ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅެމުން އަންނަ އެފްއޭއެމް ރީޖަނަލް ލީގު ކޮލިފިކޭޝަންގެ ނޯތު ރީޖަން ލީގުގެ ފުރަތަމަ މެޗުން ހަނިމާދޫ މޮޅުވެއްޖެ އެވެ.
މިއަދު ކުޅެވުނު މި މެޗު ހަނިމާދޫއިން ކާމިޔާބުކުރީ 5 - 0 ގެ ބޮޑު ތަފާތަކުން މަނަދޫ ބަލިކޮށްގެންނެވެ. މަނަދޫ އަކީ ޒޯން 2 ގެ ޗެމްޕިއަނުންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް މޮޅު ކުޅުމެއް ދެއްކިއިރު ފުރަތަމަ ހާފު ދިޔައީ ހަމަހަމަކޮށްނެވެ. އެހެންނަމަވެސް ދެވަނަ ހާފަށް ހަނިމާދޫއިން ނުކުތީ ކުޅުން އިތުރަށް ވަރުގަދަކޮށްގެންނެވެ.
ހަނިމާދޫ ވަނީ ދެވަނަ ހާފުގައި ކައިރިކައިރީގައި ދެލަނޑު ޖަހާފަ އެވެ. މިލަނޑުތައް ސާލިމް އަދި ނާއިލް ޖަހައިދިންއިރު އަނެއް ތިން ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބުކޮށްދިނީ އާސިފް ސަލީމެވެ. އަދި އަނެއް ލަނޑު ޖަހައިދިނީ ޝިފާން އެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ގެންދިޔައީ ހަނިމާދޫގެ ތަރި ސާލިމް މުހައްމަދެވެ.