މެކްސިކޯއާ ދެކުނު އެފްރިކާގެ ވާދަ، ގްރޫޕް އޭއަށް ނަޒަރެއް
ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑްކަޕް މިރޭ މުބާރާތް ބާއްވާ ގައުމު މެކްސިކޯއާއި ސައުތު އެފްރިކާގެ ކުރިމަތިލުމަކުން ފެށޭނެ އެވެ.
ގިނަ ބަޔަކު އިންތިޒާރުކުރާ ވޯލްޑްކަޕް ފެށެން މިވަނީ ކުޑަ ވަގުތުކޮޅަކަށްވެފަ އެވެ. މިރޭ މުބާރާތް ފެށޭއިރު ފުރަތަމަ މެޗުގައި މެކްސިކޯއިން މެކްސިކޯ ސިޓީގައި ނުކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ. އަދި އަނެއް މެޗުގައި ދެކުނު ކޮރެއާއިން ނުކުންނާނީ ޗެކްރިޕަބްލިކާ ދެކޮޅަށެވެ.
މެކްސިކޯއާއި ދެކުނު އެފްރިކާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ. އަދި ކޮރެއަން ރިޕަބްލިކާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ހެނދުނު 7 ޖަހާއިރު އެވެ.
ރެކޯޑް ތިންވަނަ ފަހަރަށް މެކްސިކޯއިން މިފަހަރު އެގައުމުގައި ވޯލްޑްކަޕް ބާއްވާނެ އެވެ. 1970 އާއި 1986 ގައި ހަމައެކަނި އެގައުމުގައި އޮތް ނަމަވެސް މިފަހަރުގެ ވޯލްޑްކަޕް އޮތީ މެކްސިކޯއާއި އިތުރު ދެގައުމަކާ ގުޅިގެންނެވެ. އެއީ އެމެރިކާއާއި ކެނެޑާ އެވެ. އެހެންކަމުން އަމިއްލަ ގައުމުގައި ކުޅެން ލިބުމަކީ މެކްސިކޯއަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް އަދި ޝަރަފަކަށް ވެގެންދާނެ އެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގްރޫޕް އޭގެ މެޗުތަކެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނޭ 4 ޓީމަކީ މެކްސިކޯއާއި ދެކުނު އެފްރިކާ އަދި ދެކުނު ކޮރެއާއާއި ޗެކް ރިޕަބްލިކެވެ. ގްރޫޕް އޭގެ ޓީމުތަކާއި އެޓީމުތަކުގެ ކުރިމަތީގައި އޮތް ދަތުރަށް އަދި ދެވަނަ ބުރުގައި ވާދަކުރަން ޖެހިދާނެ ޓީމުތަކަށް ބަލާލާނަމެވެ.
މިފަހަރުގެ ވޯލްޑްކަޕުން މެކްސިކޯ ޖާގަ ހޯދީ އެމެރިކާއާއި ކެނެޑާއާއެކު އޮޓަމެޓިކުން މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުންނެވެ. މި ކޮލިފިކޭޝަން މެކްސިކޯއަށް ޔަގީންވީ 2023 ވަނަ އަހަރުގެ ފެބްރުއަރީ 14 ގައި ފީފާ ކައުންސިލުން މި 3 ގައުމުގައި މުބާރާތް ބޭއްވުމަށް ނިންމުމާ އެކުގަ އެވެ.
މިފަހަރުގެ ވޯލްޑްކަޕުގައި މެކްސިކޯގެ ޓީމަށް ކޯޗުކަން ކޮށްދޭނީ ޖަވިއާ އަގުއިރޭ އެވެ. މެކްސިކޯ އަކީ ކޮންކަކާފްގެ ގައުމެކެވެ. މީގެކުރިން ވޯލްޑްކަޕު ތަކުގައި މެކްސިކޯގެ ކާމިޔާބަށް ބަލާއިރު އެޓީމު އެންމެ ދުރަށް ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލަށެވެ. އެއީ މީގެކުރިން ވެސް މެކްސިކޯގައި ވޯލްޑް ކަޕް ބޭއްވި ދެ އަހަރު އެވެ. 1970 އަދި 1986 ވަނަ އަހަރު އެވެ.
މިހާތަނަށް ޖުމްލަ 18 ވޯލްޑްކަޕަށް މެކްސިކޯ ކޮލިފައިވެފައިވާއިރު ވޯލްޑްކަޕުގައި ކުޅުނު 60 މެޗުގެ ތެރެއިން އެޓީމުން ވަނީ 17 މެޗުން މޮޅުވެފަ އެވެ. 15 މެޗުން އެއްވަރުވިއިރު 28 މެޗުން ވަނީ ބަލިވެފަ އެވެ.
ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯޅަ (ކާފް)ގެ ގައުމެއް ކަމަށްވާ ދެކުނު އެފްރިކާއިން ވޯލްޑްކަޕަށް އެޓީމު އެނބުރި އައި އައުން ޔަގީންވެގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޫބަރު 14 ގަ އެވެ. ދެކުނު އެފްރިކާއިން ވަނީ ނައިޖީރިއާ (2 ވަނަ)، އަދި ބެނިން (3 ވަނަ) ފަދަ ޓީމުތައް ހިމެނުނު ކާފް ކޮލިފައިން ގްރޫޕް ސީގެ އެއްވަނަ ހޯދާ ވޯލްޑްކަޕުން ޖާގަ ހޯދާފަ އެވެ.
ކޯޗު ހޫގޯ ބްރޫސްގެ ދަށުން ވޯލްޑްކަޕާ ދެކުނު އެފްރިކާއިން ކުރިމަތިލާއިރު މީގެ ކުރިން އެޓީމަށް ވޯލްޑްކަޕުގައި ގްރޫޕް ސްޓޭޖު ފަހަނައަޅާ ދެވިފައެއްނުވެ އެވެ. މިފަހަރުގެ ވޯލްޑްކަޕާއެކު އެޓީމުގެ ތާރީހުގައި 4 ވަނަ މުބާރާތަށް ކޮލިފައިވިއިރު ވޯލްޑްކަޕުގައި މިހާތަނަށް ކުޅުނު 9 މެޗުގެ ތެރެއިން 2 މެޗުން މޮޅުވިއިރު 4 މެޗުން އެއްވަރުވެ 3 މެޗުން ވަނީ ބަލިވެފަ އެވެ.
ހޮންގް މިޔުންގްބޯއާއެކު ވޯލްޑްކަޕާ ދެކުނު ކޮރެއާއިން ކުރިމަތިލާއިރު މިފަހަރުގެ ވޯލްޑްކަޕަކީ ދެކުނު ކޮރެއާގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ހުންގް މިން ސަންގެ ފަހު ވޯލްޑްކަޕެވެ. މީގެ ކުރިން ވޯލްޑްކަޕެއްގެ 4 ވަނަ މަގާމު 2002 ވަނަ ހޯދާ އޭޝިއާގެ ތާރީހުގެ ތެރެއަށް ވަން ދެކުނު ކޮރެއާ އަކީ ދުނިޔޭގެ ފުޓްބޯޅަ މައިދާނުގައި އޭޝިއާގެ ގަދަ ބާރެކެވެ.
މިފަހަރުގެ ވޯލްޑްކަޕުގައި އޭޝިއާއިން ވޯލްޑްކަޕުގެ ޖާގަ ހޯދި ފުރަތަމަ ޓީމަށް ދެކުނު ކޮރެއާ ނުވިނަމަވެސް ކޮރެއާ އަކީ މުޅި އޭއެފްސީ ކޮލިފައިންގައި މެޗަކުން ބަލިނުވެ ކޮލިފައިވި ހަމައެކަނި ޓީމެވެ. ޖޯޑަންގެ ކުރިއަށް ގްރޫޕް ބީގެ އެއްވަނަ ކޮރެއާއިން ހޯދިއިރު ކޮލިފިކޭޝަން ޔަގީން ކުރީ މިދިޔަ އަހަރުގެ ޖޫންމަހު އިރާގުގެ މައްޗަށް 2 - 0 ން ހޯދި މޮޅާއެކު އެވެ.
ވޯލްޑްކަޕުގެ ތާރީހަށް ބަލާއިރު 38 މެޗު ކުޅުނުއިރު ކޮރެއާއިން ވަނީ 7 މެޗުން މޮޅުވެ 10 މެޗު އެއްވަރުކޮށްފަ އެވެ. ނަމަވެސް 21 މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.
1934 އަދި 1962 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ރަނަރަޕް މަގާމު ހޯދި ޗެކްރިޕަބްލިކުން މިފަހަރުގެ ވޯލްޑްކަޕުން ޖާގަ ހޯދީ ޔޫއެފާ ކޮލިފައިން ގްރޫޕްގައި ކްރޮއޭޝިއާގެ ފަހަތުން ދެވަނަ ހޯދާ ޕްލޭއޮފް ކުޅެގެންނެވެ. މިދިޔަ މާޗުމަހު ކުޅެވުނު ޕްލޭއޮފް ދެމެޗު ވެސް ޗެކުން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ.
އުތުރު އަޔަލޭންޑުގެ މައްޗަށް ސެމީގައި ކުރި ހޯދިއިރު ޕްރޭގުގައި ޑެންމާކު އަތުން ވެސް މޮޅުވީ ވެސް ޕެނަލްޓީގަ އެވެ. މީގެކުރިން ޗެކުން 1930-1994 އާ ދެމެދު ކުޅެވުނު ވޯލްޑްކަޕު ތަކުގައި ވާދަކުރީ ޗެކްސްލޮވޭކިއާގެ ނަމުގަ އެވެ، އަދި 1998-2014 އާ ހަމައަށް ވާދަކުރީ ޗެކް ރިޕަބްލިކްގެ ނަމުގަ އެވެ.
މިހާތަނަށް ވޯލްޑްކަޕުގައި 33 މެޗު ކުޅެފައިވާ ޗެކުން ވަނީ 12 މެޗު ކާމިޔާބުކޮށް 5 މެޗުން އެއްވަރުވެފަ އެވެ. އަދި 16 މެޗުން ބަލިވެެފަ އެވެ. މިފަހަރުގެ ވޯލްޑްކަޕާ ޗެކުން ކުރިމަތިލަނީ ކޯޗު މިރޮސްލާވް ކޯބެކްއާއެކު އާ އަޒުމެއްގަ އެވެ.
ދެކުނު ކޮރެއާއިން ޖެހިޖެހިގެން 11 ވަނަ ވޯލްޑްކަޕަށް ނުކުންނައިރު މިއަށްވުރެ ދިގު މުއްދަތެއްގައި ވޯލްޑްކަޕުގައި ދެމި އޮންނަމުން އައިސްފައިވަނީ ހަމައެކަނި ޖަރުމަނާއި ބްރެޒިލް، އާޖެންޓީނާ އަދި ސްޕެއިން އެކަންޏެވެ.
2022 ގައި ގަތަރުގައި އޮތް ވޯލްޑްކަޕުގައި ގްރޫޕް ސްޓޭޖުން މުބާރާތަށް އަލްވަދާއު ކިޔުމުގެ ކުރިން އެޓީމުން ވަނީ ޖެހިޖެހިގެން އެންމެ ގިނައިން ގަދަ 16 ބުރުން މުބާރާތުން ކެޓި ޓީމުގެ ރެކޯޑް ހަދާފަ އެވެ. އެއީ 7 ފަހަރު އެވެ.
ދެކުނު އެފްރިކާއިން އެމީހުން 4 ވަނަ ފައިނަލުގައި ވާދަކުރާއިރު މޮޅެއް ނުވެވި އެޓީމު ދާން ޖެހުނީ އެމީހުން އަލަތު 1998 ގެ ވޯލްޑްކަޕުގައި އެކަންޏެވެ. ގްރޫޕް ސްޓޭޖަށްވުރެ ކުރިއަށް ދެކުނު އެފްރިކާއަށް ދެވިފައި ނެތް ނަމަވެސް 2002 ވަނަ އަހަރު 1 - 0 ން ސްލޮވޭނިއާގެ މައްޗަށް ކުރިހޯދިއިރު 2010 ގައި ދެކުނު އެފްރިކާއިން ވަނީ ދުނިޔޭގެ ގަދަބާރު ފްރާންސް 2 - 1 ން ބަލިކޮށްފަ އެވެ.
ޗެކް ރިޕަބްލިކަކީ މަދުވެގެން ދެފަހަރު ވޯލްޑްކަޕެއްގެ ފައިނަލަށް ދުވަހަކު ވެސް ތަށި އުފުލާނުލެވި ދަތުރު ކުރި 3 ޓީމުގެ ތެރެއިން އެއް ޓީމެވެ. ހަންގޭރީން ވެސް ވަނީ ދެފަހަރު ފައިނަލުން ބަލިވެފަ އެވެ. އެއީ 1938 އަދި 1954 ވަނަ އަހަރު އެވެ. ތަށި ނުލިބި އެންމެ ގިނަ ފައިނަލަށް ދަތުރުކުރި ގައުމަކަށް އޮތީ ނެދަލޭންޑްސް އެވެ. އެއީ 1974، 1978 އަދި 2010 ވަނަ އަހަރު އެވެ.




