twitterviber whatsapp telegramfacebookyoutube instagram
21st June 2026

އެމެރިކާއާ މެކްސިކޯއާއެކު ޖަރުމަނުން ދެވަނަ ބުރަށް، ތުރުކީއަށް ހިތްދަތި ވަކިވުމެއް

މުޙައްމަދު އަހުމަދު
Jun 21, 2026

ފީފާ ވޯލްޑްކަޕުގެ ގްރޫޕް ބުރުގެ ދެވަނަ މެޗުތައް ނިމެންދާއިރު ގަދަ 32 ވަނަ ބުރުގެ މަންޒަރު މިހާރު އަންނަނީ މަޑުމަޑުން ސާފުވަމުންނެވެ.

މުބާރާތުގެ ހޯސްޓް ތިން ގައުމުގެ ތެރެއިން ދެ ގައުމު މިހާރުވަނީ ގަދަ 32 އަކަށް ދަތުރުކޮށްފަ އެވެ. ނޮކްއައުޓް ބުރަށް އެމެރިކާއާއި މެކްސިކޯ ދަތުރުކޮށްފައިވަނީ އެޓީމުތައް ހިމެނޭ ގްރޫޕްތަކުގެ އެއްވަނައިގަ އެވެ.

ކެނެޑާއަށް އަދި ގްރޫޕުގެ އެއްވަނަ ޔަގީންކުރުމަށްފަހު މެޗަށް އިންތިޒާރުކުރަން ޖެހޭނެ އެވެ. ފުރަތަމަ ދެ މެޗުން 4 ޕޮއިންޓް އެޓީމު ހޯދިއިރު ފަހު މެޗުގައި އަންނަ ބުދަ ދުވަހު ސްވިޒަލޭންޑާ ދެކޮޅަށް ކުޅޭ މެޗުން ގްރޫޕް ބީގެ ޗެމްޕިއަނުން އެނގިގެންދާނެ އެވެ.

ގްރޫޕް ސްޓޭޖަށްފަހު ޖުމްލަ 32 ޓީމު އަނެއް ބުރަށް ދަތުރުކުރާނެ އެވެ. އެއީ ކޮންމެ ގްރޫޕެއްގެ އެންމެ މޮޅު ދެޓީމުގެ އިތުރުން 3 ވަނަ ހޯދާ އެންމެ މޮޅު 8 ޓީމެވެ. އަދި މިހާތަނަށް ނޮކްއައުޓް ބުރު ޔަގީންކޮށްފައިވަނީ އެމެރިކާ، މެކްސިކޯ އަދި ޖަރުމަނުންނެވެ.

އެމެރިކާއިން ގްރޫޕް ޑީގައި ބާކީ އެއްމެޗު އޮއްވާ ޕެރެގުއޭ އަދި އޮސްޓްރޭލިއާ ބަލިކޮށް ވަނީ ނޮކްއައުޓް ބުރު ޔަގީންކޮށް ގްރޫޕުގެ އެއްވަނަ ހޯދާފަ އެވެ. ބާކީ ތުރުކީއާ ދެކޮޅަށް ކުޅޭ މެޗު އޮތްނަމަވެސް އެޓީމަށް ދެވަނަ ބުރު ވަނީ ޔަގީންވެފަ އެވެ. އަދި ޖުލައި 1 ވަނަ ދުވަހު ނޮކްއައުޓް ބުރުގައި އެމެރިކާއިން ނުކުންނަން ޖެހޭނީ ގްރޫޕް ބީ، އީ، އެފް، އައި އަދި ޖޭގެ ތެރެއިން ތިންވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ. އެމެޗު އޮންނާނީ ކެލިފޯނިއާގެ ސެންޓަ ކްލާރާގައި ހުންނަ ލީވައިސް ސްޓޭޑިއަމްގަ އެވެ.

ގްރޫޕް އޭގައި މެކްސިކޯއިން ބައިކޮޅަށް ލަނޑެއް ވަނަނުދީ ދެކުނު އެފްރިކާއާ އަދި ދެކުނު ކޮރެއާ އަތުން މޮޅުވެ ގްރޫޕް ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ރައުންޑް އޮފް 32 ގައި މެކްސިކޯ ސިޓީގެ އެސްޓާޑިއޯ އަޒްޓެކާގައި ޖޫން 30 ވަނަ ދުވަހު ނޮކްއައުޓް މެޗުގައި އެޓީމުން ކުޅޭނީ ގްރޫޕް ސީ، އީ، އެފް، އެޗް އަދި އައިގެ ތެރެއިން ތިންވަނައަށް ދާ ޓީމަކާ ދެކޮޅަށެވެ.

ޖަރުމަނުން ގަދަ 32 ވަނަ ބުރުގެ ޖާގައެއް ހޯދީ ގްރޫޕް އީ ކާމިޔާބުކޮށްގެންނެވެ. ޖެހިޖެހިގެން ދެމެޗުން ވެސް އެޓީމު ވަނީ މޮޅުވެފަ އެވެ. ފުރަތަމަ މެޗު ފަސޭހަކަމާއެކު ކުރަސާއޯގެ މައްޗަށް ކުރިހޯދިއިރު ދެވަނަ މެޗުގައި ފަހަތުން އަރާ ރޭ ޖަރުމަނުން އައިވަރީ ކޯސްޓް ބަލިކުރި އެވެ. މިއީ 2014 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރި ފަހުން ނޮކްއައުޓް ބުރަކަށް ޖަރުމަނު ދަތުރުކުރި ފުރަތަމަ ފަހަރެވެ. 2018 އަދި 2022 ވަނަ އަހަރު އެޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ޖަރުމަނުގެ ގަދަ 32 ވަނަ ބުރަށް ބަލާއިރު އެޓީމުން ޖޫން 29 ގައި ބޮސްޓަންގައި ނުކުންނަން ޖެހޭނީ ގްރޫޕް އޭ، ބީ، ސީ، ޑީ އަދި އެފްގެ ތެރެއިން ތިންވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގައި ޖަރުމަނަށް އެކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗު ބާކީ އެބައޮތެވެ. ގްރޫޕްގެ ޗެމްޕިއަންކަން ޖަރުމަނަށް ޔަގީންވީ ރޭ ކުރަސާއޯއާ އެކުއެޑޯ އެއްވަރުވުމުންނެވެ.

މިހާތަނަށް މުބާރާތަށް އަލްވަދާއު ކީ ޓީމުތަކަށް ބަލާއިރު ފާހަގަކޮށްލެވެނީ އެންމެ ބޮޑަށް ތުރުކީ އެވެ. އަދި އޭގެ އިތުރުން ހައިޓީއާއި ޓިއުނީޝިއާ ވެސް ވަނީ މުބާރާތުން ކަޓާފަ އެވެ. ހައިޓީން ސްކޮޓްލޭންޑާއި ބްރެޒިލް އަތުން ބަލިވިއިރު ބާކީ އޮތީ މޮރޮކޯ މެޗެވެ. 1974 ގެ ފަހުން ފުރަތަމަ ވޯލްޑްކަޕްގައި ވާދަކުރާ ހައިޓީއަށް އަދި މިމުބާރާތުގެ ތާރީހަށް ބެލިނަމަވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ގްރޫޕް ޑީގެ ޗެމްޕިއަންކަމަށް ވާދަކުރާނެ ކަމަށް ބެލެވުނު ނަމަވެސް ތުރުކީ ވެސް ވަނީ ހިތްދަތި ގޮތަކަށް މުބާރާތުން ކަޓާފަ އެވެ. އެންމެފަހުން 2002 ވަނަ އަހަރު ވޯލްޑްކަޕުގައި ކުޅުނު ތުރުކީން އެފަހަރު ތިންވަނަ ހޯދި އެވެ. ނަމަވެސް މިފަހަރު އޮސްޓްރޭލިއާ އަދި ޕެރެގުއޭ އަތުން އެޓީމު ބަލިވިއިރު އެޓީމު ވަނީ މުބާރާތުން ކަޓާފަ އެވެ. އަދި ބާކީ އޮތް މެޗުގައި ނުކުންނާނީ އެގްރޫޕުގެ ޗެމްޕިއަން އެމެރިކާއާ ދެކޮޅަށެވެ.

ޓިއުނީޝިއާއިން ފުރަތަމަ މެޗުގައި 5 - 1 ން ސްވިޑަން އަތުން ބަލިވިއިރު މިއަދު 4 - 0 ން ވަނީ ޖަޕާނު އަތުން ވެސް ބަލިވެފަ އެވެ. ފުރަތަމަ މެޗުންވީ ލަދުވެތި ބައްޔާއެކު އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ކޯޗު މަގާމުން ވަކިކޮށް މަޝްހޫރު ކޯޗު ހާވް ރެނާޑް އެމަގާމަށް ގެނައި ނަމަވެސް ރޭ ނަތީޖާ ނުނެރެވި ޓިއުނީޝިއާ ވަނީ މުބާރާތަށް އަލްވަދާއު ކިޔާފަ އެވެ. ގްރޫޕްގެ ފަހު މެޗުގައި އެޓީމު ނުކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355