މަރުގެ ހުކުމް ތަންފީޒު ނުކޮށް ހިފެހެއްޓުމަކީ އޮތް ފުރުސަތެއް ނޫން ކަމަށާއި އެކަން ތަންފީޒު ކުރަން ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓައި، އިސްތިއުނާފްގެ މަރުހަލާ ނިމިފައިވާ ތިން މީހަކު އެބަ ތިއްބެވެ.
އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ވަކީލް އަހުމަދު ނަޖީބުގެ ގާތިލް އަހުމަދުގެ މުއްރަތާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހުރިހާ މަރުހަލާއެއް ނިމިފައި ތިބި ފަރާތްތަކަށް ހުކުމް ތަންފީޒު ނުކުރުމަކީ ރާއްޖޭގެ ވެރިއަކަށް ހުންނަ މީހާ އަށް އޮތް ފުރުސަތެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ހަދައި ގަވާއިދަކުން ތަންފީޒު ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އެ އިޝާރަތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކަމާ ގުޅޭ ގޮތުން އެކުލަވައިލި ގަވާއިދަށެވެ. އެ ގަވާއިދުގައި ބުނާ ގޮތުން މަރުގެ އަދަބު ދެވޭނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަންޖައްސައިގެންނެވެ.
ރައީސް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާރު ހިނގާ މަޖިލީހުގެ ދައުރުގެ ތެރޭގައި އެ ބިލު ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ބިލު މަޖިލީހުން ފާސްވެގެން އައުމުން ތަސްދީގު ކުރެވުނީމަ ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު ތަންފީޒު ކުރާނެ." ރައީސް ވިދާޅުވި އެވެ.
މަރުގެ ހުކުމާ ގުޅޭ ގޮތުން ކުރީ ސަރުކާރުން ގެންގުޅުނީ ތަންފީޒު ކުރުން ފަސް ކުރުމާ ގުޅޭ ސިޔާސަތެކެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އެކަން ކުރަން ވައުދުވެ ގަވާއިދު ހެދުމުގެ އިތުރުން ވަސީލަތްތައް ވެސް ގާއިމް ކުރި އެވެ. ނަމަވެސް ބޭރުގެ ޕްރެޝަރާ ހެދި އެކަން އެ ސަރުކާރުން ތަންފީޒެއް ނުކުރެ އެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒު ކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ. އެއީ އޭރުގެ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލަން އުޅުނުކަން ސާބިތުވި މީހެއްގެ މައްޗަށެވެ.