154 ދަރިވަރުންނާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޕްލޭ ސްކޫލްގެ ކިޔެވުން މިއަދު ރަސްމީކޮށް ފަށައިފި އެވެ. މިސްގް (އެމް.އައި.އެސް.ޖީ) ޕްލޭ ސްކޫލުގެ ނަމުގައި ކުރީގެ އަމީރު އަމީން ސްކޫލް ހިންގަމުންދިޔަ އިމާރާތުގައި ފެށި މި ޕްލޭ ސްކޫލުގައި ބޭބީ ނާސަރީ އަދި ނާސަރީއަށް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މިސްކޫލުގައި މިވަގުތު ބޭބީ ނާސަރީއަށް އެންރޯލްވެފައިވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ 06 ކުލާހަކަށް ބަހާލައިގެންނެވެ. މި ކްލާސްތައް ކުރިއަށްދާނީ 11:40 އިން 13:10 އަށް އަދި 13:20 އިން 14:50 އަށެވެ. އަދި ސްކޫލުގައި މިވަގުތު ނާސަރީއަށް އެންރޯލްވެފައިވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ 05 ކިލާހަކަށް ބަހާލައިގެންނެވެ. މި ކުލާސްތައް ކުރިއަށްދާނީ 07:00 އިން 08:45 އަށް އަދި 08:55 އިން 10:40 އަށެވެ.
ލީޑިންގ އެޑިއުކޭޓަރުންގެ ގޮތުގައި 02 ބޭފުޅުންނާއި އެޑިއުކޭޓަރުންގެ ގޮތުގައި 04 ބޭފުޅުން ހިމެނޭ ފައުންޑިންގ އެކަޑަމިކް ޓީމަކާއެކު ފެށި މި ޕްލޭސްކޫލަކީ 2025 ވަނަ އަހަރުގެ ނޮވެމްބަރު 26 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޕްލޭ ސްކޫލުގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލި ފުރުސަތުގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ ފީއެއް ހުށަހަޅާ، އެ ބީލަން ކާމިޔާބުކުރި ފަރާތް ކަމުގައިވާ މޯލްޑިވްސް އިންސްޓިޓިއުޓް ފޯރ ސްޓްރެޓެޖިކް ގްރޯތްގެ ފަރާތުން ހިންގާ ޕްލޭ ސްކޫލެކެވެ.
މި ސްކޫލުގައި ބޭބީ ނާސަރީ އަދި ނާސަރީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ އަތުން ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 250 ރުފިޔާއެވެ. ކައުންސިލްގެ ފަރާތުން ކުރެވުނު ގިނަ މަސައްކަތްތަކަކަށްފަހު މި ޕްލޭ ސްކޫލްގެ ޚިދުމަތް އަލުން ފެށުމާއި ގުޅިގެން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ކައުންސިލްގެ މަގުސަދަކަށްވީ ވީހާވެސް ހެޔޮ އަގެއްގައި ރައްޔިތުންނަށް ޕްލޭ ސްކޫލުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
ޕްލޭ ސްކޫލު ހިދުމަތް ކުޅުދުއްފުށީގައި މެދުކެނޑިގެން ދިޔައީ ކޯވިޑް-19 އާއި ގުޅިގެން 2020 ވަނަ އަހަރު އެވެ. ނަމަވެސް 2021 ވަނަ އަހަރުގެ މެއި 17 ވަނަ ދުވަހު ކުޅުދުއްފުށީގައި އަލަށް އުފެދުނު ސިޓީ ކައުންސިލްގެ މެންބަރުން މަގާމާއި ހަވާލުވުމާއެކު ޕްލޭ ސްކޫލުގެ ހިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދައިގެން އެ ހިދުމަތް އަލުން ފެށުމުގެ މަސައްކަތް ވަރަށް ބާރަށް ފެށުނެވެ. އެގޮތުން 2021 ޖޫން 27 ވަނަ ދުވަހު ޕްލޭ ސްކޫލްގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކާ އެތަން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރެވުނެވެ. ނަމަވެސް އެއިރު ކުޅުދުއްފުށީގައި ބިން ކުއްޔަށްދޫކުރެވޭނެ އެންމެ ކުޑައަގެއްގެ ގޮތުގައި ލޭންޑް ސާރވޭ އޮތޯރިޓީއިން ކަނޑައަޅާފައިވާ އަދަދު ބޮޑުވުމާއި ގުޅިގެން، އެވަރުގެ ކުއްޔެއްގައި އިމާރާތް ކުއްޔަށްހިފުމަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވެއެވެ.
މިކަމާ ގުޅިގެން ސަރުކާރާއި، ނިމިދިޔަ 19 ވަނަ މަޖިލީހުގައި ކުޅުދުއްފުށި ތަމްސީލުކުރައްވަމުން ގެންދެވި މެންބަރުން މެދުވެރިކޮށް ކުރެވުނު މަސައްކަތުން ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދަށް ގެނެވުނު 4 ވަނަ އިސްލާހާއެކު ބިން ކުއްޔަށްދޫކުރުމުގައި އެންމެ ކުޑަކުލި ކަނޑައެޅުމުގެ އިހްތިޔާރު ކައުންސިލަށް ލިބި، އަލުން ޕްލޭ ސްކޫލްގެ އިމާރާތް ކުއްޔަށްދޫކުރުމުގެ މަސައްކަތް ފެށުނެވެ.
އެގޮތުން 23 ފެބްރުއަރީ 2022 އިން 12 ޖޫން 2022 އާއި ދެމެދު 04 ފަހަރަށް ޕްލޭ ސްކޫލުގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރެވި، 04 ވަނަ އިއުލާނާއި ގުޅިގެން ސައްހަ ބީލަމެއް ލިބި، އެފަރާތާއެކު 20 ސެޕްޓެމްބަރު 2022 ގައި ޕްލޭ ސްކޫލްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ. ނަމަވެސް އެކަށީގެންވާގޮތަށް މަސައްކަތް ކުރިއަށްނުދާތީ 29 މެއި 2023 ގައި އެއެއްބަސްވުންވަނީ ބާތިލުކުރެވިފައެވެ.
އަދި އެއަށްފަހުވެސް 02 ފަހަރަށް ޕްލޭ ސްކޫލްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިއެވެ. ނަމަވެސް ގިނަ ރައްޔިތުންގެ އެދުމުގެ މަތިން އެ ހިދުމަތް ސީދާ ކައުންސިލުން ފޯރުކޮށްދިނުމަށްޓަކާ ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުންޏާއި ހަވާލުކޮށްގެން އެހިދުމަތް ދިނުމަށް ކައުންސިލުން ނިންމާ، ޕްލޭ ސްކޫލްގެ އިމާރާތް މަރާމާތުކޮށް، ބޭނުންވާ ފަރުނީޗަރާއި، އައިޓީ އިކުއިޕްމަންޓް ހޯދާ، ސްކޫލުގެ ކަރިކިއުލަމް އެކުލަވާލާ ފާސްކޮށް، ސްކޫލް ރަޖިސްޓްރީކުރުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އިދާރީ އިންތިޒާމުތަކާއި ގުޅޭ އެސް.އޯ.ޕީތައް އެކުލަވާލާފައިވެއެވެ. ނަމަވެސް 14 އޯގަސްޓް 2025 ގައި ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ 16 ވަނަ އިސްލާހާ ގުޅިގެން ސިޓީގައި އަމިއްލަ ފަރާތަކުން ދޭ ހިދުމަތެއް ލޯކަލް އޮތޯރިޓީ ކުންފުންޏަކުން ދިނުންވާނީ މަނާކޮށްފައެވެ.
މިބަދަލާއެކު ޕްލޭ ސްކޫލްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 08 ވަނަ ފަހަރަކަށް އިޢުލާންކޮށް، 28 ޑިސެމްބަރު 2025 ގައި މޯލްޑިވްސް އިންސްޓިޓިއުޓް ފޯރ ސްޓްރެޓެޖިކް ގްރޯތާއެކު މިވަނީ އެއްބަސްވުން އެކުލަވާލާ، 01 އޭޕްރީލް 2026 ގައި ޕްލޭ ސްކޫލްގެ ޚިދުމަތް ފެށިފައެވެ.
ކައުންސިލްގެ މި ހިދުމަތް މެދުކެނޑިފައި އޮތް މުއްދަތުގައި އަމިއްލަ ފަރާތްތަކުން އެކި ސިފަސިފައިގައި ޕްލޭ ސްކޫލު އުމުރުފުރާގެ ދަރިވަރުންނަށް އުނގަންނައިދިނުމުގެ ހިދުމަތް ދެމުންނެވެ. އެގޮތުން އަމިއްލަ ފަރާތްތަކުން ފެންވަރު ރަނގަޅު ޓިއުޝަން ކުލާސްތަކާއި ޕްލޭ ސްކޫލެއްގެ ހިދުމަތް ދިނުމުގެ ސަބަބުން އެ އުމުރުފުރާގެ ކުދިންނަށް އަބަދުވެސް ދިޔައީ ތައުލީމް ލިބެމުންނެވެ. އެހެންވުމުން ހިދުމަތްތައް ދިން ފަރާތްތަކަށް ސިޓީ ކައުންސިލުން ވަނީ ޝުކުރުއަދާކޮށްފަ އެވެ.
މިއަދު ރަސްމީކޮށް ސްކޫލުގެ ކިޔެވުން ފެށި ނަމަވެސް އަހަރުގެ ކޮންމެ ހިސާބަކުންވެސް ކުދިންނަށް ސްކޫލަށް ވަނުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމް.އައި.އެސް.ޖީގެ ފަރާތުން އެފަރާތުން މައުލޫމާތު ދެއްވަ އެވެ. ސްކޫލަށް ކުދިންވެއްދުމަށްޓަކާ ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ އެފަރާތުގެ ރަސްމީ ވެބްސައިޓް www.misg.edu.mv މެދުވެރިކޮށެވެ.




