ފަރުވާކުރި ނަމަވެސް އެއް އަހަރު ދުވަހުގެ ތެރޭގައި ފުރާނަ ސަލާމަތްވުމުގެ އުންމީދު ކުޑަކަމަށް ޑޮކްޓަރުން ކަނޑައަޅާ ބަލިމީހުންނަށް، އެ ފަރާތްތަކުގެ ޕެންޝަން ފަންޑުގައި ރައްކާކުރެވިފައިވާ ހުރިހާ ފައިސާއެއް އެއްފަހަރާ ނެގޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދެވެ. މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި މި ބަދަލުތައް ފާސްކުރަން ފެންނަކަމަށް ވޯޓުދެއްވީ ހާޒިރުވެ ތިއްބެވި 70 މެމްބަރުންގެ ތެރެއިން 61 މެމްބަރުންނެވެ. މި ބިލު ފާސްކުރަން ނުފެންނަ ކަމަށް އަށް މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ދެއްވަން ފެނިވަޑައިނުގަންނަވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.
ކުރިން އޮންނަ ގޮތުންނަމަ ޕެންޝަން ފައިސާގެ މަންފާ ލިބެން ފަށަނީ އުމުރުން 65 އަހަރު ފުރޭ ހިސާބުންނެވެ. އެހެންނަމަވެސް، އަލަށް ގެނެވުނު ބަދަލުގެ ދަށުން، "ޓާމިނަލް އިލްނަސް" ގެ ހާލަތުގައި ތިބޭ ފަރާތްތަކަށް އެ ފައިސާ އެކީގައި ނުވަތަ ބޭނުންވާ ވަކި މިންވަރަކަށް ބަހާލައިގެން ނެގުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންދާނެއެވެ.
މީގެ އިތުރުން، މި ބިލުގައި ގެދޮރުވެރިކަމަށް ޕެންޝަން ފައިސާ ރަހުނުކުރެވޭ އުސޫލު އިތުރަށް ފުޅާކުރުން ހިމެނެ އެވެ. މީގެ ކުރިން ހަމައެކަނި ފްލެޓް ގަތުމަށް ލޯނު ނެގުމަށް އެ ފައިސާ ބޭނުންކުރެވުނު ނަމަވެސް، މިހާރު އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށާއި، ހުރި އިމާރާތެއް މަރާމާތުކުރުމުގެ އިތުރުން އެފަދަ ކަންކަމަށް ނަގާ ލޯނުގެ ޑައުންޕޭމަންޓް ދެއްކުމަށް ވެސް ޕެންޝަން ފަންޑު ބޭނުންކުރެވޭނެއެވެ.
މި ބިލަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ވަނީ، މިއީ ރައްޔިތުންނަށް އެންމެ ދަތިވާ އަދި ފައިސާއަށް އެންމެ ބޮޑަށް ބޭނުންޖެހޭ މުހުތާދު ވަގުތުތަކުގައި ޕެންޝަންގެ މަންފާ ހެޔޮގޮތުގައި ލިބިގެންދާނެ ފިޔަވަޅެއްކަން ފާހަގަކުރައްވައިފައެވެ.




