ވޯލްޑްކަޕެއްގައި ސްވިޑަންއަށް ކުޅެދިން ފުރަތަމަ މެޗުގައި އެލެކްސާންޑަރ އިސާކް އަދި ވިކްޓަރ ގިއޮކަރޭސް ވިދާލިއިރު އަމަދު ޑިއާލޯގެ ލަނޑާއެކު އައިވަރީ ކޯސްޓް ވެސް މޮޅުވެއްޖެ އެވެ.
ލިވަޕޫލުގެ ފޯވާޑް އިސާކް މިދިޔަ ސެޕްޓެމްބަރު މަހު 125 މިލިއަނަށް ލިވަޕޫލަށް ސޮއިކުރި ފަހުން އަނިޔާތަކުން އަދި ސަލާމަތްނުވެ އެވެ. ނަމަވެސް އޭނާގެ އަލަތު ވޯލްޑްކަޕުގައި ރޭ ޓިއުނީޝިއާއާ ދެކޮޅަށް ކުޅުނު މެޗުގެ 30 ވަނަ މިނެޓުގައި ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިގެން ލަނޑެއް ވެސް ޖަހާފަ އެވެ.
މި ލަނޑަކީ އޭނާގެ އެޓޭކިން ޕާޓްނަރު އަދި އާސެނަލަށް ކުޅޭ ވިކްޓަރ ގިއޮކަރޭސް މެދު ރޮނގާ ހިސާބުން ޖައްސާލި ބޯޅައަކުން އުފެދުނު ފުރުސަތެއްގައި އިސާކް ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗު ފެށިގެން 7 ވަނަ މިނެޓުގައި ސްވިޑަންގެ ޔާސިން އަޔާރީ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެން ލީޑު ނަގައިދީފައި އޮއްވާ އިސާކްގެ ލަނޑާއެކު ސްވިޑަން އިތުރަށް ލީޑު ފުޅާކުރި އެވެ.
22 އަހަރުގެ ބްރައިޓަން މިޑްފީލްޑަރު ޔާސިން އަޔާރީގެ ބައިނަލްއަގްވާމީ ކެރިއަރު ފެށުނީ ކޮވެންޓްރީ ސިޓީގައި 2023 ގަ އެވެ. އޭނާ ވަނީ ވޯލްޑްކަޕެއްގައި ސްވިޑަނަށް ލަނޑެއް ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފަ އެވެ. އެއީ 1990 ގައި ތޯމަސް ބްރޯލިން އެރެކޯޑް ހެދިފަހުންނެވެ. އެހެންނަމަވެސް އަޔާރީ ވަނީ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަން ދެކޮޅު ހަދާަފަ އެވެ. އެއީ އޭނާގެ ބައިނަލްއަގްވާމީ ފުރަތަމަ ގޯލު ޖެހުނީ އޭނާގެ ބައްޕަގެ އުފަން ގައުމާ ދެކޮޅަށް ކަމަށް ވުމުންނެވެ.
މިއަދު ހެނދުނު ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓިއުނީޝިއާއިން ގޯލު ފަރަގު ކުޑަަކުރި އެވެ. ހަނިބަލް މެޖްބްރީގެ ހިލޭޖެހުމަކުން ނަގައިދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މިލަނޑު ޓިއުނީޝިއާއަށް ޖަހައިދިނީ ޑިފެންޑަރު އޮމަރު ރެކިކް އެވެ.
އެހެންނަމަވެސް ދެވަނަ ހާފުގައި ވެސް ގަދަކޮށް ނުކުތް ސްވިޑަންއިން 59 ވަނަ މިނެޓުގައި ވަނީ ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. އިސާކްގެ އެސިސްޓަކުން ގިއޮކަރޭސް އެލަނޑު ޖަހައިދިންއިރު 4 ވަނަ ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މަތިއަސް ސްވަންބާގް ކާމިޔާބުކޮށްދިން ލަނޑެކެވެ. 5 - 1 ން ސްވިޑަން މޮޅުވި މިމެޗުގެ ފަހު ލަނޑު އެޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޔާސިން އަޔާރީ އެވެ.
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އަމަދު ޑިއާލޯގެ 90 ވަނަ މިނެޓުގެ ލަނޑާއެކު ފިލަޑެލްފިއާގައި އައިވަރީ ކޯސްޓުން އެކުއަޑޯ ބަލިކޮށް ވޯލްޑްކަޕް ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ.
މެޗުގެ އެންމެ ފަހު މިނެޓުގައި ވިލްފްރައިޑް ސިންގޯގެ ބާރު ދުވުމަކުން އުފެދުނު ފުރުސަތެއްގައި ބޯޅަ ގޯލު ކަނަށް ޑައިވާޓްކޮށްލައިގެން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ އަމަދު ކާމިޔާބުކޮށްދިން ލަނޑާއެކު މެޗު ނިމުނީ 1 - 0 ން އައިވަރީ ކޯސްޓް މޮޅުވެގެންނެވެ.
12 އަހަރުފަހުން ވޯލްޑްކަޕަށް އެނބުރި އައި އައިވަރީ ކޯސްޓުން މިއަދު ފަތިހު ކުޅުނު މިމެޗުގެ ފުރަތަމަ 11 ގައި އަމަދު ނުހިމެނެ އެވެ. ގިނަ ބަޔަކަށް މިކަން އައި ހައިރާންކަމެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރާ ނަތީޖާ އަނބުރާލަދިނުމާއެކު ގްރޫޕް އީ އިން ގަދަ 32 ވަނަ ބުރަށް ކޮލިފައިވުމަށް ވަރަށް ބޮޑު ފުރުސަތެއް ލިބިގެންދާނެ އެވެ.
މިގްރޫޕްގައި ދެން ހިމެނެނީ އެކުއަޑޯގެ އިތުރުން ޖަރުމަނާއި ކުރަސާއޯ އެވެ. އިއްޔެ ރޭ ޖަރުމަނާއި ކުރަސާއޯ ބައްދަލުކުރި މެޗު ޖަރުމަނުން ކާމިޔާބުކުރީ 7 - 1 ގެ ބޮޑު ތަފާތަކުން ފަސޭހަކަމާއެކު އެވެ. އެހެންކަމުން މިއަދު އައިވަރީ ކޯސްޓުން މިހޯދި މޮޅާއެކު އެޓީމުގެ ތާރީހުގައި އަލަށް ނޮކްއައުޓް ބުރަށް ދިއުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑުވެފަ އެވެ.




