ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯއެމް) ގެ1 ވަނަނެެޝަނަލް ސްވިމް މީޓް ބާއްވައިފި އެވެ.
ހުޅުމާޅެ ސްވިމިންގ ޕޫލް ޓްރެކްގައި އެޕްރީލް 24 ން 25 ކުރިއަށް ގެންދިޔަ މި މުބާރާތުގައި 9 އިވެންޓަކުން ޖުމްލަ 38 ކުދިން ފަތާފައިވެ އެވެ. އެއީ އަންހެން 9 އާއި ފިރިހެން 29 އެތުލީޓުންނެވެ.
މިއީ އެސް-އޯ މޯލްޑިވިސް އިން ފެތުމުގެ މުވާރާތެއް ކުރިއަށްގެންދިޔަ ތިން ވަނަ އަހަރެވެ. މި އަހަރުގެ މުބާރާތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް މުބާރާތުންގެ ނަންވެސް ވަނީ ”ނެޝަނަލް ސްވިމް މީޓް“ އަށް ބަދަލުކޮށްފަ އެވެ.
މި ގޮތުން މުބާރާތުގެ ގަވާއިދު އިތުރަށް ހަރުދަނާކޮށް އެތުލީޓުން ވަނީ ގަވާއިދުތަކަށް ހޭލުންތެރިކުރުވާފައިވެ އެވެ. މިމުބާރާތުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުއްރައްޒާޤު އިބްރާހީމް އެވެ. މީގެ އިތުރުން ސްޕޯޓް މިނިސްޓްރީގެ ނައިބު އިބްރާހީމް ފާއިދު ބައިވެރިވެފައިވެއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހެޑް އޮފް ރީކޮންސިލިއޭޝަން އަދި ރިޕޯޓިންގް އައިމިނަތު ޖީހާން އާއި ރީކޮންސިލިއޭޝަން މެނޭޖަރ އައިޝަތު މަނާލް ހާލިދް ވަނީ ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރި ވަނަވަނަ އަށް އައި އެތުލީޓުންނަށް މެޑަލް ހަވާލުކޮށްދެއްވާފަ އެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ސިކުންޑީގެ ނުކުޅޭދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރާއި ކަސްރަތުގެ ތެރެއިން ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް 2019 ވަނަ އަހަރު ސަރުކާރުން އުފައްދާފައިވާ އެސޯސިއޭޝަނެކެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު އިންކްލޫސިވް ސްޕޯޓްސް މޫވްމަންޓް، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ދަނީ ވަރަށް ފުޅާދާއިރާއެއްގައި މުޅިރާއްޖޭގައި ސިކުނޑީގެ ނުކުޅޭދުންތެރިކަން ހުންނަ ފަރާތަތަކަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް އެކިއެކި ޙާރަކާތްތައް ހިންގަމުންނެވެ.




