ކުރީގެ އެމްޑީޕީގެ ސަރުކާރުން ކުޅުދުއްފުށީގައި އިމާރާތްކުރަން ފެށި 400 ހައުސިން ޔުނިޓްގެ މަސައްކަތް ހުއްޓުނީ މިސަރުކާރު ފެށުނުފަހުން ކަމަށް ބުނާ ވާހަކަތައް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު (ފަރޭ) ދޮގުކުރައްވައިފި އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގައި ހިމެނޭ ކުޅުދުއްފުށީ 2000 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަރޭ ވިދާޅުވީ، ކުރީގެ ސަރުކާރުން އިމާރާތްކުރަން ފެށި 400 ހައުސިން ޔުނިޓްގެ މަޝްރޫއަކީ މި ސަރުކާރު ފެށުނުއިރުވެސް ހުއްޓިފައިވާ މަޝްރޫއެއް ކަމަށެވެ.
އޭނާ ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ އެމްޑީޕީގެ ބޮޑު ޖަލްސާ ހިއްކި ބިމުގައި ބޭއްވިއިރުވެސް 400 ހައުސިން ޔުނިޓްގެ މަޝްރޫއު ހުއްޓިފައިވާ ކަމަށެވެ.
" [އެމްޑީޕީން] އެބޭފުޅުން މިދިޔަ ރިޔާސީ އިންތިހާބުގައި ވެލިގަނޑުގައި ފައްޓަވާފައިވާ 400 ހައުސިން ޔުނިޓް، ދެވަނަ ބުރު ކާމިޔާބުކުރުމަށްޓަކައި ބޭއްވި ބޮޑު ޖަލްސާ ފެށުންއިރުވާނީ އެ ބޭފުޅުންގެ 400 ހައުސިންގ ޔުނިޓް ހުއްޓިފަ. އެއަކީ އެއްގޮތަކަށްވެސް މި ސަރުކާރު އައިސްގެން ހުއްޓިފައިވާ ހައުސިންގ ޔުނިޓްތަކެއް ނޫން". މެންބަރު ފަރުހަތު ވިދާޅުވި އެވެ.
އެހެންނަމަވެސް މިސަރުކާރު އައިސް، ކުރަންޖެހުނު ބުރަ މަސައްކަތުގެ ތެރެއިން، އެކަންތައްތަކަށް ހައްލު ހޯދައި މިހާރު އެ 400 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށާއި މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުގެ މަސައްކަތް ފެއްޓި ދެ ޓަވަރުގެ ފުރަތަމަ ސީޓް އެޅުމުގެ މަސައްކަތަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ފަރޭ ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެން މި ބުނާ އަޅުގަނޑުމެންގެ ރައީސްގެ ސްޕީޑްގައި ކުރެވިގެންދާ މަސައްކަތްތައް، އެއީ ހަގީގަތުގައި އަޅުގަނޑުމެން ބޭނުންވާ ކުރިއެރުމާއި ތަރައްގީ.އެމަނިކުފާނު އެ ކުރައްވާ މަސައްކަތުގައި އަޅުގަނޑުމެން ކެނޑިނޭޅި އެހީތެރިވުމަށްޓަކާ މިއަދު މި ބޭނުންވަނީ އަޅުގަނޑުމެންގެ ފިކުރުގައި އޮތް ކައުންސިލެއް." ފަރުހަތު ވިދާޅުވި އެވެ.




