މިފަހަރުގެ ވޯލްޑްކަޕުގެ ފުރަތަމަ މެޗުގައި ރޭ ޖަރުމަނުން އަލަށް ވާދަކުރާ ކުރަސާއޯ ކޮޅަށް ޖެހި 7 ގޯލާއެކު ހަނދާންްތައް ދަނީ މީގެ 12 އަހަރު ކުރިން 2014 ގައި އޮތް ވޯލްޑްކަަޕަށެވެ.
ރޭ ގްރޫޕް އީގެ ފުރަތަމަ މެޗުގައި ވޯލްޑްކަޕުގައި އަލަށް ވާދަކުރާ އަދި މުބާރާތުގެ ތާރީހުގައި ވެސް ވާދަކުރާ އެންމެ ކުޑަ ގައުމު ކަމަށްވާ ކުރަސާއޯ އަތުން ހަތަރުފަހަރުގެ ޗެމްޕިއަން ޖަރުމަނުން މޮޅުވީ 7 - 1 ންނެވެ.
މި ނަތީޖާއާއެކު ގިނަ ބައެއްގެ ހިތަށް އަންނާނީ މީގެ 12 އަހަރުކުރިން އޮތް ވޯލްޑްކަޕްގެ ސެމީ ފައިނަލެވެ. އެފަހަރުގެ ސެމީގައި ވެސް ޖަރުމަނުން މިނަތީޖާ ވަނީ ނެރެފަ އެވެ. ނަމަވެސް އެފަހަރު މިފަހަރަށްވުރެ ހާއްސަ އެވެ. އެފަހަރުގެ ސެމީ ޖަރުމަނުން 7 - 1 ން ކާމިޔާބުކުރީ ވޯލްޑްކަޕް ތާރީހު ދުށް އެންމެ ކާމިޔާބު އަދި ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް ބަލިކޮށެވެ.
ޖަރުމަނުން ރޭގެ މެޗު ހަމަ އެ ނަތީޖާއިން ކާމިޔާބުކުރުމުން ޖަރުމަނުގެ ގިނަ ސަޕޯޓަރުންތައް އެއުފާފާޅުކޮށް "އައިކޯނިކް" ކާމިޔާބީގެ ވާހަކަ ދައްކާއިރު އެދުވަހުގެ ނަތީޖާއިން ރޮއްވާލި ބްރެޒިލްގެ ސަޕޯޓަރުންގެ ހިތުގައި އަނެއްކާވެސް އެހަނދާންތައް މިވަނީ އާވެފަ އެވެ. އަދި ގިނަ ބަޔަކު އަންނަނީ އެވާހަކަ ދައްކަމުންނެވެ.
ރޭގެ މެޗުގެ 5 ވަނަ މިނެޓުގައި ފެލިކްސް އެންމެޗާގެ ލަނޑުން ވަރަށް ކުރީކޮޅު ޖަރުމަނު ލީޑު ނެގި އެވެ. ފްލޯރިއަން ވާޓްސްގެ ރީތި ބޯޅައަކުން ފެލިކްސް މިލަނޑު ޖަހައިދިން ނަމަވެސް ދެން އައީ އެންމެން ސިހުވާލި ދަނޑިވަޅެކެވެ.
އެންމެ 155000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކެރީބިއަންގެ ކުޑަކުޑަ ރަށަކުން ދުނިޔޭގެ އެންމެ ކާމިޔާބު އެއް ޓީމު އަދި ވޯލްޑްކަޕުގެ ގަދަބާރު ޖަރުމަނު ކޮޅަށް ޖެހި ލަނޑާއެކު ކުރަސާއޯ ކުޅުންތެރިންގެ މޫނަށް އުފާވެރިކަން އައިއިރު މުޅި ދުނިޔެ ދިޔައީ ސިހުމަކަށެވެ.
އަލަތު ވޯލްޑް ކަޕުގައި އަލަތު ގޯލް ޖަރުމަނާއި ދެކޮޅަށް ޖަހާލެވުމަކީ ކުރަސާއޯއަށް ލިބިގެންދިޔަ ބޮޑު ފަހުރެކެވެ. ޒިއުރިކްގެ މިޑްފީލްޑަރު ލިވާނީ ކޮމެނެންސިއާ ވަނީ "ބްލޫ ވޭވް" ގެ ތާރީހުގައި އޭނާގެ ރަން އަކުރުން ފަވާލާފަ އެވެ. 21 ވަނަ މިނެޓުގައި އޭރިއާ ބޭރު ރޮނގުމަތިން ކަހަލަ ގޮތަކަށް ލިވާނޯ ފޮނުވާލި ބޯޅަ ގޯލަށް ވަންއިރު ޖަރުމަނުގެ ކީޕަރު ނޯޔާއަށް އެހަމަލާ ހުއްޓުވޭ ގޮތެއް ނުވި އެވެ.
މިލަނޑާއެކު ޖަރުމަނަށް ވެސް ސިހުން ލިބުނެވެ. ނަމަވެސް މާގިނައިރު ތަކެއް ނުވެ ރިކަވާކޮށް ޖަރުމަނުން ކުޅުން ވަރުގަދަކުރި އެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ އިތުރު 6 ލަނޑު ޖަހާ މެޗު ކާމިޔާބުކޮށްފަ އެވެ. ޖަރުމަނުގެ އަނެއް ހަލަނޑު އެޓީމަށް ޖަހައިދިނީ ކައި ހަވާޓްސްގެ ދެލަނޑުގެ އިތުރުން ނިކޯ ޝްލޮޓަރބެކް، ޖަމާލް މުސިއާލާ އަދި ބްރައުންއާ ޑެނިޒް އުންޑަވް އެވެ.
މިމޮޅަކީ ޖަރުމަނަށް މުހިންމު މޮޅަކަށް ވެސް ވާނެ އެވެ. 2014ގައި ވޯލްޑްކަޕް ހިއްލާލި ޖަރުމަނު ވަނީ ހިތި ގޮތަކަށް ވޭތުވެދިޔަ ދެ ވޯލްޑްކަޕް ގްރޫޕް ސްޓޭޖުން ކަޓާފަ އެވެ. އެހެންކަމުން މިފަހަރުގެ ވޯލްޑްކަޕަކީ އެޓީމު އެނބުރި އަންނަން ކުރާ މަސައްކަތުގައި މުހިންމު މުބާރާތަކަށް ވާނެ އެވެ. އަދި ފަސްވަނަ ތަރި ހޯދުމަށް ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމަކަށް ވެގެންދާނެ އެވެ




