twitterviber whatsapp telegramfacebookyoutube instagram
2nd April 2026

ކުޅުދުއްފުށީގައި އިމާރާތްކުރާ 2000 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި، މިއީ ރައީސްގެ ރިޔާސީ ވައުދެއް

- މި މަޝްރޫއުގައި އަޅަނީ 14 ބުރީގެ 13 ޓަވަރެވެ. އެއިން ކޮންމެ ފްލޯއެއްގައި ހުންނާނީ 12 ފްލެޓެވެ. ތިން ކޮޓަރީގެ އެ ފްލެޓުތަކަކީ 900 އަކަފޫޓުގެ ފްލެޓުތަކެއް.

އަބްދުލް ވާހިދު ޙަސަން
Apr 1, 2026
1

ކުޅުދުއްފުށީގައި އިމާރާތްކުރާ 2000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ ބިންގާ މިރޭ އަޅައިފި އެވެ. މިއީ ރައީސް ޑރ މުއިއްޒު ރިޔާސީ ވައުދުފުޅެކެވެ.

ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ބިންގާ އަޅައި ދެއްވީ މިރޭ ކުޅުދުއްފުށީގައި ހިއްކި ބިމުގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދާއި ކުުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ފަރުހަތު މުހައްމަދާއި ޓީމް ވަން އިންޑިއާ ކުންފުނީގެ ޑިޒައިން ޑިރެކްޓަރު ބަޝީރު އަހުމަދެވެ.

މާލެ ސަރަހައްދުން ބޭރުގައި ހިންގޭ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މި މަޝްރޫއުގެ ދަށުން 14 ބުރީގެ 13 ޓަވަރު އިމާރާތް ކުރާނެ އެވެ. އަދި އިމާރާތް ކުރާ 3 ކޮޓަރީގެ އެޕާޓްމެންޓުތަކަކީ، 900 އަކަފޫޓުގެ ޖާގަ ތަނަވަސް، ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ ތަންތަނެވެ.

މީގެ ތެރޭގައި މިކްސް ރެސިޑެންޝަލް އިމާރާތްތަކުގައި ހިމެނޭ 1156 ފްލެޓާއި، އަމިއްލަ ގެދޮރުގައި ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު ވިދާޅުވި އެވެ.

ޒުހެއިރު ވިދާޅުވީ، މިއީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން އިފްތިތާހުކުރި ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ކުރިއަށްދާ މަޝްރޫއެއް ކަމަށާއި ފުރިހަމަ ވަސީލަތްތަކާ އެކު ތަރައްގީކުރާ އެ ތަންތަނާއެކު ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުވެ، އަމިއްލަ ފުރާޅެއްގެ ދަށުގައި ހިތްހަމަޖެހިގެން އުޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ބިންގާ އެޅުން ލަސްވީ އިދާރީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަން ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މަޝްރޫއު ފެށުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު، އެ ކުންފުންޏަކީ ޑިޒައިން ކުރުމާއި ޕްލޭނިން އަދި ކޮންސްޓްރަކްޝަނާއި އިންޖީނިއަރިންގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ އޮތް ކުންފުންޏެއް ކަމަށާއި އަދި އެއީ ދުނިޔޭގެ އެކި ގައުމުތަކުގައި ކާމިޔާބުކަމާ އެކު މަސައްކަތް ފުރިހަމަކޮށްފައިވާ ކުންފުންޏެއް ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން މި ފަށަނީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއްް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް. މިއީ ބޯހިޔާވަހިކަން މިިލްކު ކުރުމަށް ކުޅުދުއްފުށި ރައްޔިތުން ކުރަމުން އައި އުންމީދު ހަގީގަތަކަށްވާ ދުވަސް." ޒުހައިރު ވިދާޅުވި އެވެ.

މީގެ އިތުރުން ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް އަލުން ފަށަން ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ 11 ބުރިއަށް އަޅާ ފަސް ޓަވަރެވެ. އެ ޓަވަރުތަކަކީ ކުރީގެ ސަރުކާރުން އިމާރާތްކުރަން ފަށާފައިވާ މަޝްރޫއެކެވެ.

އެކަމަކު މަޝްރޫއު ހުއްޓިފައި އޮތުމުން އަލުން އެ މަޝްރޫއު ފަށަނީ ރެއިންބޯ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ. އެ މަޝްރޫއުއާ އެކު ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔަވާހިކަމުގެ މައްސަލަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355