ރޭގެ ވޯލްޑްކަޕް މެޗުތަކަކީ ތަރިންނަށް ހާއްސަ ފުޓްބޯޅައިގެ އެންމެ ބޮޑެތި ނަންތައް ވޯލްޑްކަޕުގައި ވިދާލި ރެ އެކެވެ. އެހެންނަމަވެސް ތަރިންނަށް ވުރެ ވެސް މަތިން ވިދާލީ ފުޓްބޯޅަ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ އަދި ލެޖެންޑް ލިއޮނަލް މެސީ އެވެ.
ރޭގެ ފުރަތަމަ މެޗުގައި ފްރާންސަށް ދެލަނޑު އެމްބާޕޭ ޖަހައިދިންއިރު ދެވަނަ މެޗުގައި ނޯވޭއަށް ހާލަންޑް ވެސް ދެ ގޯލު ޖަހައިދިނެވެ. އެއާއެކު ވޯލްޑްކަޕްގެ ފޯރި ގަދަވެގެންދިޔަ އެވެ.
ނަމަވެސް މިއަދު ހެނދުނު އަލްޖީރިއާއާއި އާޖެންޓީނާ ބައްދަލުކުރި މެޗަކީ މެސީގެ ކުޅަދާނަކަމެވެ. އޭނާގެ ފުރަތަމަ ވޯލްޑްކަޕް ހެޓްރިކް ހެދިއިރު ވޯލްޑްކަޕުގެ ތާރީހުގެ އެންމެ ގިނަ ލަނޑު ޖެހި ރެކޯޑާ ޖުމްލަ 16 ލަނޑާއެކު އޭނާ ވަނީ އަރާ ހަމަކޮށްފަ އެވެ.
3 - 0 ން އާޖެންޓީނާއިން އަލްޖީރިއާގެ މައްޗަށް ކުރިހޯދިއިރު ހުރިހާ ކަމެއްގެ މެދުގައި ހުރި އިންޖީނަކީ މެސީ އެވެ. ކެންސަސް ސިޓީގައި ކުޅެވުނު މިމެޗާއެކު 38 އަހަރުގެ މެސީ ވަނީ 6 ވޯލްޑްކަޕެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އެންމެ ވާދަވެރި ރޮނާލްޑޯއަށް ވުރެ މިރެކޯޑް މެސީ މިވަނީ ހަދާފަ އެވެ. އެހެންނަމަވެސް މިރޭ ޕޯޗުގަލް މެޗުގައި ރޮނާލްޑޯ ކުޅެފިނަމަ އޭނާ ވެގެންދާނީ 6 ވޯލްޑްކަޕެއްގައި ކުޅުނު ދެވަނަ ކުޅުންތެރިޔާ އަށެވެ.
މީގެ 20 އަހަރުކުރިން އަލަތު ވޯލްޑްކަޕުގައި މެސީ އުމުރުން 18 އަހަރުގައި 2006 ވަނަ އަހަރު ކުޅުނުއިރު އަނެއްކާވެސް މިވަނީ އޭނާގެ ގައުމަށް ކުޅެދިން 200 ވަނަ މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗަށްފަހު މެސީ ބުނެފައިވަނީ މިކާމިޔާބީތައް އާއިލާއާ ޓީމްމޭޓުންނާއި އަބަދުވެސް އޭނާގެ ކައިރީގައި ތިބި މީހުންނާއެކު ފާހަގަކުރަން ލިބުމަކީ ވަރަށް އުފާވެރި ރީތި މަންޒަރެއް ކަމަށެވެ. އަދި އާޖެންޓީނާގެ ސްކޮޑަކީ ވަރަށް ގުޅިގެން ކުޅޭ ވަރުގަދަ ޓީމެއް ކަމަށާއި އުދަނގޫ މެޗަކުން މޮޅުވުމުން ވަރަށް ނަސީބު ރަނގަޅު ކަމަށް އޭނާ ބުންޏެވެ.
އަދި މޮޅަކުން މުބާރާތް ފެށުމަކީ މުހިންމު ކަމެއް ކަމަށާއި ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށް މެސީ ބުންޏެވެ. އާޖެންޓީނާއިން މިކަމާ އުޅޭކަން އަންގައިދީ ދަނޑުތައް ފުރާލާފައިވާ ކަން ވެސް އޭނާ ފާހަގަކުރި އެވެ. އަދި އާޖެންޓީނާގެ ހެޑް ކޯޗު ވެސް ބުނީ މެސީގެ މޮޅުކަމާމެދު ބުނާނެ ބަހެއް ނެތް ކަމަށެވެ. އަދި 20 އަހަރުވަންދެން ވެސް މިކަހަލަ މޮޅު ކުޅުމެއް ދެއްކިއިރު އޭނާގެ ކުޅުން ބަލާ އެތައް ބަޔަކަށް އެކަމުން ފިލާވަޅުތަކެއް ލިބޭކަން އޭނާ ފާހަގަކުރި އެވެ.
ރޭގެ ވޯލްޑްކަޕް މެޗުތައް ފެށިގެންދިޔައީ ފްރާންސާއި ސެނެގާލް ބައްދަލުކުރި މެޗުންނެވެ. ފޯރިގަދަ ކުޅުމެއް އެމެޗުން ފެނުނުއިރު ފްރާންސަކީ މިފަހަރުގެ ވޯލްޑްކަޕުގައި ގިނަ ބަޔަކު ފާހަގަކުރާ ގޮތުން އެންމެ ވަރުގަދަ ޓީމެވެ. އެމްބާޕޭއާއި ބެލަންޑިއޯ ޗެމްޕިއަން ޑެމްބެލޭ އަދި އޮލީސޭ ކަހަލަ ކުޅުންތެރިން ހިމެނޭ އެޓޭކެއް ގޮވައިގެން ނުކުތް ފްރާންސަކީ ތަރިން ފުރިފައިވާ ޓީމެކެވެ.
ރޭގެ މެޗު ފްރާންސުން 3 - 1 ން ކާމިޔާބުކުރިއިރު ޓީމުގެ ތަރި އެމްބާޕޭ ވަނީ ދެލަނޑު ޖަހާ ވޯލްޑްކަޕުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުން ކުރިއަށް ޖެހިލާފަ އެވެ. އެއްވަނައާ ހަމަކުރަން އޭނާ ބޭނުންވަނީ 3 ގޯލެވެ. މިވަގުތު އެލިސްޓުގެ އެއްވަނައިގައި އޮތީ ޖަރުމަނުގެ ލެޖެންޑް ކްލޯސާއާއި ލިއޮނަލް މެސީ އެވެ.
އަދި ރޭގެ މެޗުން ޖެހި ލަނޑުތަކާއެކު އެމްބާޕޭ ވަނީ ފްރާންސަށް އެންމެ ގިނަ ލަނޑު ޖަހައިދިން އޮލިވިއާ ޖިރޫޑްގެ ރެކޯޑް ވެސް މުގުރާލާފަ އެވެ. 58 ގޯލު އެމްބާޕޭ ވަނީ ގައުމީ ޓީމަށް ޖަހައިދީފަ އެވެ. ބީބީސީން ރިޕޯޓުކުރި ގޮތުގައި އެ މީޑިއާއާ ވާހަކަދައްކަމުން ރޭގެ މެޗަށްފަހު ޖިރޫޑް ބުނީ އެމްބާޕޭއަށް މަރުހަބާ ކިޔާކަމަށާއި އަދި އޭނާއަށްޓަކައި ވަރަށް އުފާވެއްޖެ ކަމަށެވެ.
އަދި މިއީ އެނގޭ ކަމެއް ކަމަށާއި އޭނާ ހުރިހާ ރެކޯޑެއް ވެސް މުގުރާލާނެކަމާއި ފަސޭހަކަމާއެކު 100 ގޯލު ވެސް ޖަހާނެކަމަށް ބެލެވޭ ކަމަށް ވެސް ޖިރޫޑް ބުންޏެވެ. އެމްބާޕޭ ފްރާންސަށް 58 ލަނޑު ޖަހައިދީފައިވަނީ 99 މެޗުންނެވެ. ރޭގެ މެޗުގައި ފްރާންސްގެ އަނެއް ލަނޑު ޖަހައިދިނީ ބްރެޑްލީ ބާކޯލާ އެވެ. އަދި ސެނެގާލްގެ ހަމައެކަނި ލަނޑަކީ މެޗުގެ ފަހު ވަގުތުގައި އިބްރާހިމް އެމްބާޔޭ ޖަހައިދިން ލަނޑެކެވެ.
ރޭ ދެން ކުޅެވުނު މެޗުތަކަށް ބަލާއިރު އާލިން ހާލަންޑްގެ ދެލަނޑާއެކު ޖުމްލަ 4 - 1 ން ނޯވޭއިން އިރާގުގެ މައްޗަށް ކުރިހޯދިއިރު މިއަދު ފަތިހު އޮސްޓްރިއާ އަދި ޖޯޑަން ބައްދަލުކުރި މެޗު 3 - 1 ން ކާމިޔާބުކުރީ އޮސްޓްރިއާއިންނެވެ. މިއީ 1990 ގެ ފަހުން ވޯލްޑްކަޕެއްގެ މެޗަކުން އޮސްޓްރިއާ މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިފަހަރުގެ ވޯލްޑްކަޕަކީ ޖޯޑަންގެ އަލަތު ވޯލްޑްކަޕް ކަން ފާހަގަކޮށްލެވެ އެވެ.




