ހއ. ދިއްދޫގައި ކުރިއަށްދާ އެފްއޭއެމް ރީޖަން ލީގުގެ ކޮލިފަޔާސްގެ ޒޯން 1 ގެ ފުރަތަމަ މެޗުގައި މިއަދު ހދ. ކުޅުދުއްފުށީގެ މައްޗަށް ދިއްދޫއިން ކުރިހޯދާ މުބާރާތުގެ ފެށުން ވަރުގަދަކޮށްފި އެވެ.
ޒޯން އެކަކުން ރީޖަނަލް ކޮލިފަޔާސްގައި ވާދަކުރަނީ ކުޅުދުއްފުށީގެ އިތުރުން ދިއްދޫ އަދި ހަނިމާދޫ އެވެ. މިއަދުގެ މެޗުގައި ކުޅުދުއްފުށީގެ މައްޗަށް ފޯރިގަދަ ކުޅުމަކަށްފަހު ދިއްދޫއިން ކުރިހޯދީ 4 - 1 ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުން ވެސް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. ހާއްސަކޮށް ކުޅުދުއްފުއްޓަށް ބަލާލާނަަމަ ޒުވާން އަދި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ގޮވައިގެން ނުކުމެ ކުޅުދުއްފުށިން ވަނީ މޮޅު ކުޅުމެއް ދައްކާ ފަހުވަގުތާ ޖެހެންދެން ވެސް މެޗުން މޮޅުވުމަށް މަސައްކަތްކޮށްފަ އެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ދިއްދޫއިންނެވެ. އެޓީމުގެ މުހައްމަދު ޝަނާއު މެޗުގެ 48 ވަނަ މިނެޓުގައި ދިއްދޫގެ ފުރަތަމަ ލަނޑު ކާމިޔާބުކުރި އެވެ. 57 ވަނަ މިނެޓުގައި ޔޫސިފް އަފުލް ދިއްދޫއަށް މެޗުގެ ފަރަގު ބޮޑުކޮށްދިން އިރު އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް ދިއްދޫއިން ވަނީ ލަނޑެއް ޖަހާ 3 ލަނޑުގެ ލީޑެއް ނަގާފަ އެވެ.
ދިއްދޫގެ ތިންވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ންވަބުއިސީ ބެނާޑް އެވެ. އަދި ދިއްދޫގެ 4 ވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ނައުޝާދު އެވެ. މިމެޗުގައި ކުޅުދުއްފުށިން ޖެހި ހަމައެކަނި ގޯލު 70 ވަނަ މިނެޓުގައި ޖަހައިދީފައިވަނީ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ޖެވާން ހާން އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ދިއްދޫގެ ޖޯޒީ ނަމްބަރު 12 މުހައްމަދު ޝަނާއު ނަސީރެވެ.
މިމެޗުން ބަލިވި ނަމަވެސް އަދި ކުޅުދުއްފުއްޓަށް މިމުބާރާތް ނުނިމެ އެވެ. ކުޅުދުއްފުށިން އަންނަ ބުރާސްފަތި ދުވަހު ހަނިމާދޫއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި ހޮނިހިރު ދުވަހު ދިއްދޫއިން ނުކުންނާނީ ހަނިމާދޫއާ ދެކޮޅަށެވެ. ތިން ޓީމު ވާދަކުރާއިރު ޒޯން 1 ގެ ފައިނަލަށްދާނީ ގްރޫޕުގެ ކުރިހޯދާ ދެޓީމެވެ. އެހެންކަމުން ހަނިމާދޫއާ ދެކޮޅަށް ނުކުންނަނ މެޗު ވެގެންދާނީ ކުޅުދުއްފުއްޓަށް މޮޅުވުން މަޖުބޫރު މެޗަކަށެވެ.
ރީޖަނަލް ކޮލިފަޔާސްގެ އެހެން މެޗުތަކަށް ބަލާލާއިރު މިއަދު ސެންޓްރަލް ރީޖަން ލީގުގެ ޒޯން 2 ގައި ވ. ކެޔޮދޫ އަދި މ. މުލައް ބައްދަލުކުރި މެޗު ނިމުނީ 2 - 2 ން އެއްވަރުވެގެންނެވެ. އަދި އދ. މަހިބަދޫއާއި އއ. ތޮއްޑޫ ބައްދަލުކުރި މެޗު 4 - 1 ން ކާމިޔާބުކުރީ މަހިބަދޫއިންނެވެ. އަދި މާލެ ރީޖަނަލް ލީގުގެ ދެވަނަ ޑިވިޝަނުގައި އެލްޓީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުލަބް ޕީކޭއިން ވަނީ 7 - 0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދާފަ އެވެ. އަދި ދަ ގްރާންޑޭއިން ވަނީ 3 - 0 ން ބިސްބުރު ސްޕޯޓްސް ކުލަބް ބަލިކޮށްފަ އެވެ.




