twitterviber whatsapp telegramfacebookyoutube instagram
23rd April 2026

ކުޅުދުއްފުށި ބަލިކޮށް ހަނިމާދޫ ޒޯން ފައިނަލަށް، ނުކުންނާނީ ދިއްދޫއާ ދެކޮޅަށް

މުޙައްމަދު އަހުމަދު
Apr 23, 2026

ހއ. ދިއްދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުދުއްފުށި އަދި ހަނިމާދޫ ބައްދަލުކުރި ހަނިމާދޫއިން ކާމިޔާބުކޮށް ޒޯން ފައިނަލަށް ދަތުރުކޮށްފި އެވެ.

ފުރަތަމަ މެޗުން ދިއްދޫ އަތުން ބަލިވެފައި އޮތުމުން ކުޅުދުއްފުށިން މިއަދު ހަނިމާދޫއާ ދެކޮޅަށް ނުކުތީ މަރުގެ މެޗަކަށެވެ. ޓީމުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ފަހުވަގުތު ހެދުނު ގޯސްތަކެއްގެ ފައިދާ ނަގާ ލަނޑުތަކެއް ވަދެ ހަނިމާދޫ އަތުން ބަލިވެ މުބާރާތުން ކެޓީ އެވެ.

މިމެޗުގައި ކުޅުދުއްފުށީގެ ޑިފެންސުން ވަނީ ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗާ ބަލާފައި ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށްފަ އެވެ. އަދި ޖުމްލަކޮށް ފުރަތަމަ މެޗާ ބަލާފައި ޓީމުގެ ކުޅުން ވަރަށް ރަނގަޅެވެ. ނަމަވެސް ހަނިމާދޫއިން ވަނީ މޮޅަށް ކުޅެ 3 - 0 ން މެޗު ކާމިޔާބުކޮށް ފައިނަލުގެ ފަހު ޖާގަ ޔަގީންކޮށްފަ އެވެ.

މިއަދުގެ މެޗުގައި ހަނިމާދޫގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ ނާއިލް، ނޫރުﷲ އަދި ނާފިޒް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުޅި ތިލަދުންމައްޗަށް ވެސް ނަން މަޝްހޫރު ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ސާލިމް މުހައްމަދު (ލިމޭ) އެވެ. އޭނާ ވަނީ މިމެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާ ޓީމު ކާމިޔާބަށް ވާސިލްކޮށްދީފަ އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކުޅުދުއްފުށި ޓީމުގެ ކޯޗު ވެސް ބުނީ ކުރީ މެޗާ ބަލާފައި ކުޅުން ރަނގަޅުކަމަށާއި އެހެންނަމަވެސް ހޫނުގަދަ ދުވަހެއްގައި އަދި ކައިރިކައިރީގައި ދެ މެޗު ކުޅެން ޖެހުމުން އެކަމުގެ އަސަރު ވެސް ޓީމަށް ކުރި ކަމަށެވެ. އަދި މިކަހަލަ މަދު މެޗުތައް ކުޅޭ މުބާރާތެއްގައި މިގޮތަށް ދިމާވެދާނެ ކަމަށެވެ. ޒޯން 1 ގެ ގްރޫޕް ސްޓޭޖްގައި ވާދަކޮށްފައިވަނީ ވެސް ދިއްދޫއާއި ހަނިމާދޫ އަދި ކުޅުދުއްފުށި އެކަނިކަން ފާހަގަކޮށްލެވެ އެވެ.

ފައިނަލުގައި ހަނިމާދޫއިން ދިއްދޫއާ ދެކޮޅަށް ނުކުންނައިރު ދިއްދޫއިން ވަނީ ފުރަތަމަ މެޗުގައި ކުޅުދުއްފުށީގެ މައްޗަށް 4 - 1 ން ކުރިހޯދާފަ އެވެ. އަދި ފައިނަލުގެ ކުރިން ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އެޓީމުން ދިއްދޫއާ ދެކޮޅަށް ކުޅޭނެ އެވެ.

މެޗު ނިންމާފައި ދިއްދޫ ސްޕޯޓްސްގެ ލައިވްއަށް ދިން އިންޓަވިއުގައި މެޗުގެ މޮޅު ކުޅުންތެރިޔާ ސާލިމް ބުނީ ގްރޫޕުގެ ފަހު މެޗުގައި ނުކުންނާނީ ހަމަޖެހިލައިގެން އިންޖަރީއަށް ބަލައިގެން ރިކަވަރީއަށް ކުޅޭ މެޗެއްގެ ގޮތަށް ކަމަށެވެ. އަދި ބޮޑަށް ވިސްނަނީ ފައިނަލަށް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355