މިރޭ ފަށާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓް ކަމަށްވާ ވޯލްޑް ކަޕް 2026 ގެ ފޯރި ގެނައުމަށާއި މެޗުތައް ބެލުމަށް ކުޅުދުއްފުށީގައި ކުލަބް ބޭލާއިން ވަރުގަދަ ތައްޔާރީތަކެއް ވެއްޖެ އެވެ.
މިއަހަރުގެ ވޯލްޑްކަޕް އޮންނާނީ މެކްސިކޯ، ކެނެޑާ އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގަ އެވެ. ވޯލްޑްކަޕަކީ އަބަދުވެސް ދިވެހިން ބަލަމުން އަންނަ އަދި ގިނަ އިނާމުތަކާ ހަރަކާތްތަކާއެކު ބޮޑު ފޯރިއެއް ރާއްޖޭގައި ފެނިގެންދާ އިވެންޓެކެވެ.
އެގޮތުން މިއަހަރު ކުޅުދުއްފުށީގައި ވޯލްޑް ކަޕް ފޯރި ގެނައުމަށް އެންމެ ބޮޑެތި ތައްޔާރީތަކެއް ވެފައިވަނީ ކުލަބް ބޭލާއިންނެވެ. ބޭލާއިން އިންތިޒާމުކޮށްގެން ވޯލްޑްކަޕު ބެލުމަށް ވަނީ ގިނަ ކަންތައްތަކެއް ކޮށްފަ އެވެ. އެގޮތުން ވޯލްޑްކަޕް ދިދަ ދަމާ އެކި ގައުމުތަކުގެ ދިދަތައް ފާރުގައި ކުރެހުމާއި އަދި ވޯލްޑްކަޕްގެ ފޯރި އެއްތަނަކުން ގެނައުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.
ކުޅުދުއްފުށީ ނެސްޓް ބޭލާއިން މުބާރާތް ބެލުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާއިރު ކޭއޯއާ ވާހަކަދައްކަމުން ބޭލާގެ އިންތިޒާމު ކޮމެޓީގެ މެމްބަރު މުހައްމަދު ނާއިލް މޫސާ ބުނީ މި އިވެންޓް އަދި މިފޯރި ގެނައުމުގެ ބޭނުމަކީ ކުލަބް ބޭލާގެ މެމްބަރުންނާއި އެއްބައިވަންތަކަން ގާއިމުކޮށް ގިނަ ބަޔަކަށް އެއްތަނަކުން މުބާރާތުގެ މެޗުތައް ބެލޭނެ ގޮތް ހެދުން ކަމަށެވެ.
އެހެން އަހަރުތަކުގައި ވެސް މިފޯރިއާއެކު ވޯލްޑްކަޕަށް ތައްޔާރުވާއިރު ނާއިލް ބުނީ މިއީ ކުރީގެ މެމްބަރުން ކުރި މަސައްކަތްތައް ދިރުވާ އާލާކޮށް އިތުރު ހަރުފަތަކަށް ގެންގޮސް އިތުރަށް ފޯރިގަދަ ކުރުމަށް ކުރެވެމުން އަންނަ ކަމެއް ކަމަށެވެ. ހުރިހާ މެޗެއް ވެސް ބޭލާގެ ވޯލްޑްކަޕް އަޅުވާ ސަރަހައްދުގައި ދައްކާނެކަން ނާއިލް ފާހަގަކުރި އެވެ.
އަދި އޭނާ ފާހަގަކުރީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ފުރަތަމަ ރޭ ފެށުމަށް ހަމަޖެހިފައިވަނީ މޫސުން ތަންދޭނަމަ ބޮޑުބެރު ޝޯއަކާއެކު ކުޑަ ކެއުމަކުން ކަމަށެވެ. އަދި ބޭލާ ވޯލްޑްކަޕް ފޯރި ފެށިގެންދަނީ ދައްސޫރަ ބޮޑުބެރު ގްރޫޕުގެ ބޮޑުބެރު ޝޯ އަކުންނެވެ. އަދި މި މަސައްކަތްތައް ތައްޔާރުކޮށް އެކި ގޮތްގޮތުން ބޭލާއަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ބޭލާއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.