 3000 ރުފިޔާގެ އިތުރުން މެޑަލް އަދި ޓްރޮފީ ލިބޭނެ އެވެ. ތިންވަނަ ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމަކާ ޓްރޮފީ ލިބިގެންދާނެ އެވެ.
އަދި އިންޑިވިޖުއަލް ވަނަތަކަށް ބަލާލާއިރު އެންމެ މޮޅު ފިރިހެން އަދި އަންހެން ކެޔޮޅު ހޮވިގެންދާނެ އެވެ. މިމަގާމަކީ އެންމެ ގިނަ މަސްބާނާ ފިރިހެން އަދި އަންހެން ކެޔޮޅަށް ދެވޭ މަގާމެކެވެ. އަދި މީގެ އިތުރުން އެންމެ ބަރުމަސް ބާނާ ބައިވެރިޔާ ވެސް ހޮވޭނެ އެވެ.