ރޭ ގަތަރާއި ދެކޮޅަށް މުބާރާތުގެ ކޯ ހޯސްޓް ކެނެޑާ ނުކުތްއިރު އެމެޗު ވާންޖެހެނީ ކެނެޑާއަށް އަސްލު ހަގީގަތަށް ބުނާނަމަ އުފަލުން ފުރިގެންވާ ތާރީހީ މެޗަކަށެވެ. ބޮޑު މޮޅަކަށެވެ.
40 އަހަރު ފަހުން ފުރަތަމަ ވޯލްޑްކަޕުގައި ކުޅޭ ކެނެޑާއިން ރޭ ވަނީ އަމިއްލަ ފަސްގަނޑުގައި ތާރީހީ ބޮޑު މޮޅެއް ހޯދައިފަ އެވެ. އަމިއްލަ ސަޕޯޓަރުންގެ ބާރު ހަޅޭކާއި ސަޕޯޓުގެ އަޑާއެކު ވެންކޫވާ ދަނޑު ގުގުމާލިއިރު ކެނެޑާއިން ވަނީ ގަތަރު ކޮޅަށް 6 ލަނޑު ޖަހާފަ އެވެ.
ގަދަ 32 ގެ ބުރުން އެޓީމަށް ގާތްގަނޑަކަށް ޖާގައެއް ޔަގީންވާއިރު ރޭގެ މޮޅުގެ އުފާފާޅުކުރުންތަކަށް ހިޔަނި އެޅިގެންދިޔައީ އެޓީމުގެ އިސްމާއިލް ކޯނޭއަށް ލިބުނު ބޮޑު އަނިޔާއާ ގުޅިގެންނެވެ. މިހާދިސާ ހިނގީ ދެވަނަ ހާފު ފެށިގެން 8 މިނެޓު ވީ ތަނާހެންނެވެ. އޭރު 3 - 0 ން ކެނެޑާ އޮތީ ލީޑުގަ އެވެ. ކުރީގެ ވަޓްފޯޑް މިޑްފީލްޑަރު ކޯނޭއަށް ބޯޅަ ލިބުނުތަނާ ބޯޅަ ހޯދުމަށް ގަތަރުގެ އާސިމް މަޑިބޯ މަސައްކަތްކުރި ވަގުތު ކޯނޭއަށް އަނިޔާވީ އެވެ.
އެވަގުތު ކޯނޭގެ މޫނުމައްޗަށް އައި އިޝާރާތާ ވަށައިގެން ތިބި ކުޅުންތެރިންގެ މޫނުމަތިން ލިބުނު އަނިޔާގެ ބޮޑުކަން ބުނެދިނެވެ. 24 އަހަރުގެ ސަސުއޯލޯ މިޑްފީލްޑަރު އިނީ ބިރުން އަދި ޝޮކެއްގަ އެވެ. އޭނާގެ ފައި ބިނދިފައި އޮތްތަން ބޭރަށް ފެނެ އެވެ. އޭނާގެ ޓީމު ކުޅުންތެރިން އެތަނަށް އެވަގުތު އައިއިރު ރެފްރީ ވަނީ މެޑިކަލް ސްޓާފުން ގެނައުމަށް ކުޅުން މެދުކަނޑާލާފަ އެވެ.
ހިތްހަމަނުޖެހުމާއި ރުޅީގެ ސަބަބުން ދެޓީމުގެ މެދުގައި ދެބަސްވުމެއް ހިނގާ ދެޓީމު ކޯޅެން ވެސް ފެށި އެވެ. އަށިގަނޑުގައި ކޯނޭ ބޭލި ވަގުތު އޭނާ ވޯލްޑްކަޕް ނިމުމަކަށް އައި ނަމަވެސް އޭނާ ވަނީ އޭނާގެ ސަޕޯޓަރުންނަށް އިޝާރާތެއް ދީފަ އެވެ.
މެޗަށްފަހު ކެނެޑާގެ ކޯޗު ޖެސޭ މާސްޗް ވެސް ބުނީ އެންމެންނަށް ވެސް އޭނާ ކްރައުޑާއި ދިމާލަށް އަތްހޫރާތަން ފެންނާނެ ކަމަށާއި އަދި އެންމެން ހަމައަކަށް އޭނާ އެޅުވި ކަމަށެވެ. އަދި މިއީ އިސްމާއިލްގެ ހާއްސަކަމެއް ކަމަށް އަދި މިޓީމަކީ ވަރަށް ތަފާތު ރަނގަޅު ޓީމެއްކަން އޭނާ ފާހަގަކުރި އެވެ.
ކޯނޭގެ އަނިޔާއަށްފަހު ވެސް ކުޅުންތެރިން ވަނީ އެނބުރި ކުޅުމުގެ ތެރެއަށް އައިސް އިތުރު 3 ގޯލު ވެސް ޖަހާފަ އެވެ. ދެވަނަ ހާފުގެ ހައިޑްރޭޝަން ބްރޭކްގައި ކޯޗު މާސްޗްގެ ލޮލުން ކަރުނަ އައެވެ. އަދި ކޯނޭގެ ބަދަލުގައި ކުޅެން އެރި ނޭތަން ސަލީބާ ވަނީ ކެނެޑާގެ 4 ވަނަ ލަނޑު ޖެހުމަށްފަހު ކޯނޭގެ ޖޯޒީ ހިއްލާލާފަ އެވެ.
މާސްޗް އިތުރަށް ބުނީ ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި އައިސް ކާމިޔާބު ކެރިއަރެއްގައި ކޯނޭ ކުޅޭނެކަމަށެވެ. އަދި ހައިޑްރޭޝަން ބްރޭކްގައި އޭނާ ޓީމުގެ ކުޅުންތެރިން ކައިރީ ކޯނޭ މިމެޗު އަހަރެމެން ނިންމަން ބޭނުންވާނެ ކަމަށް ބުނި ކަމަށާއި އަދި ކުޅުންތެރިން ކުރިހާވެސް ކަމަކީ އެއީ ކަން މާސްޗް ފާހަގަކުރި އެވެ.




