މިފަހަރުގެ ފީފާ ވޯލްޑްކަޕުގައި މިސްރުން ވާދަކުރާނީ އެޓީމުގެ ޖޯޒީއިން ރަމްޒުކޮށްދޭ ރެކޯޑް އެފްކޮން ކާމިޔާބީ ދައްކުވައިދޭ 7 ތަރިއާ ނުލަ އެވެ.
މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކުރިގޮތުގައި 7 ތަރި ޖޯޒީއިން ނެގުމަށް އެ އެސޯސިއޭޝަނަށް ފީފާއިން ވަނީ އަންގާފަ އެވެ. މިސްރުގެ ޖާޒީއިން ރަމްޒުކޮށްދޭ 7 ތަރިއަކީ އެފްރިކަން ޗެމްޕިއަންކަން އެޓީމުން ރެކޯޑް 7 ފަހަރަށް ކާމިޔާބުކޮށްފައިވާ އޮތުމުން އެޓީމުން ޖަހާފައިވާ 7 ތަރި އެވެ.
އެހެންނަމަވެސް އެކަން ފީފާގެ ގަވައިދުތަކަށް ނުފެތޭތީ ފީފާއިން ވަނީ މިއަހަރުގެ ކުރީކޮޅު އެންގި އެންގުން ހަނދާންކޮށްދީފަ އެވެ. މިސްރުގެ ފެޑެރޭޝަނުގެ މީޑިއާ އޮފިސަރު މުހައްމަދު މުރާދު ތަބެޓް އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ބުނީ މިއީ ރުޓީން ކަމެއް ކަމަށެވެ. މީގެ 4 މަސްދުވަސް ކުރިން ފީފާއިން އެއެސޯސިއޭޝަނަށް ވޯލްޑްކަޕު މެޗުތައް ކުޅޭއިރު ތަރިތައް ނެގުމަށް އަންގާފައިވާ ކަމަށެވެ.
"މިއީ ހަމަ ފީފާއަށް ހަނދާންކޮށްދިނުން، މިއީ ރުޓީން ފިޔަވަޅެއް، ގައުމީ ޓީމަށް މިކަން ދިމާވާނެކަން ކުރިން ވެސް އޮތީ އެނގިފައި އަދި އެކަމަށް ކުރީބައިގައި ވާންޖެހޭ ތައްޔާރީތައް ހުންނާނީ ވެފައި" މީޑިއާ އޮފިސަރު ބުންޏެވެ.
އާންމުކޮށް މިކަހަލަ ކާމިޔާބީތަކަށް ތަރި ޖާޒީގައި ޖެހުމަކީ ގައުމީ ޓީމުތަކުން އަމިއްލަ އިސްނަގައިގެން އަމިއްލަ ބާރުގައި ކުރާ ކަމެކެވެ. އަދި އެކި ގައުމީ ފެޑެރޭޝަންތަކުން ގައިޑްލައިނަށް އަމަލުކުރަނީ އެކި ގޮތަށެވެ. އެހެންނަމަވެސް ވޯލްޑްކަޕަށް ފީފާއިން އަންގަނީ ޖާޒީގައި ތަރި ޖެހޭނީ ހަމައެކަނި އެމުބާރާތުގައި ހޯދާ ކާމިޔާބީތަކަށް ބަލާފަ އެވެ.
މީގެކުރިން މިނޫން ގޮތަކަށް ކަންތައް ކުރުމުގެ ހުއްދަ ލިބުނީ ހަމައެކަނި އުރުގުއޭއަށެވެ. އެއީ 4 ތަރި ޖެހުމުގެ ހުއްދަ އެވެ. 1930 އަދި 1950 ގައި ހޯދި ވޯލްޑްކަޕް ކާމިޔާބީއާއި 1924 އަދި 1928 ގައި ހޯދި އޮލިމްޕިކް ގޯލްޑް މެޑަލްގެ ކާމިޔާބީ ރަމްޒުކުރުމަށެވެ. މި ދެމުބާރާތަކީ ވެސް ފީފާއިން އިންތިޒާމުކުރި ދެ މުބާރާތެކެވެ.
2018 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑްކަޕަށް މިސްރުން އެނބުރި އައިއިރު ރަޝިއާގައި އެފަހަރު އޮތް ވޯލްޑްކަޕުން އެޓީމު ވަނީ ކުޅުނު 3 މެޗުން ވެސް ބަލިވެފަ އެވެ. އަދި 2018 ގެ ކުރިން އެޓީމު ވޯލްޑްކަޕުގައި ވާދަކުރީ 1934 އަދި 1990 ގަ އެވެ. އަދި މިހާތަނަށް ވޯލްޑްކަޕެއްގައި މެޗަކުން މޮޅުވެފައެއް ނުވެ އެވެ.
މީގެ އިތުރުން މިގަވާއިދުތަކަށް ރިއާޔަތްކޮށް ފީފާއިން ވަނީ އިތުރަށް ރިކުއެސްޓެއްކޮށްފަ އެވެ. މުރާދު ފާހަގަކުރި ގޮތުގައި ފީފާއިން ވަނީ ޖާޒީ ނަމްބަރުތައް ރަން ކުލައިން ހުދު ކުލައަށް ބަދަލުކުރަން އަންގާފަ އެވެ. އަދި އެހެން ވުމާއެކު ޖާޒީ ހަދާ ޕޫމާއިން ވަނީ ރަން ކުލައިން ހުދު ކުލައަށް ނަމްބަރުގެ ކުލަތައް ބަދަލުކޮށްފަ އެވެ. އެއީ ނަމްބަރުތައް ރީޗަށް ކިޔަން އެނގޭނެހެން ސާފުކޮށް ފެންނާނެ ގޮތް ހެދުމަށެވެ.
މިފަހަރުގެ ވޯލްޑްކަޕު މިސްރަށް ފެށޭނީ މާދަމާ ރޭ ބެލްޖިއަމާ ދެކޮޅަށް ސިއޭޓަލްގައި ކުޅޭ މެޗުންނެވެ. އޭގެ 6 ދުވަސްފަހުން ވެންކޫވާގައި ނިއުޒިލޭންޑާއި ދެކޮޅަށް ނުކުންނަން ޖެހޭއިރު ގްރޫޕް ބުރުގެ ފަހު މެޗުގައި 26 ޖޫންގައި މިސްރުން ނުކުންނާނީ ސިއޭޓަލްގައި އިރާނާ ދެކޮޅަށެވެ.




