ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް އޮތުމުން ވެސް ގިނަ ބައެއްގެ ތެރޭގައި ސަޕޯޓަރުންނަށް އެމެރިކާއަށް އެތެރެވާން އުދަނގޫވާނެ ކަމުގެ ބިރު އަބަދުވެސް އޮތެވެ.
އެހެންނަމަވެސް އެކަން ރެފްރީއަކަށް ދިމާވެދާނެ ކަމަކަށް އެއްވެސް މީހަކު ހީއެއް ނުކުރާނެ އެވެ. މިދިޔަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ރެފްރީކަން ހޯދި 34 އަހަރުގެ އޮމާރ އާޓަން ހުރީ މި ވޯލްޑްކަޕުގައި ރެފްރީކަން ކޮށް ސޯމާލިއާއިން އެޝަރަފު ލިބޭ ފުރަތަމަ ރެފްރީއަށް ވުމުގެ އުއްމީދުގަ އެވެ.
ނަމަވެސް މިދިޔަ ހޯމަ ދުވަހު ޑިޕްލޮމެޓިކް ޕާސްޕޯޓަކާއި ސިންގަލް އެންޓްރީ ވިސާއަކާއެކު ދަތުރުކުރުމުން ވެސް އެމެރިކާގެ މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް އެމެރިކާއަށް އެތެރެވުމަށް ހުއްދަ އެއް ނުދިނެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފީފާއަށް ފާޑުކިޔަމުންނެވެ. އަދި މިދަނޑިވަޅުގައި އެތައް ބައެއްގެ ނުރުހުން ވޯލްޑްކަޕުގެ އިންތިޒާމުތަކާ ގުޅިގެން ވަނީ އަމާޒުވެފަ އެވެ.
އެމެރިކާގެ އިމިގްރޭޝަން އިދާރާތަކުން މިކަމަށް ސަބަބެއް ފޯރުނުކޮށްދެ އެވެ. އެހެންނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް އައުމަށް ފަހު އެމެރިކާއަށް އެތެރެވުން ބޭން ކޮށްފައި އޮތް ގައުމުތަކުގެ ތެރޭގައި އާޓަންގެ އުފަން ގައުމު ސޯމާލިއާ ހިމެނެ އެވެ.
އެތެރެވުމުގެ ހުއްދަ ނުލިބުމުން އޭނާ މިއަދު އެނބުރި ސޯމާލިއާއަށް ވަނީ ގޮސްފަ އެވެ. ސޯމާލިއާގެ މޮގަޑިޝޫގައި ހުންނަ އެޑެން އެއްޑެ އިންޓަނޭޝަނަލް އެއާޕޯޓަށް އޭނާ އައުމުން އެގައުމުގެ ސަރުކާރުގެ އޮފިޝަލުންނާއި ސޯމާލިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ބޭފުޅުން އަދި އެހެން ރެފްރީންނާއި އާއްމު ރައްޔިތުން ވެސް އެއާޕޯޓަށް އެއްވި އެވެ.
"އަހަރެން ބޭނުން ހުރިހާ އޮފިޝަލުންނާއި މިނިސްޓަރުންނާއި އެމްޕީން އަދި އެންމެ ބޭފުޅުންނަށް ޝުކުރު އަދާކުރަން، އަދި އަހަރެން ގައުމާއި ރައްޔިތުން އަހަރެންނަށް ދެއްކި ސަޕޯޓަށް ވެސް އަހަރެން ޝުކުރުވެރިވަން. އަމިއްލަ ގައުމުން ލިބުނު ހިތްވަރު އަދި އެއާޕޯޓުން ބޭރުން ވެސް އިތުރަށް ހިތްވަރު ލިބޭނެކަން އެނގޭ" އާޓަން ބުނެފައިވެ އެވެ.
އޭނާ އިތުރަށް ބުނީ ހުރިހާ ކަމެއް ވެސް އޮންނާނީ ކުރީ ބައިގައި ތަގްދީރުގައި ލިޔެވިފައި ކަމަށާއި އަދި މޮގަޑިޝޫއާ ހަމައަށް އާދެވެންދެން ފީފާއިން ސަޕޯޓު ކުރިއިރު އޭނާއާ މުއާސަލާތީ ގޮތުން ގުޅުން ވެސް ބޭއްވި ކަމަށެވެ. އަދި އޭނާ ވަނީ ސޯމާލިއާގެ ރައްޔިތުންނާއި އަދި އެންމެންނަށް ވެސް ދެން އަންނަ ވޯލްޑްކަޕެއްގައި އޭނާ ރެފްރީކަން ކުރާނެކަމަށް ވައުދުވެފަ އެވެ.
އާޓަން އަކީ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް)އިން 2025 ވަނަ ހޮވި އަހަރުގެ އެންމެ މޮޅު ފިރިހެން ރެފްރީކަމުގެ ޝަރަފު ހޯދާފަ އެވެ. އަދި ވޯލްޑްކަޕަށް ހޮވުނު 52 ރެފްރީންގެ ތެރޭގައި ހިމެނުނެވެ.
ނަމަވެސް އެމެރިކާއަށް އެތެރެ ނުވެވުމުން އޭނާގެ ވޯލްޑްކަޕް ހުވަފެން މިއަހަރު މިވަނީ ގެއްލިފަ އެވެ. ނިއުޔޯކް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އާޓަން ބުނީ 11 ގަޑިއިރުގެ އިމިގްރޭޝަން އިންޓަވިއުއަކާ ކުރިމަތިލާން ޖެހުނުއިރު އަނބުރާ ތުރުކީގެ އިސްތަންބޫލަށް ދާން އޮތް ފްލައިޓަށް އެރުވުމުގެ ކުރިން އެތައް ގަޑިއިރަކު ޑީޓެއިންކޮށްފައި އޭނާ ބެހެއްޓި ކަމަށެވެ.




